ޔޫރޮޕާ ލީގު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އިނގިރޭސިވިލާތުގެ މަޝްޙޫރު މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސްޕޭނުގެ ސެވިއްޔާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރޭ ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑުން ލީޑް ނެގީ މެޗު ގެ ނުވަ ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ޕެނަލްޓީން ލަނޑު ކާމިޔާބު ކުރީ ބުރުނޯ ފެނާންޑޭޒް އެވެ. މި ސީޒަންގައި ޢާދަޔާ ޚީލާފު ގިނަ ޕެނަލްޓީތަކެއް ލިބިފައިވާ ޔުނައިޓެޑުގެ އެ ޕެނަލްޓީ އަކީ މި ސީޒަންގައި އެޓީމަށް ލިބުނު 22 ވަނަ ޕެނަލްޓީ އެވެ.
ރޭގެ މެޗުގައި ސެވިއްޔާއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 26 ވަނަ މިނެޓްގައި ސާޖިއޯ ރެގޫލެން ތަނަވަސް ކޮށްދިން ފުރުސަތަކުން ސޫސޯއެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ސެވިއްޔާގެ ކޯޗް ހުލެން ލޮޕެޓެގީ ވަނީ ލޫކަސް އޮކޮމްޕޯސްގެ ބަދަލުގައި ލޫކް ޑި ޔޯންގް ކުޅެން ނެރެފަ އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ 78 ވަނަ މިނެޓްގައި ޔުނައިޓެޑްގައި ޖީސަސަ ނާވަސް ތަނަވަސް ކޮށްދިން ފުރުސަތަކުން ޑި ޔޯންގް ލަނޑު ކާމިޔާބުކޮށްދީ އެޓީމު ފައިނަލަސް ގެންގޮސްދިނުމެވެ.
މި މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ އިންޓަ މިލާން އާއި ޝަކްޓާ ޑޮނެސްކް އެވެ. މި މެޗު ފެށުމަސް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މިރޭގެ 12.00 ގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...