ޚަބަރު ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް މަދަނީ ޖަމްޢިއްޔާތަކުން ގޮވާލައިފި

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް މަދަނީ ޖަމްޢިއްޔާތަކުން ގޮވާލައިފި

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓުކުރުމަށް ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުން ގޮވާލައިފިއެވެ.

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓުކުރުމަށް މަދަނީ ޖަމްޢިއްޔާތަކުން ގޮވާލާފައިވަނީ ނަބިއްޔާ(ޞޢޥ) އަށް އެ ޤައުމުން ފުރައްސާރަކޮށްފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

ޖަމްޢިއްޔަތުއް ސަލަފް ހިމެނޭހެން މަދަނީ 34 ޖަމްޢިއްޔާއަކުން ނެރުނު ބަޔާނުގައި ވަނީ ޒަމާނުއްސުރެ ވެސް އިސްލާމްދީނުގެ ޢަދާވާތްތެރީން ނަބިއްޔާ(ޞޢޥ) އަށް ތަފާތު ގޮތްގޮތުން ފުރައްސާރަކޮށް އެކަލޭގެފާނުގެ މަތިވެރި ޠާހިރު ޝަޚުޞިއްޔަތަށް ބޭއަދަބީ ބަސްތައް ރައްދުކުރަމުން އަންނަކަން ފާހަގަކޮށްފައެވެ. އަދި މިއީ އެކަލޭގެފާނު ދުނިޔޭގައި ހުންނެވި އިރުގައްޔާއި ސުވަރުގެވަޑައިގެންނެވި ފަހުން ވެސް ކާފަރުން ކުރަމުން އަންނަ ފިނޑި ހުތުރު ޢަމަލެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ކަންކަމުގެ ސަބަބެއްކަމުގައި ބަޔާނުގައި ވަނީ ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔާ (ޞޢޥ) ގެންނެވި ޝަރީޢަތައްވުރެ މޮޅު ނިޒާމެއް ގެނައުމަށް ނުކުޅެދުންކަމަށް ފާހަގަކޮށްފައެވެ. އަދި ނަބިއްޔާ(ޞޢޥ) ގެންނެވި ޝަރީޢަތް ދުވަހެއް ދުވަހަކަށް ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންގޮސް ދާދި ކުޑަމުއްދަތެއްގެތެރޭގައި މުޅިދުނިޔޭގައި އިސްލާމުން ވެރިކަންކޮށް އެބައިމީހުންގެ ބާރާއި ނުފޫޒު ހިނގައިގަނެދާނެކަމުގެ ބިރަށްޓަކައި ހަސަދަވެރިކަމާއި ބޮޑާކަމުގެ ތެރެއިން ޢަދާވާތްތެރީން ވަނީ އެކަލޭގެފާނާއި ދާވާލައިފައިކަމަށް ވެސް މަދަނީ ޖަމްޢިއްޔާތަކުން ބުނެފައިވެއެވެ.

މީގެ އިތުރުން ބަޔާނުގައި ވަނީ މަތިވެރި ރައްބު އެކަލޭގެފާނުގެ ޤަދަރާއި މަޤާމު މަތިވެރި ކުރައްވާފައިވާކަން, ކީރިތި ޤުރްއާނުގައި އިޢުލާންކުރައްވާފައިވާކަން ހަނދާންކޮށްދީފައެވެ. އަދި ނަބިއްޔާ(ޞޢޥ) ގެ އަބުރުފުޅަށް އަރައި ފުރައްސާރަކުރާ ކޮންމެ ފަހަރަކު ވެސް އިހުނަށްވުރެ އެކަލޭގެފާނުންގެ ނަންފުޅު ދުނިޔޭގައި މަތިވެރިވެފައިވާކަމަށާއި އިސްލާމްދީން ޢިއްޒަތްތެރިވެގެން ގޮސްފައިވާކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. އަދި މިއަދު ވެސް ކަން ހިނގަމުންދަނީ ހަމަ އެ މަގުންކަމަށް ބުނެފައިވެއެވެ.

އެ ގޮތުން އަބޫޖަހުލުމެން ފަދަ ކާފަރުން މިއަދު ވެސް ދުނިޔޭގައި ތިބި އެންމެ ބޮޑެތި ކުފުރުގެ ލީޑަރުން ވެސް އިޚުތިޔާރުކޮށްފައިވަނީ ނަބިއްޔާ(ޞޢޥ) އަށް ފުރައްސާރަކޮށްގެން އިސްލާމްދީނާއި ދީނުގެ އަހުލުވެރީންނަށް އިހާނެތިކޮށް ނިކަމެތިކޮށްލެވިދާނެކަމުގެ ބޯދާ ވިސްނުންކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި ރޮނގަށް އިތުރަށް އަލިއަޅުވައިލަމުން ބަޔާނުގައި ބުނީ ދީނާއި ދަޢުލަތް ވަކިކޮށް ލާދީނީ ސަރުކާރެއް އެންމެކުރީގައި ޤާއިމުކުރި ފްރާންސްގެ މިހާރުގެ ރައީސް އެމަނުއެލް މެކްރޯން ވަނީ ދާދި މިދާކަށް ދުވަހު އަނެއްކާ ވެސް ނަބިއްޔާ(ޞޢޥ) އަށް ނިސްބަތްކޮށް ކުރަހާފައިވާ ކާޓޫނުތަކެއް އެ ޤައުމުގެ ސަރުކާރުގެ އޮފީސްތަކުގައި ބޮޑު ސްކުރީނުން އަޅުވާފައިވާކަން ފާހަގަކޮށްފައެވެ.

އޭގެ އިތުރުން އިސްލާމްދީނާމެދު ނަފްރަތްތެރިކަން ފެތުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންކަމަށް އެ ”ކަލޭގެ“ ތަކުރާރުކޮށް ސިފަކޮށްފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެެއެވެ.

އެހެންކަމުން އެފަދަ ކޮންމެކަމަކީ ހައްދުފަހަނަޅާފައިވާ މިފަދަ ކާފަރުން ޑިމްކޮރަސީއާއި އިންސާނީ ޙައްޤުގެ ނަމުގައި ފަތުރާ ޝިޢާރުތަކުގެ އަނެއްފަރާތުގައިވާ ނަފްރަތާއި ގަދަކަމުން މީސްތަކުން އަޅުވެތިކުރުމުގެ މަކަރުވެރި މަސައްކަތް ބޭޒާރުވާކަން ހާމަކޮށްދޭ ހެއްކެއްކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި ގޮތުން މަދަނީ ޖަމްޢިއްޔާގެ ބަޔާނުގައިވަނީ ކާފަރު ވިލާތުގެ ޤައުމުތަކުން(ޔޫރަޕްގެ ޤައުމުތައް) ހިންގާ މިފަދަ ޖަރީމާތަކާއި މެދު އަދުގެ މުސްލިމުން ހޭލައި މުސްލިމް މުޖުތަމަޢުތަކަށް އެކަންކަން ވެރިވެގަތުމުގެ ކުރިނަ ހުޝިޔާރުވެ ތިބުމަށް ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދީފައެވެ.

މި ކަން ފާހަގަކުރުމަށްފަހު މަދަނީ ޖަމްޢިއްޔާތަކުގެ ބަޔާނުގައި ވަނީ ނަބިއްޔާ(ޞޢޥ) ގެ އަގުހުރި ހަދީސެއް ބަޔާންކޮށްފައެވެ.

”މާނަ: ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގާތުގައި ތިމަންކަލޭގެފާނަކީ އެމީހެއްގެ ބައްޕައާއި ދަރިފުޅާއި އަދި އެންމެހައި މީސްތަކުންނަށްވުރެ ލޮބުވެތިވެގެންވާ ފަރާތެއްކަމަށް ވެއްޖައުމަށްދާންދެން ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އީމާންވީކަމަށްނުވެއެވެ.“

މި ހަދީސުގެ މައްޗަށް ނަޒަރެއްދެމުން ބަޔާނުގައި ބުނީ ތިމާ ލޯބިވާމީހާއަށް އެހެން މީހަކު ފުރައްސާރަކުރުމަކީ އިންސާނާގެ ފިޠުރަތާއި ބުއްދި ޤަބޫލުކުރާ ހަމައަކަށް ނުވާއިރު އެންމެ ފުރިހަމަ ލާމަސީލު އިންސާނާ ނަބިއްޔާ(ޞޢޥ) އަށް މިއަދުގެ ފްރާންސްގެ ސަރުކާރުން ކޮށްފައިވާ ލާއިންސާނީ ލާދީނީ ޢަމަލު ކުށްވެރިކުރުމަކީ ކޮންމެ މީހެއްގެ އިމާންކަށް ލާޒިމުކުރާ ކަމެއްކަމަށެވެ. އަދި އެއީ އެކަލޭގެފާނުގެ އަބުރުފުޅަށް ކާފަރުންގެ ފުރައްސާރައިގެ ސަބަބުން ގެއްލުމެއްވެދާނެތީ ނޫންކަމަށާއި އެމީހުން ހުއްޓައިނުލައި ފުރައްސާރަކުރިޔަސް އެކަލޭގެފާނުގެ މަތިވެރިކަމާއި މަޤާމަށް އަންނާނޭ ކުޑަވެސް ކިލަނބުކަމެއް ނޯންނާނެކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ހަމަ އެއާއެކު އެފަދަ ކޮންމެ ޢަމަލަކުން އެކަލޭގެފާނަށް މުސްލިމުން ކުރާ އިޙުތިރާމާއި ލޯބި އަންނާނީ އިތުރަށް ގަދަވަމުން އިތުރުވަމުންކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ކާފަރުންނާއި ޖެހޭނީ އެ ރުޅީގައި ފަޅައިގެންގޮސް މަރުވެ ސުންނާފަތިވާންކަމަށާއި އެކަލޭގެފާނަށް ފުރައްސާރަކުރާ ގޮތެއް ފޮތެއްނެތް ހައްދުފަހަނަޅާފައިވާ ކާފިރުންގެ ކިބައިން މަތިވެރި ރައްބު އެކަލޭގެފާނު ސަލާމަތްކުރައްވާނެކަމުގެ ވަޢުދުވެ ވޮޑިގަންނަވާފައިވާކަން ހަނދާންކޮށްދީފައިވެސް ވެއެވެ.

ނަމަވެސް އެކަލޭގެފާނަށް ފުރައްސާރަކުރެވޭ ހިނދު އެކަލޭގެފާނުގެ ދިފާޢުގައި އަޑު އުފުލުމެއްނެތި ކަހާތަން ހިރުވައި ވެސް ނުލައި ތިބުމަކީ މުސްލިމުންކަމަށް ދަޢުވާކޮށްގެން ތިބެ އެ ދަޢުވާގައި ތެދުވެރިކަމެއް ނެތްކަމުގެ ސާފުހެތްކެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ގޮތުން ބަޔާނުގައި ވަނީ ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު ޢަމަލު ކުށްވެރިކުރުމަށް ރައްޔިތުން އަވަސްވެ ގަންނަންޖެހޭކަމަށާއި ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓުކޮށް އެމީހުން އެ ޢަމަލުތައް ހުއްޓާލައި މުސްލިމުންގެ ކިބައިން މަޢާފަށް އެދިއްޖައުުމަށްދާންދެން އެ މީހުންނާއެކު ސިޔާސީއާއި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ހުރިހައި މުސްލިމުންގެ ނަމުގައި މިއަދުގެ ސަރުކާރަށް ގޮވައިލާފައެވެ. އަދި މި ގޮވާލުމަށް ސަރުކާރުން އިޖާބަނުދިންކަމަށްވިޔަސް ކޮންމެ ދިވެއްސަކު ވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސްގެ އުފެއްދުންތައް ބޮއިކޮޓުކުރަން މަދަނީ ޖަމްޢިއްޔާތަކުން ވަނީ ގޮވައިލާފައެވެ.

ޓެގް

ޖަމިއްޔާތައް ފުރާންސް ޖަމްޢިއްޔަތުއް ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.