މިއަހަރު (1442 ވަނަ އަހަރު) ޙައްޖުގެ އަޅުކަން އަދާކުރުމަށް ހުއްދަދޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަންޖެހޭ ވެކްސިން ޖަހާފައި ވާ މީހުންނަށް އެކަނި ކަމުގައި ސައުދީ ސަރުކާރުން ހަމަޖައްސައިފިއެވެ.
ސައުދީގެ ހެލްތްމިނިސްޓަރާއި ޙަވާލާދީ ސައޫދީގެ ނޫހެއްގައި ބުނެފައިވަނީ މިކަން ހާމަކޮށްފައި ވަނީ ސައޫދީގެ ހެލްތު މިނިސްޓަރު ތައުފީޤު އައްރަބީޢާ އެޤައުމުގެ ސިއްޙީ ދާއިރާގެ މަސައްކަތްތެރިންނަށް ފޮނުއްވި މެމޯއެއްގައި ކަމުގައެވެ.
ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި މައްކާއާއި، ހައްޖުގެ މަޝްޢަރުތަކާއި، މަދީނާގެ ސިއްހީ ދާއިރާގައި ހައްޖު މޫސުމަށް އެކަށީގެންވާ އިންސާނީ ވަސީލަތްތައް ދުރާލާ ތައްޔާރުކުރުމަކީ މުހިއްމު ކަމެކެވެ.
“ކޮރޯނާ ވައިރަސް ވެކްސިން ޖަހާފައި ހުރުމަކީ ޙައްޖުގައި ބައިވެރިވާ ކޮންމެ މީހަކު ކުރަންޖެހޭ ކަމެއް ކަމުގައި ހަދާ.” ޙައްޖު ތައްޔާރީތަކާ ގުޅޭގޮތުން ސިއްހީ މަސައްކަތްތެރިންނަށް އެންގެވި އެންގެވުމުގައި ވެއެވެ.
ކޮވިޑް-19 ބަލިމަޑުކަން ފަތުރާ ނޮވެލް ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެން ފެށިފަހުން ޙައްޖުގެ އަޅުކަން ފުރަތަމަ ފަހަރަށް އަދާކޮށްފައި ވަނީ 1441 ވަނަ އަހަރުގައެވެ. އެ އަހަރު ވެފައިވާ މި ފަހުގެ ތާރީޚެއްގައި އެންމެ މަދު މީހުން ޙައްޖުގެ އަޅުކަން އަަދާކުރި އަހަރަށެވެ. އެ އަހަރު ސައޫދީ ސަރުކާރުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަދީފައި ވަނީ 10 ހާސް މީހުންނަށެވެ.
މި ހިނގާ 1442 ވަނަ އަހަރުގެ ޙައްޖު އަޅުކަމާ ގުޅޭ ތަފްސީލުތައް ސައޫދީ ސަރުކާރުން އަދި ހާމަކޮށްފައި ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...