މިއަދުގެ ރެސިޕީއެއްގެ ގޮތުގައި ނާރެސް ރޯދަސުފުރާއިން މިގެނެސްދެނީ ފިޔާ ބޯކިބާ ހަދާނެގޮތެވެ. މިއީވެސް ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އެއްޗެކެވެ. އަދި ރޯދަމަހަށް ރޯދަވީއްލާ ގަޑިއަށް ވަރަށް ހިތްގައިމުވާނެއެވެ.
ބޭނުންވާތަކެތި
1 ފިޔާ
10ގ. ކާފޫރުތޮޅި
10ގ. ފޮނިތޮށި
3 ޖޯޑު ފުށް
½1 ޖޯޑު ހަކުރު
2 ޖޯޑު ބޯކިރު
3 ތަށިފެން
ތައްޔާރުކުރާނެގޮތް
ވައްފޮއްޗަށް ވާގޮތަށް ފިޔާ ކޮށާލާށެވެ. ދެން ތެޔޮފޮދެއް އަޅާ ފިޔާކޮޅު މީރުކޮށްލާށެވެ. ދެން ފުށާ، ހަކުރު ،އެއްކޮށްލައި ބޯކިރު އަޅައިގެން ގިރާލާށެވެ. އަދި އޭގެ ތެރެއަށް 3 ތަށިފެންވެސް އަޅާ އެއްކޮށްލާށެވެ. ދެން ފޮނިތޮށިކޮޅާ ކާފޫރު ތޮޅިކޮޅު މުގުރާލުމަށްފަހު އޭގެތެރެއަށް އަޅާށެވެ. އަދި ކުރިންމީރުކުރި ފިޔާކޮޅުގެ ތެރެއިން ދެބައިކުޅަ އެއްބައި ފުށްގަނޑު ތެރެއަށް އަޅާއްކޮށްލާށެވެ. ދެން ތެއްޔަކަށް ފުށްގަނޑު އަޅާ އުދުންމައްޗަށް އުދާފައި ކުޑަކޮށް އޮލަވާވަރަށް ފުށްގަނޑު ހިލާލާށެވެ.
ދެން ތަވަޔަށް ފުށްގަނޑު އަޅައި ބާކީހުރި ފިޔާކޮޅު ބޯކިބަލުގެ މައްޗަށް ރީތިކޮށް އަޅާލާށެވެ. ދެން މަޑުގިނީގައި ބަހައްޓައިގެން އުނދުނުން ފިހެލާށެވެ. ބޭނުމިއްޔާ އަވަނުގައިވެސް ފިހެވިދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...