ޚަބަރު ޕީޕީއެމާއި އެމްޑީޕީއަކީ ވަރަށް ތަފާތު ދެ ފިކުރު، ދެ ޕާޓީ އެކުގައި މަސައްކަތް ނުކުރާނެ

ޕީޕީއެމާއި އެމްޑީޕީއަކީ ވަރަށް ތަފާތު ދެ ފިކުރު، ދެ ޕާޓީ އެކުގައި މަސައްކަތް ނުކުރާނެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕީޕީއެމާއި އެމްޑީޕީއަކީ ވަރަށް ތަފާތު ދެ ފިކުރުކަމުން ދެ ޕާޓީ އެކުގައި މަސައްކަތް ނުކުރާނެކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދަޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ އެހީތެރިކަމަކަށް އެދިވަޑައިގަންނަވަން ޖެހިދާނެކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީނާއި ރައީސް ނަޝީދު އެއްގަލަކަށް އަރައިފިނަމަ ރައްޔިތުން ސިޔާސީ ވެރިންނަށް ކުރާ އިތުބާރު ގެއްލޭނެކަމަށާއި ރައީސް ނަޝީދަށް އިތުބާރުކުރަންޖެހޭ ސަބަބެއްވެސް ނެތްކަމަށެވެ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ދެއްވަން ބޭނުންފުޅުވާ އެއްވެސް މެސެޖެއް ރައީސް ނަޝީދު މެދުވެރިކުރައްވާ ދެއްވަން ނުޖެހޭކަމަށާއި އެކަން އެގޮތަށް ރައީސް ޔާމީން ނުވެސް ކުރައްވާނެކަމަށެވެ.

ނިޒާމު ބަދަލުކުރެއްވުމަށް ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ޝިޔާމް ވިދާޅުވީ ޕީޕީއެމުން ވަނީ ރިޔާސީ ނިޒާމު ބަލައިގަނެ އެ ނިޒާމުގެ ދަށުން ވެރިކަންކޮށްފައިވާކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ އެ ނިންމެވުމަށްވެސް ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ތާއީދުނުކުރާނެކަމަށާއި އެކަމަށް ފުރުސަތެއްނެތްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

” އެމްޑިޕީއާއި އެކު އަޅުގަނޑުމެން ހަދަން އޮންނާނީ ކޮން ޑީލެއްތޯ؟. އަޅުގަނޑުމެންގެ ސިޔާސަތާއި އެމްޑީޕީގެ ސިޔާސަތާއި އުޑާއި ބިމާއި ހާ ތަފާތު. އަޅުގަނޑުމެން ޤަބޫލެއް ނުކުރަން ދުވަހަކުވެސް އެމްޑީޕީގެ ސިޔާސަތުތަކާއި އެކު ކުރިޔަށް ދެވިދާނެކަމަށް. އަޅުގަނޑަށް ހީވަނީ ވަރަށް ބައިވަރު ސިޔާސީ ޕާޓީތައް އެބަ މިހާރު ހަދާހެން. އޭގެއިން ޕާޓީއަކަށް ރައީސް ނަޝީދުގެ ސިޔާސަތުތައް އިންކޯޕަރޭޓްކޮށްގެން ކުރިޔަށް ވަޑައިގަތީމަ ރައީސް ނަޝީދަށް މާ ރަނގަޅުވާނެ” ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ރައީސް ޔާމީން ތާއީދުކުރައްވާނަމަ އެމަނިކުފާނުގެ އެހީއަށް އެދިވަޑައިގަންނަވާނަކެމަށް ވިދާޅުވެފައެވެ. ރާއްޖެ ސަލާމަތްކުރުމަށް އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވާކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެ ގޮތުން އެ އިއްތިހާދަކީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކް ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއްކަމަށެވެ. އަދި ޕީޕީއެމާއި އެމްޑީޕީގެ ގިނަ މީހުން ތިބީ އެގޮތުގައިކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ތެރޭގައި ބައެއް ހިޔާލު ތަފާތުވުންތައް ހުރިއިރު 2023 ގައި ރިޔާސީ އިންތިޚާބެއް އޮންނަނަމަ އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ހުންނަވާނީ ރައީސް ނަޝީދުކަމަށް އެމަނިކުފާނު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އަދި އިންތިޚާބުގެ ކުރިން ބަރުލަމާނީ ނިޒާމު އަންނަންޖެހޭކަމަށާއި އެކަމުގެ މަސައްކަތް މަޖިލީހުގައި ފައްޓަވަންޖެހޭކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޓެގް

ޝިޔާމް ޕީޕީއެމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.