ޚަބަރު ޕްރިންސިޕަލުންގެ ނުރުހުމުގައި ވަޒީފާ ބަދަލެއް ނުކުރާނެ – އެޑިޔުކޭޝަން

ޕްރިންސިޕަލުންގެ ނުރުހުމުގައި ވަޒީފާ ބަދަލެއް ނުކުރާނެ – އެޑިޔުކޭޝަން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެއްވެސް ޕްރިންސިޕަލެއްގެ ނުރުހުމުގައި ވަޒީފާ ބަދަލެއް ނުކުރާނެކަމަށާއި، ނަމަވެސް އަލަށް އެކުލަވާލި އުޞޫލާ އެއްގޮތަށް އެއްސްކޫލެއްގައި 8 އަހަރުވުމުން އެހެންސްކޫލަކަށް ބަދަލުވާންޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އަލަށް އެކުލަވާލި އުސޫލާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާއިޝަތު އާޠިޔާ ނަޞީރު ވިދާޅުވީ، މި އުޞޫލާއެކު ޕްރިންސިޕަލުން އެއް ސްކޫލެއްގައި ހުންނާނީ ހަތަރު އަހަރުގެ ދެ ޓާމުގެ ގޮތުގައި ކަމަށެވެ. މިހާރު ތިބި ޕްރިންސިޕަލުންގެ މަގާމު ދެމި އޮންނާނެ ކަމަށާއި ފުރަތަމަ ހަތަރު އަހަރުގެ ޓާމް ފެށިގެންދާނީ އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލު ކަނޑައަޅާ 4 އަހަރުގެ ޓެނިއުއާ ހަވާލުކުރާ ތާރީހުން ފެށިގެންކަމަށް އާޠިޔާ ވިދާޅުވިއެވެ. އާޠިޔާ ވިދާޅުވީ ފުރަތަމަ ހަތަރު އަހަރު ހަމަވުމުން އެހުރި ސްކޫލެއްގައި ހުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެހެން ސްކޫލަކަށް ބަދަލުވާން ބޭނުންވާ ކަމުގައިވާނަމަ އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ. އެހެންނަމަވެސް 8 އަހަރު ވުމުން އެ ސްކޫލަކުން ޕްރިންސިޕަލް ބަދަލުވާން ޖެހޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިޙްސާން ވިދާޅުވީ އެއްވެސް ޕްރިންސްޕަލެއްގެ ނުރުހުމުގައި ވަޒީފާ ބަދަލު ކުރުމުގެ އެއްވެސް ކަމެއް ނުކުރާނެކަމަށާއި، މި އުސޫލްގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި އުސޫލާއި ގުޅިގެން އެކުލަވާލަން ޖެހޭ ހުރިހާ ޤަވައިދުތައްވެސް އެކުލަވާލާނީ މިހާރު ތިބި ޕްރިންސްޕަލުންނާއި އަލަށް ގުޅޭ ޕްރިންސްޕަލުންގެ އެއްވެސް ޙައްޤަކަށް ބަދަލު ނާންނާނެކަމަށް އިޙްސާން ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި މި އުޞޫލާ ގުޅިގެން އެކުލަވާލާ ޤަވާއިދުތައް ހަދާއިރުވެސް ޕްރިންސްޕަލުންގެ ކަނބޮޑުވުންތައް އަޑުއަހައި އެކަންތައް ހައްލުކުރުމަށްވެސް މަސައްކަތް ކުރާނެކަމަށް އިޙްސާން ވިދާޅުވިއެވެ.

“މި އުޞޫލާ އެކު ޤަވައިދުތަކެއްވެސް އެކުލެވިގެންދާނެ. ޓައިމްލައިނެއްވެސް އެކުލަވާލަން އެބަޖެހޭ. މިހާރު ތިބި ޕްރިންސިޕަލުންނާއި އަލަށް ސްކޫލްތަކަށް އައްޔަންކުރާ ޕްރިންސްޕަލުންގެ އެވެސް ހައްޤަކަށް އުނިކަމެއް ނާންނާނެ.” ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އިޙުސާން ވިދާޅުވިއެވެ.

ޕްރިންސްޕަލުން ސްކޫލްތަކުގައި ވަޒީފާ އަދާކުރާނެ މުއްދަތު ކަނޑައެޅުމުގެ ސަބަބުން ލިބިފައިވާ ތަޖުރިބާ އާއި އިލްމު އެހެން މާހައުލެއްގައި ބޭނުންކުރުމުގެ ފުރުސަތު ޕްރިންސިޕަލަށް ލިބިގެންދާނެކަމަށް އެ ޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އޭގެއިތުރުން މިހާރު މަސައްކަތްކުރާ ތަނުގައި ތަޖުރިބާ ކުރެވެން ނެތް އައު ކަންކަން ތަޖުރިބާކޮށް ނަތީޖާ ނެރުމަށް ޕްރިންސިޕަލުންނަށް ލިބިގެންދާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޓެގް

ޕްރިންސިޕަލް އެޑިޔުކޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.