ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައި ވެއެވެ. (الدعاء هو العبادة) މާނައީ، “ދުޢާކުރުމަކީ، އަޅުކަމެވެ.” މިހެން ޙަދީޘްކުރެއްވުމަށްފަހު، ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތް ކިޔަވައި ވިދާޅުވިއެވެ.
وَقَالَ رَبُّكُـمْ ٱدْعُونِى أَسْتَجِبْ لَكُمْ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دٰخِرِينَ
މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ.” (ސޫރަތުލް ޣާފިރުގެ 60 ވަނަ އާޔަތް)
އެހެންކަމުން ގިނަގިނައިން ދުޢާކުރާ މީހުންގެ ތެރެއިން ވަމާ ހިނގާށެވެ. ޢަރަބި ބަހުންނާއި ދިވެހި ބަހުންވެސް ދުޢާކުރެވޭނެއެވެ. ތިރީގައި މިހިމަނާލަނީ ޙަޔާތުގެ ކޮންމެ ދުވަހަކުވެސް ޚާއްޞަ ސަމާލުކަމެއް ދީގެން ކިޔާލެވޭނެ، ސުންނަތުން ޘާބިތުވެފައިވާ ވަރަށް މުހިންމު ދުޢާތަކެކެވެ.
ބައެއް މުހިންމު ދުޢާތައް:-
اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيرِمَا سَأَ لَكَ مِنْهُ نَبِيُّكَ مُحَمَّدٌصَلَّى اللَّهُ عَلَيْه وَسَلَّمَ، وَأَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَ مِنْهُ نَبِيُّكَ مُحَمَّدٌصَلَّى اللَّهُ عَلَيْه وَسَلَّمَ ، وَأَنْتَ الْمُسْتَعَانُ، وَعَلَيْكَ الْبَلَاغُ، وَلَا حَولَ وَلَا قُوَّةَ إِلَّا بِاللَّهِ”
މާނައީ” އަޅުގެވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލިމް އެކަންކަމަށް އެދިވަޑައިގެން އިބަރަސްކަލާނގެ ޙަޟްރަތުގައި ދެންނެވި ކޮންމެ ކަމެއް އަޅާއަށްވެސް ދެއްވުންއެދި، މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި އިބަރަސްކަލާނގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލިމް އެކަންކަމުން އެކަލޭގެފާނު ރައްކައުތެރިކޮށްދެއްވުން އެދިވަޑައިގެން އިބަރަސްކަލާނގެ ޙަޟްރަތުގައި ދެންނެވި ކޮންމެ ކަމަކުން، އަޅާވެސް ރައްކައުތެރިކޮށްދެއްވުން، އެދި މިއަޅާ، އިބަރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ. އެ ފަރާތަކުން އެހީއަށް އެދި ދެންނެވުން ޙައްޤުވެގެންވާ ފަރާތަކީ، ހަމައެކަނި އިބަރަސްކަލާނގެއެވެ. އަދި މީސްތަކުންގެ އާދޭސްތައް އައްސަވައި، ހިންމަވައިދެއްވާ ފަރާތަކީ، ހަމައެކަނި އިބަރަސްކަލާނގެއެވެ. އަދި ފާފަތަކުން ރައްކައުތެރިވުމުގެ ކުޅަދާނަކަމެއް، އަދި ހެޔޮޢަމަލު ކުރުމުގެ ޤާބިލްކަމެއް، އިބަރަސްކަލާނގެ ޙަޟްރަތުން މެނުވީ ނުވެއެވެ.
[ރަވާހު ތިރްމިޛީ / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1226]
اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! މިއަޅާއަށް ތެދުމަގު ދެއްކެވުމަށާއި، ތަޤުވާވެރިކަން ލިބިދެއްވުމަށާއި، ޢިއްފަތްތެރިކަން ލިބިދެއްވުމަށާއި، ފުދުންތެރިކަންދެއްވައި، (އަނެކުންގެ ކުރިމަތީގައި ނިކަމެތިވުން ސަލާމަތްކޮށްދެއްވުން) އެދި ވަޑައިގެން، އިބަރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
[ރަވާހު މުސްލިމް / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1211]
اللَّهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! ހިތްތައް އެފުއްމިފުށަށް އަނބުރުއްވާ (ކުޅަދުންވަންތަ) ރަސްކަލާކޮ! އަޅަމެންގެ ހިތްތައް އިބަރަސްކަލާނގެއަށް ކިޔަމަންތެރިވުމުގެ ފަރާތަށް އަނބުރުއްވަވާނދޭވެ!
[ރަވާހު މުސްލިމް / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1212]
اَللَّهُمَّ اغْفِرْ لِي خَطِيئَتِي، وَجَهْلِي، وَإِسْرَافِي فِي أَمْرِي، وَمَا أَنْتَ أَعْلَمُ مِنِّي، اَللَّهُمَّ اغْفِرْ لِي جِدِّي، وَهَزْلِي، وَخَطَئِي، وَعَمْدِي، وَكُلُّ ذَلِكَ عِنْدِي
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! އަޅާގެ ކުދިފާފަތަކާއި، އަޅާއަށް ގަސްދަކާނުލައިކުރެވޭ ފާފަތަކާއި، އަދި ކަންކަމުގައި މިއަޅާގެފުށުން ވެވޭ ހައްދުފަހަނައަޅައި ދިޔުމުގެ ކުށާއި، އަދި އަޅާއަށްވުރެ ބޮޑަށް އިބަރަސްކަލާނގެ އެ ކަންކަން މޮޅަށް ދެނެވޮޑިގެންވާ، އަޅާގެ ފާފަތައް އިބަރަސްކަލާނގެ މިއަޅާއަށް ޢަފޫކޮށްދެއްވާންދޭވެ! އަޅުގެ ވެރިރަސްކަލާކޮ! އަޅާއަށް ގަސްދުގައި ކުރެވިފައިވާ ފާފަތަކާއި، ސަމާސާއަށް މިއަޅާއަށް ކުރެވިފައިވާ ފާފަތަކާއި ގަސްދަކާއިނުލައި ނުވަތަ ގަސްދުގައި ކުރެވުނު ފާފަތަކާއި މިހުރިހާކަމެއް މި އަޅާއަށް ކުރެވިފައެވެ. މިހުރިހާކަމެއް އިބަރަސްކަލާނގެ މިއަޅާއަށް ޢަފޫކޮށްދެއްވާނދޭވެ!
[މުއްތަފަޤުންއަލައިހި / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1218]
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! އަޅާއަށް ކުރެވިފައިވާ ނުރަނގަޅު ކޮންމެ ޢަމަލެއްގެ ނުބައިކަމުންނާއި، އަދި މިއަޅާއަށް އެކަމެއް ކުރެވިފައިނުވާ ނުރަގަޅު، ޢަމަލުތަކުގެ ނުބައިކަމުން، އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަން އެދި ދަންނަވަމެވެ.
[ރަވާހު މުސްލިމް / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1219]
اللَّهُمَّ اكْفِنِي بِجَلَالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ ޙަރާމްކުރެއްވި ކަންކަމުން މިއަޅާ ދުރުކޮށްދެއްވާ، އިބަރަސްކަލާނގެ ޙަލާލްކުރެއްވި ކަންކަމުގައި މިއަޅާ ފުދުންތެރިކޮށްދެއްވާންދޭވެ! އަދި އިބަރަސްކަލާނގެ ފަޟްލުވަންތަވެރިކަމުން، އިބަރަސްކަލާނގެ ފިޔަވައި އެހެން ފަރާތަކަށް މުހުތާދުވުން މިއަޅާ ފުދުންތެރި ކޮށްދެއްވާންދޭވެ!
[ރަވާހު ތިރްމިޛީ / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1224]
ނޯޓް: ތިބާގެ ކޮނޑުގައި ބޮޑު ފަރުބަދައެއްހާ ބޮޑު ދަރަންޏެއް އެޅިފައިވީނަމަވެސް ތިބާގެ ފަރާތުން އެދަރަނި އަދާވާނެގޮތް މާތްﷲ މެދުވެރި ކުރައްވާނެއެވެ.
اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَالْعَمَلَ الَّذِي يُبَلِّغُنِي حُبَّكَ اللَّهُمَّ اجْعَلْ حُبَّكَ أَحَبَّ إِلَيَّ مِنْ نَفْسِي وَأَهْلِي وَمِنَ الْمَاءِ الْبَارِدِ
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! މިއަޅާގެ ހިތުގައި އިބަރަސްކަލާނގެ (ޙަޟްރަތަށް) ލޯބިވުން އިތުރުކޮށް ދެއްވުމަށާއި އިބަރަސްކަލާނގެ (ޙަޟްރަތަށް) ލޯބިވީހުން، ލޯބިވީފަދައިން (މިއަޅާވެސް) ލޯބިވުމަށް ތައުފީޤުދެއްވުމަށާއި (އެބަހީ:އިބަރަސްކަލާނގެ ލޯބިވެވޮޑިގެންވާފަދަ ހެޔޮޢަމަލު ކުރެއްވުމުގެ ތައުފީޤުދެއްވުމަށާއި) (މިއަޅާގެ މައްޗަށް) ލޯބިވެވޮޑިގަތުން ޙައްޤުވާފަދަ (ހެޔޮ) ޢަމަލު ކުރުމުގެ ތައުފީޤު ދެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަޅުގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ ޙަޟްރަތަށް މިއަޅާގެ ހިތުގައިވާ ލޯބި، މިއަޅާގެ އަމިއްލަ ނަފްސާ މެދުގައްޔާއި މިއަޅާގެ އަހުލުވެރިންނާއި މެދުގައްޔާއި (ހޫނުގަދަ ދުވަހެއްގައި) ފިނިފެންފޮދެއްލިބުން އެދި ވާ ލޯތްބަށްވުރެ (މިއަޅާގެ ހިތުގައި) މަތިވެރިކޮށްދެއްވާންދޭވެ!
[ރަވާހު ތިރްމިޛީ / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1225]
اللَّهُمَّ إِنِّي أَسْأَلُكَ مُوجِبَاتِ رَحْمَتِكَ وَعَزَائِمَ مَغْفِرَتِكَ وَالسَّلاَمَةَ مِنْ كُلِّ إِثْمٍ وَالْغَنِيمَةَ مِنْ كُلِّ بِرٍّ وَالْفَوزَ بِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! (މިއަޅާގެމައްޗަށް) އިބަރަސްކަލާނގެ ރަޙްމަތްލެއްވުން ވާޖިބުވާނޭ ކޮންމެކަމެއް މިއަޅާއަށް (މިންވަރުކޮށް) ދެއްވުމަށާއި، (އެބަހީ: މިއަޅާގެ މައްޗަށް އިބަރަސްކަލާނގެ ރަޙްމަތްލެއްވުން ވާޖިބުވާފަދަ ހެޔޮ ޢަމަލުކުރުމުގެ ތައުފީޤު ދެއްވުމަށާއި) އަދި އިބަރަސްކަލާނގެ ފާފަފުއްސެވުން ޙާޞިލްވުމަށާއި (އެބަހީ: އިބަރަސްކަލާނގެ މިއަޅާގެ ފާފަފުއްސެވުން ލިބެނިވި ހެޔޮތައުފީޤު ދެއްވުމަށާއި) އަދި ކޮންމެ ފާފައަކުން ރައްކައުތެރި ކޮށްދެއްވުމަށާއި އަދި ކޮންމެ ހެޔޮޢަމަލެއް (އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމުގެ ތައުފީޤު ދެއްވުމަށާއި) އަދި ސުވަރުގެ ލިބުމުގެ މަތިވެރި ނިޢުމަތް ދެއްވުމަށާއި އަދި ނަރަކައިން މުއްތިކުރެއްވުން އެދި، މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުއެވެ.
[ރަވާހުލް ޙާކިމް އަބޫ ޢަބްދިﷲ / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1227]
اللَّهُمَّ إِنِّي أَعُوذُ بِكَ مِن شَرِّ سَمْعِي وَمِن شَرِّ بَصَرِي وَمِن شَرِّ لِسَانِي وَمِن شَرِّ قَلْبِي وَمِن شَرِّ مَنِيِّ
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! މިއަޅާގެ ކަންފަތާއި، މިއަޅާގެ ލޮލާއި މިއަޅާގެ ދުލާއި މިއަޅާގެ ހިތާއި، މިއަޅާގެ ލަތުވެތި ގުނަވަނުގެ ނުބައިކަމުން، މިއަޅާ ރައްކާތެރިކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
[ރަވާހު އަބޫދާއޫދު އަދި ތިރްމިޛީ / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1222]
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الْأَخْلاَقِ وَالْأَعْمَالِ وَالْأَهْوَاءِ
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން ނުރަނގަޅު އަޚްލާޤީ ސިފަތަކުންނާއި އެފަދަ ޢަމަލުތަކުންނާއި ނުބައި އެދުންތަކުން، މިއަޅާ ސަލާމަތްކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުގައި އިލްތިޖާ ދަންނަވަމެވެ.
[ރަވާހު ތިރްމިޛީ / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1222]
اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ وَإِلَيْكَ حَاكَمْتُ فَاغْفِرْ لِي مَا قَدَّمْتُ وَمَاأَخَّرْتُ وَمَاأَسْرَرْتُ وَمَاأَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ ޙަޟްރަތަށް މިއަޅާ ކިޔަމަންގެންފީމެވެ. އަދި މިއަޅާ އިބަރަސްކަލާނގެއަށް އީމާން ވެއްޖައީމެވެ. އަދި މިއަޅާ އިބަރަސްކަލާނގެއަށް ވަކީލުކޮށްފީމެވެ. އަދި މިއަޅާ (ކޮންމެކަމެއްގައި ވާގިއެދި) ރުޖޫޢަވަނީ އިބަރަސްކަލާނގެ ޙަޟްރަތަށެވެ. އަދި މިއަޅާ (އިބަރަސްކަލާނގެ ދީނުގެ) ދުޝްމަނުންނާއި ހަނގުރާމަކުރަނީ، އިބަރަސްކަލާނގެ މަދަދާއެކުގައެވެ. މިއަޅާ ކޮންމެ ކަމެއްގެ ނިޔާއަށް އެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ. ފަހެ، މިއަޅާ އިސްކުޅަ ކޮންމެ ފާފައަކާއި، މިއަޅާއަށް ފަސްވެފައިވާ ކޮންމެ ފާފައަކާއި މިއަޅާ ސިއްރުގައި ކުޅަ ކޮންމެ ފާފައަކާއި، މިއަޅާ ފާޅުގައި ކުޅަ ކޮންމެ ފާފައެއް އިބަރަސްކަލާނގެ މިއަޅާއަށް ޢަފޫކޮށްދެއްވާނދޭވެ! އިބަރަސްކަލާނގެއީ އިސްވެވޮޑިގެންވާ އިލާހެވެ. އަދި އިބަރަސްކަލާނގެއީ ފަސްވެވޮޑިގެންވާ އިލާހެވެ. (އެބަހީ: އިބަރަސްކަލާނގެއީ ފެށުމެއް ނުވާފަދައިން، ނިމުމެއް ނިހާޔަތެއްނުވާ އަބަދަށް ދެމިވޮޑިގެންވާ އިލާހެވެ.) އިބަރަސްކަލާނގެ މެނުވީ އެއްވެސް އިލާހަކު ނުވެއެވެ.
[މުއްތަފަޤުންޢަލައިހި / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1220]
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ فِتْنَةِ النَّارِ وَعَذَابِ النَّارِوَمِنْ شَرِّ الْغِنَى وَالْفَقْرِ
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! އަލިފާނުގެ ފިތުނައިންނާއި އަލިފާނުގެ ޢަޛާބުންނާއި މުދާވެރިކަމާއި ފަޤީރުކަމުގެ ނުބައިކަމުން އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ރައްކައުތެރިކަމަށް އެދެމެވެ.
[ރަވާހު އަބޫދާއޫދު އަދި ތިރްމިޛީ / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1221]
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ وَمِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! ނުކުޅެދުންތެރިކަމުންނާއި، ކަންނެތްކަމުންނާއި، ދަހިވެތިކަމުންނާއި (އަނެކުންނަށް އުނދަގޫފޯރާފަދަ) މުސްކުޅިކަމުންނާއި ޤަބުރުގެ ޢަޛާބުން، އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ރައްކައުތެރިކަމަށް އެދެމެވެ. އަޅުވެރިރަސްކަލާކޮ! އަޅުގެ ނަފްސު ތަޤުވާވެރިކަމުން ޒީނަތްތެރިކޮއްދެއްވާންދޭވެ! އަދި އިބަރަސްކަލާނގެ އެ ނަފްސު ޠާހިރުކޮށްދެއްވާންދޭވެ! އެ ނަފްސު އެންމެ ހެޔޮގޮތުގައި ޠާހިރުކޮށްދެއްވާނެ ފަރާތަކީ އިބަރަސްކަލާނގެއެވެ. އެ ނަފްސުގެ އެހީތެރިވަންތަ ފަރާތަކީ އިބަރަސްކަލާނގެއީމުއެވެ. އަދި އިބަރަސްކަލާނގެއީ އެ ނަފްސުގެ ވެރިރަސްކަލާނގެއީމުއެވެ. އަޅުގެވެރި ރަސްކަލާކޮ! ފައިދާއެއް ނުކުރާ ޢިލްމުގެ ނުބައިކަމުންނާއި (އިބަރަސްކަލާނގެ ޙަޟްރަތަށް) ބިރުވެތިނުވާ ހިތުގެ ނުބައިކަމުންނާއި ފުދުންތެރިނުވާ ނަފްސުގެ ނުބައިކަމުންނާއި އިޖާބަނުކުރެއްވެނިވި ދުޢާގެ ސުންޕާކަމުން، މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ.
[ރަވާހު މުސްލިމް / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1220]
اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالسَّدَادَ
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ތެދުމަގު ދެއްކެވުމަށާއި މިއަޅާގެ ކަންތައްތައް ސީދާކޮށްދެއްވުން އެދި (ދުޢާ) ދަންނަވަމެވެ.
[ރަވާހު މުސްލިމް / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1215]
اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَعَافِنِي وَارْزُقْنِي
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ ފާފަ ފުއްސަވާނދޭވެ. އަދި މިއަޅާއަށް ރަޙުމަތް ލައްވާންދޭވެ! އަދި މިއަޅާއަށް ތެދުމަގު ދައްކަވާންދޭ! އަދި މިއަޅާއަށް ޢާފިޔަތު ދެއްވާންދޭވެ! (އެބަހީ: ދުނިޔެއާއި އާޚިރަތުގެ އެންމެހާ ގެއްލުންތަކުން ސަލާމަތްކޮށްދެއްވާންދޭވެ!) އަދި މިއަޅާއަށް ރިޒްޤު (ތަނަވަސްކޮށް) ދެއްވާންދޭވެ!
[ރަވާހު މުސްލިމް / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 4 ވަނަބައި / ޞަފްޙާ: 1211]
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْجُبْنِ ، وَ الْبُخْلِ، وَأَعُوذُ بِكَ مِنْ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން ފިނޑިކަމުންނާއި ދަހިވެތިކަމުން އިބަރަސްކަލާނގެ މިއަޅާ ރައްކައުތެރިކޮށްދެއްވުން އެދިވަޑައިގެން ދަންނަވަމެވެ. އަދި މިއަޅާ މުސްކުޅިކަމުގެ އިންތިހާއަށް ފޯރުމުގެ ނުބައިކަމުން އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ސަލާމަތަށް އެދިވަޑައިގެން ދަންނަވަމެވެ. އަދި ދުނިޔެވީ މުޞީބާތްތަކުން އިބަރަސްކަލާނގެ ރައްކައުތެރިކަމަށް އެދިވަޑައިގަންނަވަމެވެ. އަދި ޤަބުރުގެ ޢަޛާބުން މިއަޅާ ސަލާމަތްކޮށްދެއްވުން އެދިވަޑައިގެން އިބަރަސްކަލާނގެ ޙަޟްރަތަށް އިލްތިޖާ ދަންނަވަމެވެ.
[ރަވާހު ބުޚާރީ / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 3 ވަނަބައި / ޞަފްޙާ: 1172]
اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ اللَّهُمَّ أَعُوذُ بِعِزَّتِكَ لاَ إِلَهَ إِلاَّ أَنْتَ أَنْ تُضِلَّنِي أَنْتَ الْحَىُّ الَّذِي لاَ يَمُوتُ وَالْجِنُّ وَالإِنْسُ يَمُوتُونَ
މާނައީ” އަޅުގެ ވެރި ރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށްޓަކައި ކިޔަމަންވެ، އިސްލާމްވެއްޖައީމުއެވެ. އަދި މިއަޅާ އިބަރަސްކަލާނގެއަށް އީމާންވެއްޖައީމުއެވެ. އަދި މިއަޅާ އިބަރަސްކަލާނގެއަށް ވަކީލްކޮށްފީމުއެވެ. އަދި މިއަޅާ ރުޖޫޢަވަނީ، އިބަރަސްކަލާނގެ ޙަޟްރަތަށެވެ. އަދި މިއަޅާ (ދީނުގެއަދުއްވުންނާއި) ދެބަސްވަނީވެސް، އިބަރަސްކަލާނގެއަށްޓަކައެވެ. އަޅުގެވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ މެނުވީ އެހެން އިލާހަކު ނުވެއެވެ. މިއަޅާ މަގުފުރެއްދެއްވުމުން ސަލާމަތްކޮއްދެއްވުންއެދި އިބަރަސްކަލާނގެ ޢިއްޒަތްވަންތަކަން މެދުވެރިކޮށް އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ރައްކައުތެރިކަމަށް އެދި އާދޭސް ދަންނަވަމެވެ. އިބަރަސްކަލާނގެއީ އަވަހާރަވުމެއް މެދުވެރިނުވާނެ، ދިރިދެމިވޮޑިގެންވާ އިލާހެވެ. އަދި ޖިންނީންނާއި އިންސީންނަކީ މަރުވާނެ ބައެކެވެ.
[މުއްތަފަޤުން ޢަލައިހި / ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ / 1 ވަނަބައި / ޞަފްޙާ: 117]
ކޮމެންޓް (0)
ލޯޑް ކުރަމުން...