ދުނިޔޭގެ މިވަގުތީ ފާލަމުގައި ޙަޔާތް ވޭތުކުރަމުންދާއިރު ލައްކަ ކަންތައްތަކާއި ތިބާއަށް ދިމާވާނެއެވެ. ލައްކަ ވާހަކަތަކާއި މަންޒަރުތައް ތިބާއަށް މި ވަގުތީ ޙަޔާތުގައި ފެނިގެންދާނެއެވެ. އެހެންނަސް އިވޭހާ އަޑުތަކާއި ފެންނަހާ މަންޒަރުތަކަކީ ތިބާ އަނެކުންގެ ކައިރީގައި ދައްކަން ޖެހޭ ވާހަކަތަކެއް ނޫނެވެ. އޭގެ ސަބަބުން އަނެކާގެ ހިތުގައި ވޭން އެޅުމުގެ އަސްލަކަށް ތިބާ ވެގެން ހިނގައިދާނެއެވެ.
އާއެކެވެ. އެއީ ވެއްޓިފައިވާ ހަންޖަރެއް ނަގާ އަނެކާގެ މެޔަށް ހެރުން ފަދަ ކަމެކެވެ. އެފަދައިން ކަންތައްވަނީ ކިހިނަކުންތޯ ބަލަން ބޭނުން ހެއްޔެވެ. އެހެންކަމަށްވާނަމަ އިތުރަށް މި ލިޔުން ކިޔާށެވެ.
މީހުންގެ ނެތި ނުބައިމޮށުމާއި މީހުންގެ އަބުރު ކަތިލުމަކީ އިސްލާމް ދީނުގައި ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ. ފާފައެކެވެ. ފާފަވެރިކަންބޮޑު ފާފަ އެކެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ގެއްލިދާ ކަމެކެވެ. އެހެނަސް މިއަދު އާދައިގެ ކަމެކެވެ. އެކަކު އަނެކަކަށް މުނިފޫހި ފިލުވުމުގެ ބޭނުމުގައިވެސް ކުރާ ކަމެކެވެ. އަނެކާގެ ރުހުން ހޯދަންވެސް ކޮށްލަން ހަމަ އެންމެ ރަނގަޅުކަމެއްކަމުގައި ބައެއް މީހުން ދެކޭ ކަމެކެވެ.
ކޮންމެ އަކަސް، ތިބާއަށް އެފަދަ އެތައް ވާހަކައެއް އަޑުއިވިފައި ހުންނާނެއެވެ. ޚާއްޞަކޮށް ތިބާގެ ގާތް އެކުވެރިޔާ ނުވަތަ ތިބާގެ އާއިލީ މީހެކޭ ކިޔައިގެންވެސް އެފަދަ ވާހަކަތައް އަޑުއިވިފައި ހުންނާނެއެވެ.
އެހެނަސް، ތިބާ އަޑުއިވިފައި އޮތަސް ތިބާގެ އަޚާއަށް އޭނާއޭ ކިޔައިގެން އެ ދެއްކި ދޮގުވާހަކަތަކާއި އޭނާގެ ނެތިނުބައި މޮށެވުނު ވާހަކަތައް އަޑު އިވިފައި ނޯވެދާނެއެވެ. އެކަމުގެ ސަބަބުން ކުރިންވެސް ހުރި އުފާވެރިކަންމަތީ އޭނާ ހުރުން އެކަށީގެންވެއެވެ.
ނަމަވެސް، ތިބާ އަށް އަޑުއިވުނު ވާހަކަތައް ހިފައިގެން އައިސް، އޭނާގެ ކައިރީ ދެއްކުމުގެ ސަބަބުން އޭނާ އެކަންކަމާއިމެދު ވިސްނައިގަނެ، އެކަންކަމާއި ދެރަވެ ހިތާމަކޮށް ހަދާނެ ނަހަދާނެގޮތް ހުސްވެއްޖެނަމަ، އަސްލު ޙަޤީޤަތުގައި ތިބާގެ އަޚާގެ މެޔަށް ހެރެން އައި ހަންޖަރު ވެއްޓިފައި އޮއްވާ އެ ހަންޖަރު ނަގާ، ތިބާގެ އަޚާގެ މެޔަށް ތި ހެރީ ތިބާއެވެ. އެހެނީ، ކަނޑައެޅިގެން ތިބާއަށްވެސް އެ ދެކެވުނު ވާހަކަތަކަކީ ތިބާގެ އަޚާއޭ ކިޔައިގެން ދޮގު ވާހަކަތަކެއްކަން އެނގޭޙާލު އޭނާގެ ކަންފަތައް އެވާހަކަތައް އިއްވުމުންނެވެ. އޭނާ އެކަން ނުވެސް ދެނެ ހުއްޓައެވެ.
ނަމަވެސް މީގެ މާނައަކީ، ތިބާގެ އަޚާއަށް ދެރައެއް ލިބިދާނެފަދަ ވާހަކައެއް ބަޔަކު ދެއްކުމުން އެ ވާހަކައެއް ތިބާގެ އަޚާއަށް ޙިއްސާ ނުކުރާށެކޭ ނޫނެވެ. އެފަދަ ވާހަކައެއް ބަޔަކު ދައްކާ އަޑު އިވިއްޖެނަމަ ވީ އެންމެ އަވަހަކަށް ތިބާގެ އަޚާއަށް އެވާހަކައެއް ފޯރުކޮށްދީ، ދޭން އުޅޭ ބޮޑު ގެއްލުމުން ތިބާގެ އަޚާ ރައްކާތެރިކުރަން ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ. އެހެނީ މިއަދުގެ މުޖުތަމަޢުގައި އެފަދަ ވިޔާނުދާ ކަންތައްތައް ކުރާ މީހުން ވަރަށްވެސް ގިނަވެއްޖެއެވެ.
އެހެނަސް، ތާކުން ތާކުން ނުޖެހޭ ވާހަކަތައް ހަމަ އިވޭހާ، ފަހަރަކު އައިސް ތިބާގެ އަޚާއަށް އިއްވާ އޭނާ ހިތުގައި ޖައްސާ، އިތުރު ވިސްނުމެއްގެ ތެރެއަށް އޭނާ ގެއްލުވާލާ މީހަކަށް ތިބާ ނުވާށެވެ.
ތިބާ ވާންވާނީ، ތިބާގެ އަޚާ ރައްކާތެރިކޮށްދޭ، ތިބާގެ އަޚާވެސް އުފަލުގައި ހުންނަން އެދޭ މީހަކަށެވެ. ޙަޤީޤީ އެކުވެރިކަމާއި ލޯތްބަކީ އެއީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...