ޚަބަރު އައްޑޫ މޭޔަރު ނިޒާރުވެސް އަދީބު އަތުން ފައިސާ ހޯދިކަން އެނގޭ މެސެޖްތަކެއް ހާމަވެއްޖެ

އައްޑޫ މޭޔަރު ނިޒާރުވެސް އަދީބު އަތުން ފައިސާ ހޯދިކަން އެނގޭ މެސެޖްތަކެއް ހާމަވެއްޖެ

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އަލީ ނިޒާރުވެސް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އަތުން ގިނަޢަދަދެއްގެ ފައިސާ ނަންގަވާފައިވާކަން ހާމަވާފަދަ މެސެޖްތަކެއް “ދިޔަރެސް” ނޫހުން ހާމަކޮށްފިއެވެ.

“ދިޔަރެސް” ނޫހުގައި ވަރަށް ތަފްޞީލްކޮށް ގެނެސްދީފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އެ މެސެޖުތަކަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފޯނުން އިނގިރޭސިވިލާތުގެ ފޮރެންސިކް ފާމެއް ކަމަށްވާ “ފަރަޑޭ ފޮރެންސިކް” މެދުވެރިކޮށް ނަގާފައިވާ މެސެޖުތަކެއް ކަމަށެވެ. މެސެޖްތައް އެނޫހަށް ފޯރުކޮށްދިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށް ވެސް ނޫހުގައި ބުނެފައި ވެއެވެ.

މެސެޖުތަކުން އެނގޭ ގޮތުގައި ނިޒާރު ވަނީ އެކިފަހަރު މަތިން އަދީބު އަތުން ފައިސާ ނަންގަވާފައެވެ. 2014 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައި، ނިޒާރު ވަނީ ދަރަންޏެއް އަދާކުރުމަށްޓަކައި ވަރަށް ބޮޑު ކަމެއް ކޮށްދެއްވަން ޖެހޭ ކަމަށް ބުނެ އަދީބަށް މެސެޖު ކުރައްވާފައެވެ. އެ މެސެޖުގެ ޖަވާބުގަައި ބޭނުން ވަނީ ކިހާވަރެއްތޯ އަދީބު އައްސަވައެވެ. އެ ވަގުތަށް ބޭނުންވަނީ 250،000 ރުފިޔާ ކަމަށް ވިދާޅުވެ ނިޒާރު އަދީބަށް ޖަވާބު ދެއްވައެވެ.

ނަމަވެސް ފަހުން އަތުން އިތުރު ފައިސާ ބޭނުންވެދާނެ ކަމަށް ނިޒާރުގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ. “އިންތިހާބުގެ ސަބަބުން އަދިވެސް މިއުޅެނީ ވަރަށް ތާށިކޮށް. މިވަގުތަށް 250000 ރުފިޔަ އިން ފުދިދާނެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އަދި އިތުރަށް ބޭނުންވެދާނެ. 450،000 ރުފިޔާގެ ދަރަންޏެއް އެބައޮތް.” ނިޒާރު އަދީބަށް ކުރެއްވި މެސެޖެއްގައިވެއެވެ.

އަދީބު ވަނީ ހަމަ އެރޭ ބައްދަލުކުރުމަށް ނިޒާރަށް ދަންނަވާފައެވެ. އަދީބު ބުނިތަނަށް ނިޒާރު ހަމަ އެރޭ ގޮސް، އެތަނުގައި ހުރިކަން މެސެޖަކުން އަދީބަށް އަންގާފައިވެއެވެ. އަދި ޖެހިގެން އައި ދުވަހު ވެސް އަދީބާއި ބައްދަލުކުރަން ނިޒާރު އެދިފައި ވެއެވެ.

އޭގެ ފަހުންވެސް ނިޒާރު ވަނީ އެކިފަހަރު މަތިން އަދީބަށް މެސެޖުކުރައްވާފައެވެ. 2014 އޯގަސްޓު މަހުގެ 26 ވަނަ ދުވަހު ނިޒާރު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އަދީބާއި ބައްދަލުކުރައްވަން މަސައްކަތް ކުރަނީ ދަރަންޏެއް ހަލާސް ކުރުމަށާއި ވިޔަފާރީގެ ކަންތައްތައް ހަމައަކަށް އެޅުވުމަށް ލޯނެއް ހޯއްދެވުމަށް ކަމަށެވެ. ކޮންމެ މަހަކު 25،000 ރުފިޔާ ދައްކަމުން ގޮސް އަނބުރާ އެއްކޮށް ދައްކަވާނެ ކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ. “މިކަމުގައި އެހީތެރިވެއްޖެނަމަ ވަރަށް ބޮޑަށް ޝުކުރުވެރި ވާނަން. އަދި ބޭނުންޖެހިއްޖެ ހާލަތައްގައި އަދީބަށް އެހީތެރިވާން ތައްޔާރަށް ހުންނާނަން” ނިޒާރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެދުވަހު ނިޒާރު އަދީބަށް ފޮނުއްވި މެސެޖެއްގައި އޭނާ އެމްއެމް އެކްސްޕޯޓުން 50،000 ޑޮލަރު ލޯނެއްގެ ގޮތުގައި ނަންގަވާފައިވާ ކަމަށާއި އެކުންފުނިން މިހާރު ނިޒާރާއި ދެކޮޅަށް ދައުވާ ކުރަން އުޅޭ ކަމަށް ބުނެފައި ވެއެވެ. އަދި ދައުވާ ކުރާނެ ކަމުގެ އިންޒާރުދީ އެމްއެމް އެކްސްޕޯޓުން އީމެއިލް ކުރަމުންދާ ކަމަށާއި 70،000 ޑޮލަރުގެ ލޯނެއް އަދީބު އަތުން ލިބިއްޖެނަމަ އެކަންތައް އެއްކޮށް ހަމަޖެހިގެންދާނެ ކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ. އޭގެ ޖަވާބުގައި އަދީބު ވަނީ އެދުވަސްކޮޅު ވަރަށް ދަތި ކަމަށާއި އޭގެ އަނެއް ދުވަހު އޮތް އެސްއީޒެޑް ބިލަށް އެމްޑީޕީ އިން ނެރެފައި އޮތް ވިޕާއި ހިލާފަށް ބިލަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ނިޒާރު ވަނީ އޭނާ އެކަނި ވޯޓް ދިނުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ނިޒާރު އެހެން ވިދާޅުވުމުން އަދީބު ވަނީ އެގޮތަށް އެކަން ކޮށްފިނަމަ “ސިޔާސީ ފައިސާ” ބޭނުން ކޮށްގެން ނިޒާރަށް އެހީތެރިވެވޭނެ ކަމަށް ވިދާޅުވެފައެވެ. ނިޒާރު ވަނީ އިތުރަށް އެވާހަކަ ދެއްކުމަށް ބައްދަލު ކުރުމަށް އަދީބުގެ އަރިހުން އެދިފައެވެ. އަދި އަދީބު ވަނީ ފަހުން ގުޅާނެ ކަމަށް ބުނެ ނިޒާރަށް މެސެޖުކުރައްވާފައެވެ. އެސްއީޒެޑް ބިލަށް ނިޒާރު ވޯޓެއް ނުދެއްވައެވެ. އެހެން ނަމަވެސް 27 އޯގަސްޓުގަ ނިޒާރު ވަނީ އަދީބަށް ޝުކުރުގެ މެސެޖެއް ފޮނުއްވާފައެވެ. އަދި އަދީބަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުންވެސް ނިޒާރު ވަނީ ފައިސާ ހޯއްދަވަން އަދީބަށް މެސެޖު ކުރައްވާފައެވެ. މިގޮތުން ސެޕްޓެމްބަރު 2 ގައި ކުރެއްވި މެސެޖެއްގައި ނިޒާރު ވިދާޅުވީ އޭނާ އަށް ވަނީ ބޮޑު މައްސަލައެއް ކުރިމަތިވެފައި ކަމަށާއި ފައިސާ ހޯދަން އަހާނެ މާގިނަ ފަރާތްތަކެއް ނެތް ކަމަށާއި ކުރިން އެދުނު ވަރުގެ ދެބައި ކުޅަ އެއްބައި ދިނަސް މައްސަލައެއް ނެތް ކަމަށެވެ. އަދި ބަދަލެއްގެ ގޮތުގައި ކޮންމެ ގޮތަކަށްވެސް އަދީބަށް އެހީވާނެ ކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ. ނިޒާރުގެ އެ މެސެޖަކަށް އަދީބު ޖަވާބު ދެއްވާފައި ނުވެއެވެ.

އަދީބާއި ނިޒާރު އާއި ދެ ބޭފުޅުން ފޯނުން ކުރެއްވި މުއާމަލާތުތައް ކަމަށްބުނެ ދިޔަރެސް ނޫހުން ހާމަކުރި ލިޔުންތަކެއް

އެހެން ނަމަވެސް އޭގެފަހުން ސަރުކާރުން ފާސްކުރަން ބޭނުންވި ބައެއް މުހިންމު ބިލްތަކަށް ނިޒާރު ވޯޓު ދެއްވާފައިވެއެވެ. މިގޮތުން ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހަށްވެސް ނިޒާރު ވޯޓުދެއްވިއެވެ.

އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަ ބަލަން ރައީސް ސޯލިހް އުފެއްދެވި އެސެޓު ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރުސީ ކޮރަޕްޝަނާއި ގުޅިގެން ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކުގެ ނަން ހިމަނައި އާންމު ކުރި ލިސްޓުގައިވެސް ނިޒާރުގެ ނަން ހިމެނެއެވެ. ނަމަވެސް ނިޒާރު ވިދާޅުވީ އޭނާގެ ނަން ލިސްޓްގައި ހިމަނާފައި އޮތުމަކީ އަބުރު ކަތިލަން ހިންގި ޖަރީމާއެއް ކަމަށެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ބައެއް ފަރާތްތަކުގެ ބަޔާންތައް ނަގައި ތަޙްޤީޤުކޮށް ޝަރީޢަތަށް ފޮނުވާފައިވާއިރު މޭޔަރު ނިޒާރާއި ސުވާލު ކުރިކަމެއް އެއްވެސް ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

ޓެގް

މޭޔަރުނިޒާރު ބޮޑުޚިޔާނާތް އައްޑޫސިޓީ އަދީބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.