ރާއްޖޭގައި ވެރިކަން ކުރައްވާ ބޭފުޅުން ޖަލަށްލުމުގެ އާދައަށް ނިމުމެއް އައުމަކީ ވަރަށް އެދޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ “އާސްކް ސްޕީކަރ”ގެ 2 ވަނަ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލީހުގެ ރައީސާއި ސުވާލުކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މައުމޫން އަބްލުގައްޔޫމް ޖަލަށް ނުލައްވާ ކަމަށާއި އެހެންނަމަވެސް، ޖަލަށް ނުލެއްވީ ކަމެއް ނުކުރާތީ ނޫންކަމަށެވެ.
ރައީސް ޔާމީން މިނިވަންވާނީ ކޮން ދުވަހަކުތޯ އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލާގައި މިހާރު އެމަނިކުފާނުވެސް ވަރަށް ހިތާމަކުރައްވާ ކަމަށެވެ. ރައީސް ނަޝިދު ވިދާޅުވީ ރާއްޖޭގައި ވެރިކަންކޮށްފައި ތިއްބެވި ބޭފުޅުންނާއިމެދު ހަރުކަށިކޮށް ކަންކުރުމަކީ ރައްޔިތުން ގަޔާވާކަމެއް ގޮތުގައި ދެކެވަޑައި ނުގަންނަވާކަމަށެވެ.
އެމަނިކުފާނު ރައީސް ޔާމީން ދެކެ ނުރުހުންވި ނަމަވެސް، އެހެން އެންމެން އެގޮތަށް ނުދެކޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކޮންމެވެސް އެއްބަޔަކު އަބަދުވެސް ނަފްރަތުކުރާނެ ކަމަށާއި އަދި ކޮންމެވެސް އެއްބަޔަކު އަބަދުވެސް އިތުބާރުކުރާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނާއެކު މިހާރު ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންނަށް ބަލައިލުމުން އެކަން ހާމަވާނެކަމަށާއި އެހުރިހާ ލީޑަރުން އެމަނިކުފާނާއި ގަޔާނުވާކަމަށް ވިދާޅުވިއެވެ.
ކުށެއް ކޮށްފިނަމަ އެކަމުގެ އަދަބު ދޭންވާނެކަމަށް ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވާ ކަމަށާއި ވެރިންނާއި މެދު އަމަލުކުރަންވީ ގޮތް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށް ރައީސް ނަޝިދު ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫނަކީ އިންތިހާއަށް އަނިޔާވެރި ހުދުމުހުތާރު ވެރިކަމެއް 30 އަހަރު ކުރެއްވި ބޭފުޅެއް ކަމަށާއި އެއީ ދިވެހިން ފިތް ކަނޑައިގެންދާފަދަ ދުވަސްތަކެއް ގޮތުގައި ރައީސް ނަޝީދު ސިފަކުރެއްވިއެވެ. އެދުވަސްތައް ތާރީހުގެ ފަތްފުށަށް ގެންދެވުނު ކަމަށާއި ދުވަސްކޮޅަކަށް އެދުވަސްތައް މާޒީވެ ދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް، އެއަށްފަހު އެމަނިކުފާނުގެ ނައިބްރައީސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހުވެސް އަދި ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހުވެސް މަސައްކަތްކުރެއްވީ އެމަނިކުފާނު ޖަލަށްލެއްވުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވެރިކަން ކުރައްވާ ބޭފުޅުންނާއި މެދު ހަރުކަށިކޮށް ދެކުމަކީ އެދެވޭ ކަމެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...