ކޮވިޑް 19 ގެ ހާލަތު ގޯސްވަމުންދިއުމާއި ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތަކަށް ހައްލުތަކެއް ހޯދުމަށާއި، ރައްޔިތުންގެ ކަންކަމަށް ޚަރަދު ކުރުމަށް ނ.އަތޮޅު ކައުންސިލުން 1,000,000 ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ކައުންސިލުގެ ޤަރާރަކުން ފާސްކޮށްފިއެވެ.
އެ ޤަރާރު ފާސްކޮށްފައިވަނީ 20 މެއި 2021 ގައި ބޭއްވި އެކައުންސިލްގެ ކުށްލި ބައްދަލުވުމަކުންނެވެ.
އެފަދަ ޤަރާރެއް ފާސްކޮށް ނ.އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް 19 ގެ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުންދާތީ ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ޒިންމާތަކުގެ ދަށުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަތޮޅު ކައުންސިލުން އެކަށީގެންވާ ފިޔަވަޅުތަކެއް އަތޮޅު ލެވެލްގައި އަޅަން ޖެހިފައިވާކަމަށްދެކޭތީ ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ކުރުމަށް މިކައުންސިލުން އިޤުރާރުވާކަމަށެވެ.
އެގޮތުން ނ.އަތޮޅު ކައުންސިލުން ފާސްކުރި ޤަރާރުގައި ވާ ކަންކަން ތިރީގައި އެވަނީއެވެ.
- ކޮވިޑް 19 ގެ އިމަޖެންސީ ކަންކަން ހަމަޖެއްސުމަށްޓަކައި 1,000,000 ރުފިޔާ ( އެއްމިލިޔަން ރުފިޔާ ) ގެ ބަޖެޓެއް ކަނޑައަޅައި އަތޮޅުކައުންސިލްގެ ރައީސް ކަނޑައަޅާ އުސޫލެއްގެ ދަށުން ހަމަޖެއްސުން.
- ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމުގައި ރަށުކައުންސިލްތަކާއި ރިސޯޓްތަކާއިއެކު އެއްބަސްވެވޭ އެއްއުސޫލެއް ކަނޑައަޅައި ތަންފީޒުކުރަންފެށުން.
- ކަރަންޓީންވާންޖެހޭ ފަރާތްތަކުގެތެރެއިން އަމިއްލައަށް ކަރަންޓީން ވެވޭނެގޮތްނެތް ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެގޮތުން ކަރަންޓީން ފެސިލިޓީއެއް ހަމަޖައްސައިދިނުން.
- ރިސޯޓް މުއައްޒަފުން ރަށަށް އައުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއްހޯދުމަށް ކައުންސިލްތަކާއި ރިސޯޓްތަކަށް އެއްބަސްވެވޭ އުސޫލެއް ގާއިމްކޮށް ތަންފީޒުކުރުން.
- ކޮންޓެކްޓް ޓްރޭސިންގެ %50 މީހުންނަކީ ބިދޭސީން ކަމަށްވެފައި ބިދޭސީންގެ ކޮވިޑް ޓެސްޓްގެ ނަތީޖާ މާލެއިން ލިބުން އެތައް ދުވަހަކަށް ދިގުދެމިގެންދާތީ ، މާފަރު ކޮވިޑް ލެބޯޓްރީން ދިވެހިންނެކޭ އެއްއުސޫލަކުން ބިދޭސީންނަށްވެސް ހޮސްޕިޓަލް އަދި ހެލްތްސެންޓަރ ތަކުން ފޮނުވާ ސާމްޕަލްތައް ހިލޭ ޓެސްޓްކުރެވޭނެ ގޮތެއް ހެދުމާއި، އަދި މީގެ އިތުރުން ނ. އަތޮޅު ހޮސްޕިޓަލްގައި ކޮވިޑް ޓެސްޓް ހެދޭނެ ލެބޯޓްރީއެއް ގާއިމްކޮށް ޚިދުމަތްދޭން ފެށުން،
- އަތޮޅުން މާލެ ދަތުރުކުރާ އޮޑިދޯނިފަހަރުން މުދަލާއި ފަސެންޖަރުން ބޭލުމަށް ވަކިޚާއްސަ ރަށެއް ނުވަތަ ރަށްތަކެއް ކަނޑައަޅައި ކައުންސިލްގެ ބެލުމުގެދަށުން އެހެންރަށްރަށަށް މުދާ ފޯރުކޮށްދިނުމާއި ، އަދި މިކަމަށް ޚާއްސަ އުޞޫލެއް އަތޮޅުކައުންސިލްގެ ރައީސް އެކުލަވާލުން.
- މާބަނޑު އަންހެނުންނާއި، ތުއްތުކުދިންނާއި، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަބަލިތަކަށް ފަރުވާކުރާމީހުން އަދި އިމަރޖެންސީ ހާލަތުގައި ދަތުރުކުރަންޖެހޭ ފަރާތްތަކަށް ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން.
- ތެލެސީމިއާ ކުދިންނަށް ، އެކުދިން ދިރިއުޅޭރަށުން ލޭ އެޅޭނެ އިންތިޒާމެއް ހަމަޖެއްސުން.
- ކޮވިޑް ސާމްޕަލް އެއްތަނުން އަނެއްތަނަށް އުފުލުމުގައި ކަނޑު ދަތުރު ތަކުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސީ އެމްބިއުލާންސް ނެތްވަގުތުތަކުގައި އަތޮޅު ކައުންސިލުން ދަތުރު ހަމަޖެއްސުން،
- ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރިސޯޓް މުވައްޒަފުން ރަށު ކަރަންޓީން ޗުއްޓީގެ ހައްގު ކަށަވަރުކޮށްދިނުން.
- ރަށްރަށަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ ފަރާތްތަކަށާއި ރަށުގައިހުރެ ޑޮކްޓަރަށްދައްކާ ފަރާތްތަށް އުފުލުމުގެ އިންތިޒާމް ހޮސްޕިޓަލް / ހެލްތް ސެންޓަރުން ރައްކާތެރި އުޅަނދެއްގައި ހަމަޖެއްސުން
މިއީ ނ. އަތޮޅު ކައުންސިލްގެ 3 ވަނަ ދައުރުގެ ފުރަތަމަ ކުއްލި ބައްދަލުވުމުގައި ފާސްކޮށް ސޮއިކޮށްފައިވާ ޤަރާރެއްކަމުގައިވެސް އެޤާރާރުގައި ބުނެފައިވެއެވެ.
ނ.އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅުގެ ރައްޔިތުންނަށް ލާބަހުރި ނިންމުންތައް ނިންމުމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު، ކުއްލި މައްސަލައެއްގެ ގޮތުގައި މިޤަރާރުގެ ހުށަހެޅީ ކުޑަފަރީ ކައުންސިލްގެ ރައީސް ޝަމީމް މުޙައްމަދެވެ.
މި ގަރާރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި، ގެނެވުނު އިޞްލާޙުތަކާއި އެކު،ނ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރު ސޮއިކުރައްވާ ނ.އަތޮޅުސަރުކާރު ން ފާސްކުރި ފުރަތަމަ ގަރާރުގައި ހިމެނުނު އެންމެހައި ކަންކަމަށް ރަށްރަށުގެ ރައީސުން ވަނީ ފުރިހަމައަށް ތާއީދު ކުރައްވާ ގަރާރު ފާސްކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...