ޚަބަރު 2020 ވަނަ އަހަރު ހުށަހެޅި ބަޖެޓުގެ އަންދާޒާތައް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ – ފިނޭންސް މިނިސްޓަރ

2020 ވަނަ އަހަރު ހުށަހެޅި ބަޖެޓުގެ އަންދާޒާތައް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ – ފިނޭންސް މިނިސްޓަރ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

2020 ވަނަ އަހަރު ހުށަހެޅި ބަޖެޓުގެ އަންދާޒާތައް ކޯވިޑް-19އާ ގުޅިގެން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި، ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީގެ އިތުރުން 15 ބިލިއަނެއްހާ ރުފިޔާ ޚަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އެގޮތުން ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ލިބޭނެކަމަށް އަންދާޒާކުރިނަމަވެސް، މިހާރު ލިބޭނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާލަތުގައިވެސް ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

” މިދަނީ ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ އަސާސީ ޙިދުމަތްތަކެއް ދެމުން، ސަރުކާރެއްގެގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން މިދަނީ، އޭގެތެރޭގައި ފާހަގަކޮށްލަންބޭނުންވޭ، އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓި، ޕްރޮޖެކްޓުތަކަށް ދައްކަން ޖެހޭ ފައިސާވެސް ދައްކަމުން، އިންކަމް ސަޕޯޓު އެލަވަންސްވެސް ދެމުން މިދަނީ،” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ކޯވިޑް-19 ރާއްޖޭގައި ކޮންޓުރޯލްވެފައިވާ މިންވަރު މިހާރު މި ފެންނަނީ ހެލްތު ކެއަރ ކެޕޭސިޓީއަށް ރާއްޖެއިން ކޮށްފައިވާ އިންވެސްޓްމަންޓުތަކުގެ ސަބަބުން ކަމަށެވެ.

” ކުރިން ރާއްޖެއިން ސާމްޕަލްތައް ފޮނުވަމުން ދިޔައީ އިންޑިއާގެ ޕޫނޭއަށް، މިހާރު ރާއްޖޭގައި ގާތްގަނޑަކަށް 5000 ޓެސްޓު ކުރުމުގެ ގާބިލްކަން އެބަހުރި، ރާއްޖޭގެ އެކި ހިސާބުތަކުގައި ކޯވިޑް ފެސިލިޓީތައް އެބަހުރި، ވަރަށް ރަނގަޅަށް މެނޭޖުކުރަމުން މިދަނީ،” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަށް ރާއްޖޭގެ އިޤްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކޮށް، އެހެން ސިނާއަތްތައްވެސް ރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި މަސްވެރިކަމާއި ދަނޑުވެރިކަން ރާއްޖޭގައި ކުރިއެރުވުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓެގް

ބަޖެޓް ފިނޭންސްމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.