މިއަދު ނާރެސް ރޯދަސުފުރާއިން މިގެނެސްދެނީ ޕޮޓޭޓޯ ޕޭންކޭކް ހަދާނެގޮތެވެ. މިއީވެސް ރޯދަމަހުގެ ރޯދަވީއްލާ ގަޑިއަށް ޚާއްޞަ ބާވަތެކެވެ. ތައްޔާރުކޮށްލަން ފަސޭހަ އަނގަޔަށް މީރު ބާވަތެކެވެ. އަޖުމަ ބައްލަވާލައްވާށެވެ.
ބޭނުންވާތަކެތި:
1 އަލުވި (ބޮޑު )
½ ސައިސަމުސާ ލޮނު
½ ސައިސަމުސާ އަސޭމިރުސް
½ ސައިސަމުސާ އަޖުނަމޮޓޯ
1 ފިޔާ ބޮޑު
1 ގިތެޔޮމިރުސް
2 ކޯޅި ހިކަނދިފަތް
¼ ޖޯޑު ގޮދަންފުށް
1 ބިސް
ތައްޔާރުކުރާނެގޮތް:
ފުރަތަމަ އަލުވި ގާނާލާށެވެ. ގޭނި އަލުވިކޮޅު ހޫނުފެންފޮދެއްގައި މަތިޖަހާފައި 10 ވަރަކަށް މިނިޓް ބަހައްޓާށެވެ. ފިޔާ އަނިޖަހާލައިފައި ކިޔުބުގޮތަށް ކުދިކޮށް ކޮށާލާށެވެ. އަދި ހިކަނދިފަތާއި، ގިތެޔޮމިރުސްވެސް ކުދިކޮށް ކޮށާލާށެވެ. ދެން އަލުވިކޮޅު ފެލައިލައިފާ މޮޑެންބޭނުންކުރާ ތައްޓަކަށް އަޅާށެވެ. ދެން އޭގެ ތެރެއަށް ފިޔާ، ހިކަނދިފަތް، އަސޭމިރުސް، މިރުސް، އަޖުނަމޮޓޯ، އަދި ލޮނުކޮޅުވެސް އަޅާލާށެވެ. އަދި އޭގެ ތެރެއަށް ބިހާއި، ގޮދަންފުށްވެސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް އަލުވިކޮޅު ޗަސްވަންދެން މޮޑެލާށެވެ. މިހާރު އެހެރީ ތައްޔާރުކޮށް ނިމިފައެވެ. ދެންޖެހޭނީ ތެލުލާށެވެ.
ތެލުލުމަށް ބޭނުންކުރާ ތަވާ އުނދުނަށް އުދާ އޭގެތެރެއަށް 4 ސަމުސާ ކުކިންއޮއިލް އަޅާށެވެ. ރަނގަޅަށް ހޫނުވުމުން ތައްޔާރުކުރި ފުށްގަނޑުން އެމީހަކު ބޭނުން ސައިޒަކަށް ނަގާފައި ތަވަޔަށް އަޅާފައި ވަށްކޮށް ސަމުސަލަކުން ފަތުރާލާށެވެ. ދެން ބްރައުންކުލަ އެރީމާ އަނެއްފުށަށް ޖަހާށެވެ. އެފުށްވެސް ރަތްވީމާ ނަގާށެވެ. އޭރުން އެހެރީ ތެލުލެވިފައެވެ.
ޓޮމާޓޯ ސޯސްފަދަ ސޯސްއަކާ ޖަހައިގެން ކާލަން ވަރަށް މީރުވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...