ރާއްޖެއިން މިއަދު އިތުރު 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިއްޔެ 18:00 ން މިރޭގެ 18:00 އާއި ހަމަޔަށް އިތުރު 24 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. މިއާއެކު ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 2،361 ގަ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެހީންނާއި، ހަތް ބަންގްލަދޭޝް މީހުންގެ އިތުރުން ހަ އިންޑިޔާ މީހެކެވެ.
މިއަދު ބައްޔަށް ޕޮޒިޓިވް 24 މީހަކު ފެނިފައި ވާއިރު، އިތުރު 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައިކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 1،944 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި މިހާރު ފަރުވާދެވެމުންއަންނަނީ 403 މީހަކަށެވެ.
ނުވަ މީހަކު ވަނީ މި ބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ ހަތަރު ދިވެހިން، ބަންގްލަދޭޝްގެ ހަތަރު ރައްޔިތުންގެ އިތުރުން ފިލިޕީންސްގެ ރައްޔިތަކުވެސް ހިމެނެއެވެ.
މިތަނުން އެންމެ ފަހުން ނިޔާވީ ފިލިޕީންސްގެ ރައްޔިތެވެ. އުމުރުން 43 އަހަރުގެ ފިލިޕީންސް މީހާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލިގެ ޑީއެޗް11 ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެވެމުން ދަނިކޮށް މިއަދު 1:50 ހާ އިރުއެވެ. އެ މީހާއަކީ ރާއްޖެއިން ކޮވިޑް ޖެހުނު ހަމަ އެކަނި ފިލިޕީންސްގެ ރައްޔިތެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...