ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާގެ ގެވެށިއަނިޔާގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށް އީސަ ގެދިފާޢުގައ އީސަގެ ދޮށީ ދަރިފުޅު “މުޙައްމަދު ޖިދާދު އަޙްމަދު އީސާ” އީސަގެ ދިފާއުގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފިއެވެ.
ބައްޕަގެ ދިފާއުގައި އޭނާގެ ޝުޢޫރުތައް ރޭ ދަންވަރު ވަނީ ފޭސްބްކު މެދުވެރިކޮށް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލައިފައެވެ.
“އަޅުގަނޑަކީ އަޙްމަދު އީސާގެ ދޮށީ ދަރި މުޙައްމަދު ޖިދާދު އަޙްމަދު އީސާއެވެ. އަޅުގަނޑަކީ ބޭރުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. މިދިޔަ 3 ވަރަކަށް އަހަރު ދިރިއުޅެމުން އައީ ރާއްޖެއިން ބޭރުގައެވެ. ނަމަވެސް ކޮވިޑު ހާލަތާ ގުޅިގެން ރާއްޖެ އައިސް ދިރިއުޅެމުން މިގެންދަނީ ބައްޕައާއި ލޫތު ކޮއްކޮއާއި އަސޫ ދައްތައާ އެކު އެއްގޭގައެވެ. އަދި ދުވަސްތަކެއް ކުރިން ބައްޕައާއި ދައްތަ ވަރިވެފައި ވާކަން ބައްޕަ ފަރާތުން ވަނީ އެނގިފައިވެއެވެ. ނަމަވެސް ކޮއްކޮއަކީ ތުއްތު ކުއްޖެއް ކަމުން ދެފަރާތުގެ އަންޑަރސްޓޭންޑިންނެއްގެ ދަށުން އެއްގޭގައި އުޅެން ނިންމާފައި ވެއެވެ. މި ކުޑަ އާއިލާގެ ހުރިހާކަމެއް ބައްޕަ އައީ ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެއްވެސް ކަމަކަށް ދަތިވިޔަ ނުދީ ހުރިހާ ކަމެއްވެސް ބައްޕަ ވަރަށް ރަނގަޅަށް ހަމަޖައްސަމުން ދިޔައެވެ”. ޖިދާދުގެ ލިޔެފައިވެއެވެ.
ކަން ސީދާ ހިނގާ ދިޔަ ދުވަހުވެސް ވަރަށް ގާތުން ހުރިހާކަމެއްވެސް ދެކުނީމެވެ. ނަމަވެސް މައްސަލަ އަކީ ބަލަމުން އަންނަ މައްސަލައަކަށް ވުމުން ކަންހިނގައި ދިޔަ ގޮތް ތަފްސީލުކޮށް ދެއްކުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ނުދެކެމެވެ. އެހެނަސް ބައްޕަގެ ބޮލުގައި އަޅުވާފައި ވަނީ ވަރަށްވެސް ހުތުރު އަދި ދޮގު ތުހުމަތެއްކަން ޔަޤީންކޮށް ބުނެދެމެވެ. ޖިދާދު އިތުރަށް ލިޔެފައިވެއެވެ.
އަޅުގަނޑުގެ އުމުރުން މިވީހާ ދުވަހެއް ވީއިރުވެސް ބާރަށް އެއްޗެކޭވެސް ބުނީ މަދު ފަހަރެއްގައެވެ. އަދި ދުވަހަކުވެސް ނުރުހިފައި އައިސް ބާރަށް އަޅުގަނޑުގެ އަތުގައިވެސް ހިފާފައި ނުވާ ކަމަށް ޔަޤީންކޮށްދެމެވެ. އަދި ކިޔެއްތޯއެވެ، ކޮއްކޮއަށް އަނިޔާއެއްދޭން ބައްޕަ އުޅެފާނެ ކަމަށް ދިރި ހުރިހާ ހިނދަކު ޤަބޫލެއް ނުކުރެވޭނެއެވެ. އަދި ކުރަންޖެހޭ ސަބަބެއްވެސް މެދުވެރިވެފައި ނެތެވެ. 14 އަހަރު އަޅުގަނޑުގެ މަންމައާ ކައިވެނިކޮށްގެން ދިރިއުޅުނުއިރު ދުވަހަކުވެސް މަންމައަށް އަނިޔާއެއް ދޭ ތަނެއް ފެނިފައެއް ނުވެއެވެ. އަދި ދުވަހަކު ބައްޕަ ފަރާތުން އަނިޔާއެއް ލިބިފައި ނުވާކަމަށް މަންމަ ޔަޤީންކޮށްދެއެވެ. ޖިދާދުގެ ހިތުގެ ޝަކުވާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި މައްސަލަ އަކީ ސީރިއަސް ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅަފައިވާ މައްސަލައެއް ކަމަށްވުމުން 3 ފަހަރެއްގެ މަތިން ފުލުހުންވަނީ ތަހުޤީގަށް ބައްޕަ ހައްޔަރުކުރުމުގެ އަމުރެއް ހޯދާދިނުމަށް އެދި ޕީޖީއަށް ހުށައަޅާފައެވެ. ނަމަވެސް ކޯޓު އަމުރެއް ހޯދަން ހުށަހަޅަން ޕީޖީން ވަނީ ދެކޮޅު ހަދާފައެވެ. 4 ވަނަ ފަހަރު ޕީޖީއަށް ފުލުހުން ހުށައެޅީ ކުރީގެ ހުށައެޅުން ބަދަލުކޮށް ހެކިނައްތާލަން ބައްޕަ މަސައްކަތް ކުރާކަމުގެ ތުހުމަތުގަ ހައްޔަރު ކޮށްދިނުމަށް އެދިއެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ރޭގެ ވަގުތެއްގައި ހައްޔަރު ކުރަން އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށްވަނީ ނިންމާފައެވެ. ޖިދާދުގެ ސްޓޭޓްމަންޓް ކުރިއަށް ގެންދިއައެވެ.
އީސަ ހައްޔަރުކުރަން އަމުރު ނުދިނީ ކީއްވެތޯ ސުވާލު އުފައްދަމުން އަމުރުނުދޭން ނިންމި 4 ސަބަބެއްވެސް ޖިދާދުވަނީ ކިޔައިދީފައެވެ.
“ސުވާލަކީ ހައްޔަރު ކުރަން އަމުރު ނެރެ ނުދިނީ ކީއްވެބާއެވެ؟ އެނގޭ ގޮތުގައި ހައްޔަރުކުރަން އަމުރު ނުދިނީ މައިގަނޑު 4 ސަބަބަކަށް ބާލާފައެވެ.
- މީހާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް އޮތްކަމަށް ފެންނަން ނެތުން.
- ލިބިފައި ވާ އަނިޔާގެ މައްޗަށް ހުށަހަޅާފައިވާ ހެކި ތަކަށް ބިނާކޮށް.
- ހެކި ނައްތާލަން އުޅޭ ކަމަށް ނުފެނުން. އަދި
- އަނިޔާގެ ވެށީން އެކަމަށް ހެކިދޭ ހެއްކެއް ލިބިފައި ނުވުން މިއެވެ.
ދެން އޮތް ސުވާލަކީ، ބައްޕަ ބާރުގެ ބޭނުންކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކުރީތޯއެވެ؟ ވޭތުވެދިޔަ 72 ގަޑިއިރު ތެރޭގައި ފަހަގަ ކުރެވުނު ކަމަކީ ސިޔާސީ މަދު ބޭފުޅަކު ފިޔަވާ އެންމެންވެސް ބައްޕައާ ދެކޮޅަށް ހުރިކަން ސޯޝަލް މީޑިއާގައި ހާމަކޮއްފާވާކަމެވެ. އެހެންކަމުން ނުފޫޒު ފޯރުވާ ކަމަށް ދެކުންވެސް އެއީ ކުށްހީ އެކެވެ. ޖިދާދޫ ވަރަށް ތަފްޞީލްކޮށް އޭނާގެ ސްޓޭޓްމެންޓް ކުރިއަށް ގެންދިޔައެވެ.
ބައްޕައާއި މެދު ދެކެވެމުންދާ ދޮގުވާހަކަ ތަކަށް އިޝާރާތްކުރަމުން ޖިދާދު ލިޔެފައިވެއެވެ.
ދެންހުރީ އަދަދު ނުކުރެވޭހައިވެސް ގިނަ ދޮގު ތުހުމަތެވެ.
- ބައްޕަ މަސްތުގެ ހާލުގައި އަނިޔާ ކުރިކަމަށް ބުނާ ބުނުން –
އެރޭ ބައްޕަގެ އޮފީހުގައި ވިޔަފާރީގެ ކަމެއްގައި އަޅުގަނޑާއި އއިތުރު 8 މީހަކާއެކު 2 ގަޑިއެއްހާއިރު ހޭދަކުރުމަށްފަހު ގެއަށް ދިއައީ 12ގެ ފަހުންނެވެ. ބައްޕަ ހުރީ މަސްތުގެ ހާލުގައި ނޫންކަން މި އެންމެން ހެކިވާނެއެވެ. އަދި މީގެއިތުރުން މިއީ އެފަރާތުގެ ބަޔާނެއްގައިވެސް އަދި ސޯޝަލް މީޑިއާގައި ވެސް ދައްކާފައިވާ ވާހަކައެއް ނޫނެވެ.
- އަތް ބިންދާލިކަމަށް ބުނާ ބުނުން –
ޖެހިގެން އައި ދުވަހު ސޯޝަލް މީޑިއާގައި އަސޫ ދައްތަގެ ބަޔާން ދިނުމަށްފަހު ޕޮލިސް ސްޓޭޝަން އިން ނިކުތް އިރު ނަގާފައި ވާ ފޮޓޯތަކާއި ވީޑިއޯ ތަކުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ.
- ލޫތު ބެލްކަނިން ވައްޓާލަން އުޅޭތަން ފެނިފައި ވާ ކަމަށް ބުނުން –
މި ސްޓޭޓްމަންޓް ވަނީ އެކި ފަހަރު މަތިން އެކި ގޮތްގޮތަށް ބަދަލު ކޮށްފައެވެ. ފުރަތަމަ ބުނީ ލޫތު އެއްލާލަން އުޅުނީއޭ، ދެން ބުނީ ލޫތު ގޮވާގެން ފުންމާލަން އުޅުނީއެވެ. ދެން ބުނީ ލޫތު ބެލްކަނިން ބޭރަށް ނެރެގެން ވައްޓާލާނެ ކަމުގެ ބިރު ދެއްކީއެވެ. މިވަރަށް މިވާހަކަ ބަދަލުވަމުން އައި އައުމަކީ ސުވާލު އުފެދޭ ކަމެކެވެ
- 4. ކުރިންވެސް އަނިޔާކުރާ ކަމަށް ބުނުން –
އަޙްމަދު އީސަ އަކީ އެހާ އަނިޔާވެރި ބައްޕައެއް ނަމަ ކައިވެނި ރޫޅުމަށްފަހުވެސް ބައްޕައާ އެކު އެއްގޭގައި ދިރި އުޅޭނެތޯއެވެ؟ އަދި އަޅުގަނޑަށް ނުފެނި އެކަހަލަ ކަމެއް ހިނގާފާނެތޯއެވެ؟ އަދި ދައްތަގެ އާއިލާ މީހުން ކައިރީ ނުބުނެ ހުރެދާނެކަމަށް ތިބޭފުޅުން ޤަބޫލު ކުރައްވަނީ ތޯއެވެ؟ ނުވަތަ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަނާޅާ ހުރެދާނެ ކަމަށް ތި ބޭފުޅުން ޤަބޫލުފުޅު ކުރައްވަނީ ތޯއެވެ؟
އަދި ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ގިނަ ޚަބަރު ތަކަކީ ދައްތަ މީޑިޔާއަށް ދީފައިވާ މައުލޫމާތުތަކެއްވެސް ނޫނެވެ.
ނަމަވެސް ކަމުގެ ދެކޮޅު ނުބަލާ، އަދި މައްސަލަ ރައްދުވާފަރާތުގެ ބަހެއްވެސް އަޑު ނާހާ މީހެއްގެ އަބުރު ކަތިލާން ތި ކުރެވެނީ ވަރަށް ބޮޑު ކުށެއް ކަމުގައި ދެކެމެވެ. އަދި ހަމަ މީހަކު ބުނެލާ ކޮންމެ ބަހަކީ ތެދެއް ކަމުގައި ވަނީނަމަ، ރާއްޖޭގައި ކުއްވެރިއެއް ނޫނީ ނޫޅޭނެއެވެ. އަދި މިހާ ހިސާބަށް އައި އިރުވެސް، އަހްމަދު އީސަގެ ފަރާތުން ބަހެއް ބުނެފައި ނުވަނީ، އެންމެ ހަޤު ދަރިފުޅުގެ ހައްޤުގައެވެ. އެ ކުއްޖާގެ ކަރާމާތަށް ޤެއްލުމެއް ދޭން ބޭނުން ނުވާ ހާލު، އެ ކުއްޖާގެ މަންމަގެ ޢިއްޒަތާ އަބުރައް އަރައިގަންނަން ބޭނުން ނުވާތީއެވެ. އެއީ ބައްޕައަކަށް އަދާ ކުރެވޭނެ އެންމެ މަތީ ހައްޤެވެ. އެކަމަށްޓަކައި ދަރިއެއްގެ ހައިސިއްޔަތުން ބައްޕައާ ދޭތެރޭ ފަޚުރުވެރި ވެއެވެ.
ލޫތުއަކީ އަޅުގަނޑާ އެއް ލެއެވެ. ލޫތުއަށް ދެރައެއް ނުވަތަ އަނިޔާއެއް ލިބޭކަށް ލޫތުގެ ދޮންބެއެއް ނޭދޭނަމެވެ. ލިބުނަކަ ނުވެސް ދޭނަމެވެ. ލޫތުއަށް ލިބޭ ކޮންމެ ގެއްލުމަކީ އަޅުގަނޑަށްވެސް ލިބޭނެ ގެއްލުމެކެވެ. ލިބޭ ކޮންމެ އުފަލަކީ އަޅުގަނޑަށްވެސް ލިބޭނެ އުފަލެކެވެ.
އަޅުގަނޑު އެދެނީ ހާދިސާ ހަމަ ލޮލުން ނުފެންނަ މީހަކު ނަމަ، ނުދަންނަ މީހަކު ލިޔެލާ ކޮންމެ ޕޯސްޓެއް ޖަޒުބާތުގައި ޖެހި އަޕްލޯޑު ނުކުރުމަށެވެ. އޭގެން ގެއްލުންވާނީ ކޮން ކޮން ބަޔަކަށް ކަންވެސް ތިބޭފުޅުންނަށް އަންދާޒާވެސް ނުކުރެވޭނެއެވެ. 72 ގަޑިއިރު ވީއިރު ހަމަ ޖެހިލާގެން ނިދިފިއެއްވެސް އަޅުގަނޑަށް ހަމަ ގައިމުވެސް ނުޖެހެއެވެ. ފަހަރަކު މީހަކަށް ހާދިސާ ހިނގާދިޔަ ގޮތުގެ ތަފްސީލެއްވެސް ކިޔާ ދޭހާ ހިތްވަރެއްވެސް މި ވަގުތަކު ނެތެވެ.
ގެއްލިދިޔަ ޢިއްޒަތެއް އަނބުރާ ނުލިބޭނެ، މި ޕޯސްޓުގެވެސް ބޭނުމަކީ ބަޔަކު ބަދުނާމު ކުރުން ނޫން ކަމުގައި ބުނެދެމެވެ. ހައްޤުހޯދަން މަސައްކަތް ކުރުމަށް އާދޭސް ދަންނަވަމެވެ.
“މީހަކު ބުނެލާ ކޮންމެ ބަހަކީ، ފަހަރުގައި ތެދު ކަމުގައިވެސް ނުވެދާނެއެވެ” ޖިދާދުގެ ސްޓޭޓްމަންޓް ނިންމާލަމުން ބުނެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...