ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް ސްޓޭޖުގައި ބެލްޖިއަމާއި ޕޯޗުގަލް ބައްދަލުކުރި މެޗު 1-0 ލަނޑުން ކާމިޔާބުކޮށް ބެލްޖިއަމުން ކުއާޓާފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑަކީ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑްގެ ކޮއްކޮ ޓޯގަން ހަޒާޑް އެޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭނާ މި ލަނޑު ޖެހީ ތޯމަސް މެނިއާ ދިން ބޯޅައިންނެވެ. ބެލްޖިއަމުން އުފެއްދި ހަމަލާ ޕޯޗްގަލްގެ ޑިފެންސަށް ރަނގަޅަށް ދިފާއު ނުކުރެވުމުން ރީބައުންސް ވެގެން އެ ބޯޅަ ލިބުނީ އޭރިއާގެ ބޭރުން މެނިއާ އަށެވެ. އޭނާ އެ ބޯޅަ ދިނީ ޓޯގަން އަށެވެ. އޭރިއާގެ ބޭރުން އެ ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ޓޯގަން ވަނީ ބާރު ސްޕީޑުގައި ޕޯޗްގަލްގެ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ. އެބޯޅަ ހޯދުމަށް ޕޯޗުގަލުގެ ކީޕަރ ޑައިވް ކުރިނަމަވެސް އޭނާގެ އަތުގައިވެސް އެބޯޅަ ޖެހިފައެއް ނުވެއެވެ.
ރޭގެ މިބައްޔާއިއެކު އެންމެފަހުންގެ ޗެމްޕިއަން ޕޯޗްގަލް މުބާރާތަށް އަލްވަދާޢު ކިޔަން ޖެހުނު އިރު މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވުނު ނެދަލޭންޑްސްވެސް ވަނީ ޗެކްރިޕަބުލިކު އަތުން 2-0 ން ބަލިވެ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައެވެ. ރޭގެ މެޗުގައި ޗެކް އަށް ލަނޑުތައް ޖަހައިދިނީ ޓޯމަސް ހޯލްސް އާއި ޝިކް އެވެ.
ކުއާޓާރ ފައިނަލުގައި ބެލްޖިއަމް ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމެކޭ އެއްފަދައިން މި މުބާރާތުގައި އަދި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ކުއާޓާއިން ޖާގަހޯދި އިޓަލީއާއެވެ. އަދި ޗެކް ބައްދަލުކުރާނީ ޑެންމާކާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...