ވާހަކަ މަންމާއޭ މިހިތުގައި ތިޔަނަމާ ތިޔަސޫރަވޭ – 17 ވަނަބައި

މަންމާއޭ މިހިތުގައި ތިޔަނަމާ ތިޔަސޫރަވޭ – 17 ވަނަބައި

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

16 ވަނަބައި ކިޔާލުމަށް ………

ބުރުހަމަ ހަނދުގެ ރިހި ދޯދިތައް ގަސްތަކުގެ ފަތްތަކާ ސަމާސާކުރަމުން ދިޔައިރު ތަރިތަކެއް ފަދައިން އެފަތްތައް ވިދަމުން ދިޔައެވެ. ހަމަ އެވަގުތު، ހަނދުގެ ދަރުބާރުގައި ތަރިތައް ވެސް އެތުރިގެން ތިބެ ފިޔަޖަހަމުން ދިޔައެވެ. ތުނޑީގައިވާ ދޮންވެލި ގަނޑުގައި ހީވަނީ ރިހިސާލެއް ލެވިފައިވާ ހެންނެވެ. މި ޖާދުވީ މާހައުލަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން އެތިބީ އިރުއިރުކޮޅުން ގޮނޑުދޮށަށް ބީއްސާލާ ކުޑިކުދި ރާޅުތަކެވެ. އެރާޅުތަކުގެ ހިމޭން އަޑު ވެގެން ގޮސްފައިވަނީ އަހާ މީހުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ ފަދަ ލުއިލުއި މިޒިކެއްކަމުގައެވެ. މި ހިތްގައިމު މާހައުލުން އުފާ ލިބިގަންނަންނަމުންދާ މަޚްލޫޤުންގެ ނަސީބާމެދު ބުނާނީ ކީކޭ ހެއްޔެވެ؟

އަޅުގަނޑުމެންގެ ރީޝްއާއި މާއިޝް އަދި ނިއަމްއާއި އުނައިޝް، ތުނޑީގެ ދެކުނު ކޮޅުން އެކަހެރި ހިސާބެއްގައި ތިބެ ހަނދުވަރުގެ އަލިން ފެންވަރަނީއެވެ. ރީޝްއާއި ނިއަމްއަށް މީގެ ކުރިން މިފަދަ ފުރުސަތެއް ލިބިފައި ނުވާފަދައެވެ. ދެއެކުވެރިންނަށް ލިބެމުންދިޔަ އުފާތައް ދެގުނައަށް އިތުރުކޮށްދިނުމުގައި، އެމީހުންގެ ލޯބިވެރިން ވަނީ އަވަދިނެތިފައެވެ. މާއިޝްއާއި އުނައިޝްގެ ދެމެދުގައި ވަރުގަދަ އަލިފާންގަނޑެއް އަނދަމުން ދިޔަ ނަމަވެސް އެކުދިންނަށް އައި އުފާވެރި ވަގުތުކޮޅު އެހާ އަވަހަށް ނިމޭކަށް އެކަކު ވެސް ނޭދޭ ފަދައެވެ.

“މާއިޝް މިހާރުވެސް ރާޅާއަޅަން އެހާ މޮޅުވާނެތަ؟” ރީޝް ގަޔާވެފައި އަހާލިއެވެ.

“ގައިމުތާ! މިހާރު އިހުނަށްވުރެ ވެސް މޮޅުވާނެ.” ރީޝްއާ ހަތަރުކަޅި ހަމަކޮށްލަމުން މާއިޝް ޖަވާބު ދިނެވެ. އެވަގުތު މާއިޝްގެ ލޮލުގައިވާ ވިދުވަރުގެ ޖާދޫގައި ޖެހި ރީޝްގެ މުޅި ޖިސްމުގައި މަޑު ތުރުތުރެއް އުފެދިގެން ދިޔައެވެ. އެޖާދޫގެ ބާރުގައި ފަޒާގެ ތެރޭގައި އުދުހިލާން އޭނާ ބޭނުންވިއެވެ. މާއިޝްއަށް ވެސް ރީޝްގެ އެ ރީތި ލޮލަށް ބަލަހައްޓައިގެން ކަޅި ޖަހާލަން ވެސް ހަނދާން ނެތިފައި އިނދެވުނީއެވެ. މާއިޝްއަށް ފެންނަމުން ދިޔައީ ޗާލު ގަނޑުވަރެއްގައި ރީޝްއާއެކު އުފާވެރި ހަޔާތެއް ވޭތުކުރަމުންދާ މަންޒަރެވެ. ރީތި ބަގީޗާތަކާއި ފެންއާރުތަކުގެ މެދުގައި ބިނާކޮށްފައި ހުރި އެގަނޑުވަރުގައި އުޅެމުން ދިޔައީ އޭނާއާއި ރީޝްގެ އިތުރުން ތުއްތު އެހާމެ ލޯބި ދެކުދިންނެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. މިރީތި ޚިޔާލީ ދުނިޔޭގައި މާއިޝް އުޅެމުން ދިޔައިރު، ހަގީގީ ދުނިޔޭގައި ވެސް އެތައް ކަމެއް ރޭވެމުން ދިޔައެވެ. މާ ގިނަ އިރުތަކެއް ނުވަނީސް މާއިޝް، އޭނާގެ ހިއްސުތައް ހަމައަކަށް އެޅުވޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ވިއެވެ. އަދި ރާޅާ އެޅުމުގެ ވާހަކަޔައިގެން ކުރިޔަށް ދިޔައެވެ.

“ރީޝް ބޭނުންތަ ރާޅާއަޅަން؟” މާއިޝް ވަރަށް އޯގާތެރިކަމާއެކު އަހާލިއެވެ.

“ވަރަށް ބޮޑަށް.” މާއިޝްގެ ކަނާތު މުލައްދަނޑީގައި ހިފާލަމުން ރީޝް ޖަވާބު ދިނެވެ. “ނިއަމް ވެސް ބޭނުންދޯ ރާޅާ އަޅަން؟” ނިއަމްގެ ޚިޔާލު ހުރިގޮތެއް ބަލާލަން ރީޝް ބޭނުންވިއެވެ.

ނިއަމް ޖަވާބު ދިނުމުގެ ބަދަލުގައި އުނައިޝްގެ މޫނަށް ބަލާލިއެވެ. އެ ބަލާލުމުން، ނިއަމް ވެސް ރާޅާއަޅަން ދާން ބޭނުންވެފައި ހުރި މިންވަރު ހާމަވެއެވެ. އަދި އެކަމަށް ހުއްދައަކަށް އެދެނީ ހެން އުނައިޝްއަށް ހީވިއެވެ. އުނައިޝް އެއްބަސް ވުމުގެ ގޮތުން ބޮލަށް ގެނައި ލުއި ހަރަކާތަކާ އެކު ލޯ މަރާލިއެވެ.

“އަހަރެން ދުވަހަކުވެސް އަދި ރާޅާއަޅާކަށް ނުދަން. އެކަމަކު ވަރަށް ބޭނުން ރާޅާއަޅަން ދަސްކުރަން. އުނައިޝް ދަސްކޮށްދޭނަން ދޯ؟” އުނައިޝްގެ މޭމަތީގައި ކޯތާފަތް ޖައްސާލަމުން ނިއަމް ވާހަކަ ދެއްކިއެވެ.

“ލޮލުން ބޮލުން އެދިގެން ތިކަން ނިއަމްއަށް ކޮށްދޭނަން.” ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން މާއިޝް ޖަވާބު ދިނެވެ. މާއިޝްގެ ވިސްނުން ހުރީ ކޮން ގޮތަކަށް ކަމެއް އެހެން މީހުންނަކަށް ނޭނގެއެވެ. އެކަމަކު އޭނާ، ކޮންމެވެސް ކަމެއް ރާވަމުންދާކަން ގައިމެވެ.

ހަތަރު އެކުވެރިން ވެގެން ރާޅާއެޅުމުގެ ޕްރޮގުރާމު ރާވާލިއެވެ. އެއަށްފަހު، އެރޭ ނިދުމުގެ ކުރިން އޮތް ކޮފީ ބުއިމުގައި އެހެން މީހުންނާއެކު ބައިވެރިވުމަށް ކޮފީ މޭޒުދޮށަށް ދާން ހިނގައިގަތެވެ.

ރޭ ދެބައިވެއްޖެއެވެ. ދަތުރުގެ ހުރިހާ ބައިވެރިން ވެސް މިހާރު ތިބީ ތަންމަތިތަކުގައި އަރާމުގައި ނިދާފައެވެ. އުނައިޝް ފިޔަވައެވެ. އުނައިޝްގެ ޚިޔާލުތަކުގެ އަސް އެކި ދިމަދިމާއަށް ދުއްވަމުން ދިޔައެވެ. އެކަމަކު ކޮންމެ ދިމާއަކުން ވެސް އެނބުރި އަންނަނީ ނާކާމިޔާބީގެ ރަނގަބީލުތައް ތަޅުވަމުންނެވެ. މިލިބުނު ފުރުޞަތު ހުސްއަތާ ދޫކޮށްލާކަށް އުނައިޝް ބޭނުމެއް ނޫނެވެ. ރީޝްގެ ކަރުގައި އެވާ ރަންފަށް އޭނާއާ ވަކިކޮށްލެވޭނެ ގޮތެއް ނުފެނިފައި ހުންނަތާ މިހާރު ކޮން ދުވަހެއް ހެއްޔެވެ. އެފަށް އޭނާގެ ހަށިގަނޑުން ވަކިނުވަނީހެއް މާއިޝްގެ އަތްދަށުގައި ރީޝް ހައްޔަރެއް ނުކުރެވޭނެއެވެ. މިހެން ތެޅިތެޅި ހުއްޓާ މިލިބުނު ރަނުގެ ފުރުޞަތު ނަގައިލާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެވެސް މީހަކު އޭނާއަށް ރަނގަޅު ޚިޔާލެއް ދޭނެ ނަމައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. މިފަދަ ޚިޔާލުތަކެއްގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވާ އޭނާގެ އަސްލު ނަމުން ގޮވާލިހެން އޭނާއަށް ހީވިއެވެ. އެހެން ނަމަވެސް މިތާކު އޭނާގެ އަސްލު ނަން ދަންނާނެ މީހަކު ނުހުންނާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އެއީ ހީވި ހީވުމެއް ކަމުގައި އޭނާ ނިންމިއެވެ. އަނެއްކާވެސް އޭނާގެ ނަމުން ގޮވާލައިފިއެވެ. މިފަހަރު އޭނާ ވަރަށް ރަނގަޅަށް ވިސްނިއެވެ. އެއީ ހީވިގޮތެއް ނޫނެވެ. އެކަމަކު ކާކުހެއްޔެވެ؟

“ސަމަރު! ނިކަން ލޯ ހުޅުވާލަބަލަ! ގާތުގައި މީނީ ކާކުތޯ ނިކަން ބަލާލަބަލަ!” އެމީހަކު ވާހަކަދެއްކިއެވެ.

މާއިޝް މަޑުމަޑުން ލޯ ހުޅުވާލިއެވެ. އަދި ގާތުގައި އިނީ ކާކުތޯ ބަލާލުމަށްޓަކައި ފަރާތްފަރާތަށް ކަޅި ހިންގާލިއެވެ. “ޒަމާލިކް!” އުނައިޝްއަށް ލިބުނު ހައިރާން ކަމުގައި ހަޅޭލަވައި ގަނެވުނެވެ. އަދި ޖެހިގެން އައި ސިކުންތުގައި ފުންމައިގެން ތެދުވެ އޭނާގެ ކޮއްކޮގެ ގައިގައި އޮޅުލައިގަތެވެ. “ޒަމާލިކް މިރަށުގަ ކީއް ތިކުރަނީ؟” ހައިރާންކަމުން ފުރިފައިވާ އަޑަކުން އުނައިޝް ސުވާލުކުރިއެވެ.

“ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނަން. އެކަމަކު އެންމެ ފުރަތަމަ ހިނގާ މިއަށްވުރެ އަމާން ހިސާބަކަށް ދާން.” އުނައިޝްގެ އަތުގައި ހިފައި ދަމައިގަންނަމުން ޒަމާލިކް އެދުނެވެ. އުނައިޝްއަށް ވެސް އެއީ ރަނގަޅު ގޮތެއް ކަމަށް ގަބޫލުކުރެވުނެވެ. އެހެން މީހުންނަށް ހިލަމެއް ވެދާނެތީ ވަރަށް މަޑުމަޑުން އުނައިޝް ޓެންޓުން ބޭރަށް ނުކުތެވެ. އަދި ޒަމާލިކްގެ އަތުގައި ހިފައިގެން ޓެންޓްތަކާ ދުރަށް، ތުނޑީގެ އުތުރުކޮޅަށް ހިނގައިގަތެވެ. އަދިވެސް އުނައިޝްގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. ދެން ދުވަހަކު ވެސް ނުފެންނާނެ ކަމަށް ހީކޮށްގެން ހުރި އޭނާގެ ކޮއްކޮއާ މިރަށުން ކުއްލިގޮތަކަށް ބައްދަލުވުމުންނެވެ. ހަމަ އެއާއެކު އޭނާގެ ހިތަށް ކާމިޔާބީގެ އިހުސާސްކުރެވެމުން ދިޔައެވެ. އޭނާއާ އެއްބައިވާނެ އިތުރު މަޚްލޫޤަކު ލިބުނީމައެވެ. ތުނޑީގެ އެންމެ އުތުރަށް މިހާރު އުނައިޝްމެންނަށް ދެވިއްޖެއެވެ. އެހިސާބުގައި ހުރި ބޯށިގަހެއްގެ ބުޑުދޮށުގައި އެމީހުން އިށީނެވެ.

“ދެން ބުނެބަލަ! ޒަމާލިކް މިރަށުގައި ކީއްތަ ތިކުރަނީ؟”

“އަހަރެން މިރަށުގައި ކުރާ ކަމަކީ، މިރަށަށް އަންނަ މީހުންގެ ދަރިއެއް ކަމަށް ހެދިގެން މަންމާއޭ ކިޔާފައި ރުއިން. އެގޮތަށް ރޯން ފެށުމުން އަހަރެން ހޯދަން ވަރަށް އެމީހުން އަންނާނެ. އެކަން އަހަރެންނަށް ވަނީ ވަރަށް މަޖާކަމަކަށް. މިރަށުގެ ވަޒަންވެރިން ބުނާ ގޮތުން އަހަރެން މީ ހުއިފަޅު ކުއްޖާ! އޭރު މިރަށުގައި ހުއިފަޅު ކިޔާ ކުޅިއެއް އޮވޭ. އަހަރެން ހިމާޔަތް ހޯދަނީ އެ ކުޅީގެ ކިލާގަނޑުގެ ތެރެއިން. އޭގެ ތެރެއިން ބައެއް މީހުންނަށް އަހަރެން ފެންނަ ކަމަށް ވެސް ކިޔާތީ އިވޭ. އެކަން އެހެން އެވަނީ ކީއްވެކަމެއް އަހަރެންނަކަށް އަދިވެސް ނޭނގޭ. ބައެއް ފަހަރަށް އަހަރެންގެ ފަހަތުން އައިސް އަތުލައިގަނެފާނެއޭ ހީވާ އެތައް ހާދިސާއަކާ ކުރިމަތިވެއްޖެ. ރަށް ގިރުމުގެ ސަބަބުން ހުއިފަޅު ގިރައިގެން ދިޔަ ފަހުން އަހަރެންނަށް ހިމާޔަތް ހޯދޭނެ ގޮތެއް ނޯވޭ. އެހެންވެ މިހާރު ކަންކަން ކުރަން ޖެހެނީ ވަރަށް ބަލައިގެން. ބައެއް ފަހަރަށް އަހަރެން ރޯން ފެށުމުން ބައެއް އަންހެނުން “އޯތް ދަރިފުޅާ” އޭ ބުނާނެ. އެހިސާބުން އަހަރެން ރުއިން ހުއްޓާލާފައި އަވަހަށް ފިލަނީ. އެއީ މަންމަގެ ހަނދާން އާވުމުން އަހަރެންނަށް ކުރާ ފުން އަސަރެއްގެ ސަބަބުން، ހިއްސުތަކުގެ މައްޗަށް ގަދަވެގަންނަން އުނދަގޫވާތީ. މަންމައެއްގެ އުނގުގައި ބޯއަޅާލާ، މައިވަންތަކަމުގެ ކުލުނު އިހުސާސްކުރަން ބޭނުންވާލެއް ބޮޑުވާތީ.” އެހިސާބަށް ކިޔައިދިނުމަށްފަހު ޒަމާލިކްގެ އަޑު ބެދެންފެށުމުން ވާހަކަދެއްކުން ހުއްޓާލިއެވެ. އުނައިޝްއަށް ވެސް އޭނާގެ މަންމަގެ މަތިން ހަދާން ވުމުން ފުން އަސަރުތަކެއް ކުރިއެވެ. ރީޝްގެ އާއިލާގެ އަނިޔާތަކަށް ކެތް ނުކުރެވިގެން އުނައިޝްގެ ބައްޕައާއި މަންމަ މަރުވި ހާދިސާ އޭނާގެ ކުރިމަތީގައި ސިފަވާން ފެށިއެވެ. ހަމަ އެއާއެކު ބަދަލުހިފުމުގެ ހުޅުގަނޑުގެ ސަބަބުން އޭނާގެ ހިތް އަނދައިގަތެވެ.

“ރީޝް! އަހަރެން ކަލޭގެ އާއިލާއެއްކޮށް ދުވަސް ދުއްވާލާނަން. އަހަރެންގެ އާއިލާއިން ނެތިދިޔަ ކޮންމެ ފުރާނައެއްގެ ބަދަލު ވަކިވަކިން ހިފާނަން!” އުނައިޝް ދަތްކުނޑިވިކައިގަންނަމުން ބުންޏެވެ. އެހިނދު އޭނާގެ ދައަތް ވަނީ މުށްކެވިފައެވެ. “ޒަމާލިކަށް އަހަރެން މިރަށުގައި އުޅޭކަން އެނގުނީ ކިހިނެއް؟” އުނައިޝް ސުވާލުކުރިއެވެ.

“ބޭބެ ޑިންގީއެއްގައި މިރަށަށް ލެފީއްސުރެ އަހަރެން މިހުންނަނީ ބޭބެގެ ހަރަކާތްތަކަށް ބަލަން. ރަނގަޅު ދަނޑިވަޅެއްގެ އިންތިޒާރުގައި. އެހެން ހުއްޓާ ރޭ ދެބައިވެގެން ދިޔައިރު ވެސް ދަނޑިވަޅެއް ނުލިބުމުން ވަރަށް މާޔޫސްވި. އެކަމަކު ދެންވެސް ވަގުތެއް ލިބޭތޯ ބެލީ.” ޒަމާލިކް އޮޅުންފިލުވައިދިނެވެ. “ބޭބެ ތިއުޅެނީ ރީޝްއާ ގާތް ވެވޭނެ ގޮތެއް    ނުފެނިގެންދޯ؟” ޒަމާލިކް މައުޟޫ ބަދަލުކޮށްލިއެވެ. “ބޭބެއަށް އެހެން މީހެއްގެ އެހީ ބޭނުންވާހެން ވަރަށް އެބަ ހީވޭ. މި ހީކުރެވެނީ ރަނގަޅަށްތަ؟” ޒަމާލިކް ސަމާސާގެ ރާގުގައި ސުވާލުކުރިއެވެ.

“ކޮއްކޮއަށް ތިޔަ ހީވީ ރަނގަޅަށް. މިކަމާމެދު ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ހިނގައްޖެ. އެކަމަކު އެ މާއިޝްގަނޑަށް ނޭނގި ރީޝް ވާވައްދާލާނެ ހަމަ އެއްގޮތެއް ވެސް ނުވިސްނުނު.” އުނައިޝްގެ ފިކުރުތައް ޒަމާލިކްގެ ކުރިމައްޗަށް ބަންޑުންކޮށްލިއެވެ.

“އަހަރެންގެ އެބައޮތް ރޭވުމެއް. މިރޭވުން ކާމިޔާބުވާނީ ދެމީހުން ވެސް ވަރަށް ރަނގަޅަށް ކަންކަން ކޮށްގެން.”

ރީޝްގެ ކަރުގައި އޮތް ރަންފަށް އޭނާއާ ވަކިކުރެވޭނެ މޮޅު ރޭވުމެއް، ދެބެއިން ވެގެން ރާވާލިއެވެ. އެއަށްފަހު، ދެބެންގެ ހަޔާތުގެ ތަފާތު ޞަފުޙާތައް އެކަކު އަނެކަކަށް ކިޔައިދިނުމުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު އުނައިޝް އެނބުރި ޓެންޓަށް ގޮސް ތަންމަތީގައި އޮށޯވެއްޖެއެވެ. ޒަމާލިކް އެހުރިތާ ހުރެފައި ދުންކޮޅަކަށް ވެގެން މައްޗަށް އަރައިގެން ގޮސް ފަޒާގެ ތެރެއަށް ގެއްލިއްޖެއެވެ.

(ނުނިމޭ)

ޓެގް

މަންމާއޭ ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.