ދައުލަތުން 2027 ވަނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓް، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިއަދު ހުށަހެޅި ޖުމްލަ 59,704,440,795 ރުފިޔާގެ މި ބަޖެޓަކީ، 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ގައުމުގެ އިގްތިސާދީ ދުޅަހެޔޮކަމާއި މާލީ ޒިންމާދާރުކަމަށް އިސްކަންދީގެން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ.
ބަޖެޓުގައިވާ ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ދައުލަތް ހިންގުމުގެ ހަރަދުތަކަށް 42.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ތަރައްގީގެ އެކި މަޝްރޫއުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭހެން 9.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އޭގެ ތެރެއިން ސީދާ ތަރައްގީގެ މަޝްރޫއުތަކަށް އެކަނިވެސް 8.2 ބިލިއަން ރުފިޔާ ވަނީ ހާއްސަކޮށްފައެވެ.
އަންނަ އަހަރު ދައުލަތަށް އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ 2026 ވަނަ އަހަރަށް ލަފާކުރި މިންވަރަށް ވުރެ 1.4 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މެދުރާސްތާގެ އަންދާޒާތައް ދައްކާ ގޮތުން 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ބެލެވެއެވެ.
އާމްދަނީ އިތުރުކުރުމުގެ ސިޔާސަތާ ގުޅޭގޮތުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އަންނަ އަހަރު ދައުލަތުން ނަގާ އެއްވެސް ޓެކުހެއް ބޮޑުނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި، އާމްދަނީ އިތުރުކުރާނީ ޓެކްސް ނިޒާމުގެ ހިންގުން ހަރުދަނާކޮށް، ގާނޫނީ ގޮތުންނާއި ގަވާއިދުތަކުގެ ތެރޭގައި ހުރި ބާގަނޑުތައް ބައްދައި، ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރާ މިންވަރު މަތިކޮށްގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...