ޚަބަރު މާލެ ސަރަހައްދުގައި މާދަމާވެސް ހުކުރު ނަމާދު ނުކުރާނެ: އިސްލާމިކް މިނިސްޓްރީ

މާލެ ސަރަހައްދުގައި މާދަމާވެސް ހުކުރު ނަމާދު ނުކުރާނެ: އިސްލާމިކް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާވެސް ހުކުރު ނަމާދު ޖަމާއަތުގަ ނުކުރާގޮތަށް ނިންމާފައިވާ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ނިންމަވައިއެކަމާއި ގުޅޭ ސާކިއުލާއެއްވެސް ނެރުއްވާފައެވެ.

ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނާއިބު، ޝައިޚް ނަސްރުﷲ ޢަލީ ވިދާޅުވީ، މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ނިންމާފައި ވަނީ، އެޗްޕީއޭ އާއި އިލުމުގެ މަޖިލީހާއި އެކު މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

ޝައިޚް ނަސްރުﷲ އަލީ ވިދާޅުވީ، ކޯވިޑްގެ ހާލަތާއި ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިން އެފެއާޒުން ނިންމަވާފައިވާ ހުރިހާ ނިންމުމަކީވެސް، ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް، ޓެގްގެ ޑޮކްޓަރުންނާއި، އިލުމުވެރީންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހުގައި ނިންމަވާފައިވާ ނިންމުތަކެއް ކަމަށެވެ.

މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ނިންމާފައި ވަނީ، މާލެ ހުޅުމާލެ އަދި ވިލި މާލޭގެ މިސްކިތްތަކުގައެވެ.

“ކޮމިޓީގައި މަޝްވަރާކުރެވި ނިންމާފައި މިއޮތީ، މާދަމާގެ ހުކުރު ނަމާދު ނުކުރާ ގޮތަށް. ޖަމާއަތުގައި ހުކުރު ނަމާދެއް ނުކުރާނެ އެހެން ނަމަވެސް، މެންދުރު ނަމާދުގެ ޖަމާއަތް ކުރިއަށް ދާނެ.” ޝައިޚް ނަސްރުﷲ އަލީ ވިދާޅުވިއެވެ.

ޝައިޚް ނަސްރުﷲ ވިދާޅުވީ، މާދަމާގެ ހުކުރުގެ ޖަމާއަތް ނުބޭއްވުމަށް ނިންމީ ހުކުރުނަމާދުގެ ޖަމާއަތަކީ އެތައްހާސް ބަޔަކު ބައިވެރިވާ ޖަމާއަތުގެ ނަމާދެއް ކަމަށް ވުމާއި، ހުކުރު ނަމާދުގެ ޖަމާއަތުގައި ގިނަ ވަގުތުތަކެއް ހޭދަވެގެން ދާނެތީ ކަމަށެވެ.

އެމިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން، ފުރަބަންދަށް ލުއިތައްދީ އިއްޔެގެ މަޣުރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރަން ފެށި ނަމަވެސް ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގެ މާދަމާ ހުކުރުގެ ޖަމާއަތް ނުބޭއްވި ނަމަވެސް، ރާއްޖޭގެ އެހެން ރަށްރަށުގައި ހުކުރު ނަމާދުގެ ޖަމާއަތް ބޭއްވޭނެ ކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.