ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ އަދި ރީތިކޮށް ޤުރުއާން ކިޔަވާ ކުޑަކުދިންނަށް އިމާމުވެ ނަމާދުކުރުމުގެ ފުރުޞަތު އޮންނަންވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމު މިފަދައިން ވިދާޅުވެފައިވަނީ ކުޑަކުދިން ލައްވައި އިމާމުވެ ނަމާދުކުރުވުން އިސްލާމިކް މިނިސްޓްރީން މަނާކުރުމާ ގުޅިގެންނެވެ. ދާދި ފަހުން، ބައެއް މިސްކިތްތަކުގައި ކުޑަ ކުދިން ލައްވާ އިމާމްވެ ނަމާދު ކުރުވާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން މިނިސްޓްރީން ވަނީ އެކަން މަނާ ކޮށްފައެވެ. އެނގިފައިވާ ގޮތުގައި، އެ މިސްކިތުގައި އިމާމްވެ ނަމާދު ކުރަމުން ދިޔައީ އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިންނެވެ.
ޑރ.ޝަހީމު މި މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ނަމާދުގެ ހުކުމްތައް ދަންނަ ޝަރުޢީ ގޮތުން ބާލިޣުވެފައިވާ 13، 15 އަހަރު ކުދިންނަށް އިމާމުވެ ނަމާދުކުރުމަކީ ދީނީ ގޮތުން މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ.
ޚާއްޞަކޮށް ރީތިކޮށް ޤުރުއާން ކިޔަވައި، ޤުރުއާން ހިތުދަސް ކުދިންނަށް ފުރުސަތު އޮތުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ކަމެއް ކަމަށެވެ. ޖަމާޢަތުގެ ނަމާދުގައި މިސްކިތުގެ ކުރީ ސަފުގައި ކުޑަ ކުއްޖަކު ހުއްޓަސް އެ ކުދިން ފަހަތު ސަފަށް ޖައްސައި ބޭރުކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރީތިކޮށް ޤުރުއާން ކިޔަވާ ހިތުދަސް ކުދިންނަށް ފުރުސަތު އޮތުމަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރަނގަޅު ކަމެއް ކަމަށެވެ. އަދި ކުޑަކުދިން މިސްކިތަށް ލޯބި ޖެއްސުމާއި މިސްކިތުން އެކުދިން ބަލައިގަންނަކަން އެ ކުދިންނަށް އިހުސާސްވާންޖެހޭ ކަމަށް ޑރ.ޝަހީމު ވިދާޅުވިއެވެ.
ޑރ.ޝަހީމު އިތުރަށް ވިދާޅުވީ ސުންނަތަކީ ކުޑަކުދިންނަށް މިސްކިތުން ލޯތްބާއި އިހުތިރާމް ދިނުން ކަމަށާއި، އެ ކުދިންނަކީ ޖަމާޢަތުގެ ބައިވެރިން ކަމުގެ އިހުސާސްކޮށްދިނުން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...