ކުޑަކަމު ނުވަތަ ބޮޑުކަމުދާން ބޭނުންވެފައިވާ މީހާ، ޤަޟާޙާޖަތް ނުކޮށް އެ ހިފައްޓައިގެންހުރެ ނަމާދު ކުރުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
މި މައުޟޫގައި ޙަދީޘްތައް ވާރިދުވެގެންވެ އެވެ.
އޭގެ ތެރޭގައި ޞަޙީޙު مُسْلِمٍ ގައި ޞަޙާބީ عَائِشَةَ -رضي الله عنها- ގެ އަރިހުން ވާރިދުވެގެންވާ ޙަދީޘް އެވެ. قَالَتْ: سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يقُولُ : « لا صَلاةَ بِحَضْرَةِ طَعَامٍ، وَلا وَهُوَ يُدَافِعُهُ الأَخْبَثَانِ»
އަދި مُسْلِمٍ ގައި عائشة -رضي الله عنها- ގެ ކިބައިން ރިވާވެގެންވެ އެވެ. ނަބިއްޔާ صلى الله عليه وسلم- ޙަދީޘް ކުރައްވަނިކޮށް އަޑު އެހީމެވެ. ކެއުން ހާޟިރުވެފައަވަނިކޮށް (އަޖުރުފުރިހަމަ ވެގެންވާ) ނަމާދެއް ނުވެ އެވެ. ހަމައެފަދައިން ނަމާދުގައި ކުޑަކަމު ނުވަތަ ބޮޑު ކަމު ލަވައިގެން ހުރެވެސް މެ އެވެ.”
އަދިވެސް މި މަޢުޟޫގައި ވާރިދުވެގެންވެ އެވެ. އިމާމް ابن ماجه، أحمد އަދި ابن أبي شيبة ގައި أبو هريرة ގެ އަރިހުން ރިވާ ކުރެވިގެންވާ ޙަދީޘްގައިވެ އެވެ. « لا يَقومَنَّ أحدُكم إلى الصَّلاةِ وبه أذًى. يَعني البَولَ والغائِطَ) “ތިޔަބައިމީހުންކުރެ މީހަކު އޭނާ ކުޑަކަމު އަދި ބޮޑުކަމުދާން ޖެހިފައިވާހިނދު، ނަމާދު ނުކުރާ ހުއްޓެވެ.”
އަދިވެސް އެހެން ލަފްޟެއްގައިވެ އެވެ. « لا يُصلي أحدكم وَهو يدافع الأخبثين) “ތިޔަބައިމީހުން ކުރެ މީހަކު، އޭނާ ކުޑަކަމު އަދި ބޮޑުކަމު ލަވައިގެންވާ ޙާލުގައި ނަމާދު ނުކުރާށެވެ.”
އަދި އިމާމް أبوداود ގައި ޞަޙާބީ عبدالله بن الأرقم ގެ އަރިހުން ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. « إذا أرادَ أحدُكُم أن يذهبَ الخلاءَ وقامَتِ الصَّلاةُ، فليبدَأ بالخَلاءِ« “ތިޔަބައިމީހުން ކުރެ މީހަކު، ޤަޟާޙާޖަތް ކުރުމަށް ބޭނުންވެގެންވާ ޙާލުގައި ވަނިކޮށް، ނަމާދަށް ގޮވައިފިހިނދު، ފަހެ، އޭނާ ޤަޟާޙާޖަތް ކުރަން ފެށުން ހުއްޓެވެ.” މި ރިވާޔަތް صحيح أبي داود ގައި ރިވާކުރެވިގެންވެ އެވެ.
ޙަދީޘްގައި ކުޑަކަމު ނުވަތަ ބޮޑުކަމު ދާން ޖެހިފައިވާ މީހާ، ޤަޟާޙާޖަތް ކުރުމުގައި ކުރިއަށް ދިއުމަށް ބަޔާންވެގެންވާ ސަބަބެއް ކަމުގައި ވަނީ، އެފަދައިން ހިފަހައްޓައިގެން ހުރެ ނަމާދު ކުރުމަކީ، ނަމާދުގެ ޚުޝޫޢަތްތެރިކަމާއި ފުށޫ އަރާ ޢަމަލެއް ކަމުގައި ވުމެވެ.
ނަމާދުގައި އެމީހެއްގެ ޚިޔާލާއި، އިޙްސާސްތައް އަދި ނަމާދުގައި ޚުޝޫޢަތްތެރިކަން އެމީހެއްގެ ކިބައިން ގެއްލިފައިވުމެވެ. އަދި އޭނާގެ ހިތް އެހެން ކަމަކަށް މަޝްޣޫލުވެފައި ވުމެވެ.
މިފަދައިން ބޭނުންޖެހިފައިވާ މީހާ ހިފަހައްޓައިގެން ހުރެ ނަމާދު ކުރުމުގެ މައްޗަށް، ޖުމްލަކޮށް ޢިލްމުވެރިން ވިދާޅުވެފައިވަނީ، އެ ޢަމަލަކީ މަކްރޫކަ ވެގެންވާ ޢަމަލެއް ކަމުގަ އެވެ. އެބަހީ : އެމީހަކު ޤަޟާޙާޖަތް ކުރުމަށް ބޭނުންވެ އެހެނަސް ހިފަހައްޓައިގެން ހުރެ ނަމާދު ކުރުން އެއީ މަކްރޫހަވެގެންވާ ޢަމަލެކެވެ.
ޢިލްމުގެ ޢަހުލުވެރިން އެފަދައިން އިޖްމާޢުވަޑައިގަންނަވަ އެވެ.
ޢިލްމުވެރިން ޙަދީޘްގައިވާ « لا صَلاةَ بِحَضْرَةِ طَعَامٍ، وَلا وَهُوَ يُدَافِعُهُ الأَخْبَثَانِ»
“…. ނަމާދުގައި ކުޑަކަމު ނުވަތަ ބޮޑު ކަމު ލަވައިގެން ހުރެގެން ނަމާދެއް ނުވެ އެވެ.”
“ނަމާދެއް ނުވެ އެވެ.” މި ލަފްޟު ތަފްސީރު ކޮށްފައިވަނީ، ނަމާދެއް ނުވެއޭ ގެ މުރާދަކީ، އެމީހާކަށް އަޖުރު ފުރިހަމަ ވެގެންވާ ނަމާދެއް ނުވެ އެވެ. ނުވަތަ ފުރިހަމަ ވެގެންވާ ނަމާދެއް ނުވެ އެވެ.
ފިޤުހު އަހުލުވެރިން މި މައްސަލައިގައި ބަޔާން ކޮށްފައިވާ ތަފްޞީލީ ޙުކުމަށް ބަލާހިނދު،
ޖުމްހޫރު ޢިލްމުވެރިންގެ ޤައުލަކީ، އެފަދައިން ހިފައްޓައިގެން ހުރެ ނަމާދު ކުރާ މީހާގެ ނަމާދު ޞައްޙަވާނެ ކަމެވެ. އޭނާގެ ނަމާދު ބާޠިލެއް ނުވާނެ އެވެ. އެހެނަސް، ނަމާދުގައި އޭނާގެ ހިތް އަދި ނަފްސު އެހެން ކަމެއްގައި މަޝްޣޫލުވެފައި ވުމުގެ ސަބަބުން މަކްރޫހަވެގެންވުމެވެ. ޚުޝޫޢަތްތެރިކަމާއި ދެކޮޅު ޢަމަލެއް ގޮތުގައި ވުމުން އޭނާއަށް އެކަން މަކްރޫހަވުމެވެ.
މި މައްސަލައިގައި ފިޤުހު ޢިލްމުވެރިންގެ ތެރެއިން ابن حزم -رحمه الله- އެ ގޮތުގައި ހުރެ ނަމާދު ކުރާ މީހާގެ ނަމާދު ބާޠިލްވާނެ ކަމުގައި ބުނެފައިވީ ކަމުގައިވީނަމަވެސް އެ ޤައުލަކީ ޞައްޙަ ޤައުލެއް ނޫން ކަމުގައި ޢިލްމުވެރިން ޙުއްޖަތްތަކާއި ދަލީލު ނަންގަވާފައިވެ އެވެ.
ފަހެ، ކުޑަކަމު އަދި ބޮޑުކަމު ދާން ޖެހިފައިވާ މީހާ ހިފަހައްޓައިގެން ހުރެވެސް ނަމާދު ކޮށްފިނަމަ، އޭނާގެ ނަމާދު ޞައްޙަވާނެކަން ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި ހިމެނެ އެވެ.
އިމާމް البخاري އަދި مسلم ޞަޙާބީ أبو هريرة -رضي الله عنه- ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. « إذا وجَدَ أحَدُكُمْ في بَطْنِهِ شيئًا، فأشْكَلَ عليه أخَرَجَ منه شيءٌ أمْ لا، فلا يَخْرُجَنَّ مِنَ المَسْجِدِ حتَّى يَسْمع صَوْتًا، أوْ يَجِدَ رِيحًا« “ތިޔަބައިމީހުން ކުރެ މީހަކު އޭނާ ބަނޑުން އުނދަގޫ ފޯރައި (އެބަހީ : ޤަޟާޙާޖަތް ކުރުމަށް ބޭނުން ޖެހިފައިވީ އެވެ. އަދި އެގޮތުން ވައިބޭރުވުމުގެ އުދަގޫ ފޯރައިފައިވެ ހިފަހައްޓައިގެން ހުރުމެވެ.) އަދި އެއްޗެއް ބޭރުވިތޯ ނުވަތަ ނޫންތޯ އޭނާއަށް ޝައްކުވެ އެވެ. ފަހެ، އޭނާ (ޝައްކުމަތީގައިވާ ޙާލުގައި) ވައިބޭރުވި އަޑު އިވުމަށް ދާންދެން ނުވަތަ ވަސް ދުވައިފުމަށް ދާންދެން މިސްކިތުން (އެބަހީ ނަމާދުން) ނުނިކުންނަ ހުއްޓެވެ.”
ޙަދީޘްއިން ބަޔާންވަނީ، ނަމާދުގައި އޭނާ އެފަދައިން ހިފަހައްޓައިގެން ހުރި ކަމެވެ. އަދި ނަމާދުން އޭނާ ނުނިކުމެ އެފަދައިން ހިފަހައްޓައިގެން ހުރުމުން އޭނާގެ ނަމާދު ޞައްޙަވެގެންވާކަމެވެ.
ވުމުން މިއީ މި ޢަމަލުގެ ޚުލާޞާގައި ބުނަމެވެ.
އިމާމް އުއްމަތަށް ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް الذهَبِي -رحمه الله- ވިދާޅުވެފައިވެ އެވެ. “އެފަދައިން އޭނާއަށް -އެބަހީ : ޤަޟާ ޙާޖަތް ކުރުމުގެ ޙާޖަތް މެދުވެރިވީ އެވެ.- އަދި ކެތްތެރިވެ ހުރުމަށް ކުޅަދާނަކަން އޮވެ، ނަމާދު ކޮށްފިހިނދު އޭނާގެ ނަމާދު ޞައްޙަވެގެންވެ އެވެ. އެހެނަސް އޭނާގެ މައްޗަށް އެކަން ކޮންޓްރޯލް ނުވާނެ ހިނދު ނަމާދުން ނުކުތުން ހުއްޓެވެ.”
ވުމުން، ހިފަހައްޓައިގެން ހުރެވެސް ނަމާދު ކޮށްފިހިނދު ނަމާދު ޞައްޙަވާނެ އެވެ. އެހެނަސް ހެޔޮކަން ބޮޑުވެގެންވަނީ ޤަޟާޙަޖަތްކޮށް އަވަދިވެ، ނަމާދު ކުރުމެވެ. މިއީ އޭނާއަށް އެދެވިގެންވާ އަދި ހެޔޮކަން ބޮޑުވެގެންވާ ގޮތެވެ.
ޖަވާބުދެއްވީ: ޝެއިޚް އަބޫ އަނަސް މުޙައްމަދު ޙަސަން حفظه الله
ކޮމެންޓް (0)
ލޯޑް ކުރަމުން...