މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑް-19ގެ އެތައްބައިވަރު ވައްތަރުތަކެއް މިހާތަނަށް ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން ފެނިފައިވާއިރު މިއަދު ދުނިޔޭގެ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައި މިވަނީ އަޅުގަނޑުމެންގެ އަވައްޓެރި ޤައުމެއް ކަމުގައިވާ އިންޑިޔާއަށެވެ.
އިންޑިޔާގެ ބައެއް ނޫސް އެޖެންސީތަކުން މަޢުލޫމާތު ދޭގޮތުގައި ކޮވިޑް -19 ގެ ސަބަބުން އިންޑިޔާއިން ކޮންމެ 5 މިނެޓަކުން މިހަކު ނުވަތަ ކޮންމެ 4 މިނެޓަކުން މީހަކު މަރުވަމުން ދެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ ޑަބުލިޔު އެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި އިންޑިޔާއަށް ވަނީ މިބަލީގެ ” ބޮޑު ތޫފާނެއް” އައިސްފައެވެ.
އިނޑިޔާގެ ބައެއް ނޫސް އެޖެންސީތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި އިންޑިޔާއިން ވަނީ ކޮވިޑް-19ގެ މުޅިން އާވައްތަރެއް ފެނިފައެވެ. އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުން ފެނިފައިވާ ވޭރިއަންޓްތަކާއި ޚިލާފަށް އިންޑިޔާއިން ފެނުނު މި އާ ވޭރިއަންޓްގެ ނުރައްކާ އެތަށް ގޮތަކުން ބޮޑުކަމަށް އެޤައުމުގެ ނޫސްތަކުން މަޢުލޫމާތުދެއެވެ.

އިންޑިޔާއިން އަލަށް ފެނުނު ވޭރިއަންޓްގެ ސަބަބުން އަލަށް ބަލިޖެހޭ މީހާއަށް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި 7 ވަރަކަށް ދުވަހު ހުރެއެވެ. އެއަށްފަހު ކުއްލިއަކަށް ބަލިޖެހޭ މީހާގެ ފުއްޕާމޭ ހަލާކުކޮށްލައި މީހާގެ އޮކުސިޖަން ލެވެލް ދަށްކޮށްލައެވެ. އަދި އަވަސް ފަރުވާ ނުލިބިއްޖެ ނަމަ މީހާގެ ފުރާނައަށް އަސަރުކުރުވައެވެ. މި ވޭރިއަންޓްގެ އަނެއް ނުރައްކާތެރިކަމަކީ މި ވޭރިއަންޓްގެ ސަބަބުން ބަލިޖެހޭ، އުމުރުން ދުވަސްވީ މީހުންނެކޭ އެއްފަދައިން ޒުވާން ޢުމުގެ މީހުންނަށްވެސް ބޮޑަށް އަސަރުކޮށް ފުރާނައަށް ގެއްލުންވަމުން ދިޔުމެވެ.
މިއަދު އިންޑިޔާގައި ދުވާލެއްގެ މައްޗަށް ތިންލައްކައަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވަމުން ދާއިރު މަރުވާމީހުންގެ އަދަދު އުޅެނީ 3500 އިން މަތީގައެވެ. އިންޑިޔާގެ ނޫސް އެޖެންސީތަކުން މަޢުލޫމާތު ދޭގޮތުގައި ރަނގަޅަށް ބަލައިފި ނަމަ މި އަދަދުތައް އުޅޭނީ މިއަށްވުރެވެސް މާ މަތީގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...