ނަފްރަތުގެ ބިލް އަނބުރާ ނެންގެވުމަށް 101 ޢިލްމުވެރިއެއްގެ ފަރާތުން އިލްތިމާސްކޮށް ރާއްޖެގެ ރައީސުލް ޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމަށް ދީނީ ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ތައްޔާރުވެއްޖެއެވެ.
އެ ޕެޓިޝަނުގައިވަނީ، އުންމަތް ހަމަ މަގަށް އެޅުވުމާއި ހެޔޮކަންކަން މުޖުތަމަޢުގައި ޢާންމުކޮށް ނުބައި ކަންކަން މުޖުތަމަޢުން ނައްތާލުމަކީ އިސްލާމީ ޤައުމެއްގައި އެބައެއްގެ އިސްވެރިޔާގެ ގޮތުގައި ހުންނަވާ ފަރާތުގެ މައްޗަށް އޮންނަ އެންމެ ބޮޑު އެއް ޒިމާކަމަށާއި ހަމަ އެފަދައިން ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމުގެ އެކި ދަރަޖަތަކާއި މަރުޙަލާތައް ކަނޑައަޅުއްވާ އިސްލާމީ އުންމަތުގެ އެންމެހާ އަފުރާދުންގެ މައްޗަށް ލާޒިމުވާނެ ފަދައިން ޝަރުޢުކުރައްވައި އެއީ އިސްލާމް ދީނުގެ އެއް އަސާސް ކަމުގައި ލައްވާފައިވަނީވެސް ނުބައި ކަންކަން މުޖުތަމަޢުން ނައްތާލުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.
ދިވެހިރާއްޖޭގެ ޤާނޫނޫލް ޢުޤޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލުގެ ސަބަބުން، މުޖުތަމަޢުގައި އިސްލާމްދީނާއި ދެކޮޅަށް ހިނގާ ބޮޑަތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި، އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި ޢާންމުން ހޭލުންތެރި ކުރުމަށް ދީނީ ޢިލްމުވެރިންނާއި އެނޫން ޢާންމު ރައްޔިތުން އެކީއެކަށް ހުރަސް އެޅި ބަންދުވެގެންދާނެކަމަށް މި ޕެޓިޝަންގައި ވެއެވެ.
މީގެ އިތުރުން، ސެކިއުލަރ ޙަރަކާތްތައް މި ޤައުމުގައި ވަރުގަދަ ކުރުމަށް މިވީހާތަނަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ގުޅިގެން އެކި ޖަމާޢަތްތަކުން ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް، އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިޔަށް ނުގޮސް އޮންނަކަމީ، ޙަޤީޤަތްކަން ދިވެހި މުޖުތަމަޢުގެ ކޮންމެ ފަރުދަކަށްވެސް މިހާރު ފެންނަ އެބައޮތް ކަމަށާއި އެފަތަ ޙާލަތުގައިވެސް ދީނާ ދެކޮޅު ޖަރީމާތައއް ހިންގާ މީހުންނާ ދެކޮޅަށް ޢިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ ޢާންމުގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން، ދީނުގެ ދިފާޢުގައި ތެދުވާ މީހުންނަށް ދަޢުވާ އުފުލޭނެ ގޮތަށް އޮތުމަކީ ލޮބުވެތި މިވަޠަނުގެ ދީނާއި ޤައުމިއްޔަތާއި ޚިލާފު ކަމެއްކަމަށްވެސް އެ ޕެޓިޝަންގައި ވެއެވެ.
މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަޤީންކަން މަނިކުފާނުގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވުނު ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެކަމުގެ ޔަޤީންކަން ޚުދު މަނިކުފާނަށް ވެސް ދެއްވެން ނޯންނާނެތީ، އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އިލްތިމާސްކުރާކަމުގައި ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
ވީމާ، މި ދިވެހި އިސްލާމީ އުންމަތުގެ ވަލިއްޔުލްއަމްރުގެ ގޮތުގައި މިހާރު ހުންނެވި ފަރާތުގެ ހައިސިއްޔަތުން، މިހާރު ހިނގާ މިފަދަ އެންމެހައި ކަންކަމުގެ ދާއިމީ ގެއްލުމާއި ނުރައްކާ ކުރިމަތިވެ ވަޑައިގަންނަވާނެ ފަރާތަކީ މަނިކުފާނާއި މަނިކުފާނުގެ ރައްޔިތުން ކަމަށްވާތީވެ، ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލް އަނބުރާ ނަންގަވައި ދެއްވުމަށް އިލްތިމާސް ކުރާ ކަމަށާއި އެހެނީ މި ބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށސް އިޞްލާޙުތަކެއް ގެނެސްގެން ވިޔަސް އިސްލާމީ މުޖުތަމަޢުއަކަށް އެއްވެސް ޙާލެއްގައި އަދި އެއްވެސް މިންވަރަކަށް ކުޑަނަމަވެސް މަޞްލަޙަތެއް އެކުލެވިގެންވަ ކަންކަން ކަމުގައި ނުވާތީއާއި، އޭގެ ސަބަބުން ލިބިގެން ދާނެ ގެއްލުންތަކަކީ ފޫ ނުބެއްދޭ ވަރުގެ ކަންކަން ކަމުގައި ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިން ހެން އިއްތިފާޤުވެ ވަޑައިގަންނަވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...