ޚަބަރު އިސްލާމް މާއްދާގައި ހިމެނޭ ބައެއް ފިލާވަޅުތައް އުނިކޮށް ކިޔަވައިދޭނެ ޓީޗަރުން ބޭރުން ގެންނަނީ

އިސްލާމް މާއްދާގައި ހިމެނޭ ބައެއް ފިލާވަޅުތައް އުނިކޮށް ކިޔަވައިދޭނެ ޓީޗަރުން ބޭރުން ގެންނަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސްކޫލްތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ކަމަށް ބުނެ، އިސްލާމް މާއްދާ ގައި ހިމެނޭ ބައެއް ފިލާވަޅުތައް އުނިކޮށް ކިޔަވައި ދޭނެ ބޭރު ޓީޗަރުން ގެނައުމުގެ މަސައްކަތް އެޑިއުކޭޝަނުން ފައްޓަވައިފިއެވެ.

އެމްޑީޕީގެ “މެއި ހައެއް ކޮމެޓީ” އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ބައްދަލުކުރައްވާ، ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރާމެދު މަޝްވަރާ ކޮށްފައެވެ.

މި ބައްލަލުވުމާއި ގުޅޭގޮތުން އެ ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ މިހާރުވެސް ސުކޫޫލުތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން ތިބިކަން އެޑިއުކޭޝަން މިނިސްޓްރީއިން ފާހަގަކުރާ ކަމަށެވެ. އަދި ސްކޫލްތަކުގައި ހަރުކަށި ފިކުރު ފަތުރާ މީހުންގެ މަސައްކަތް ކުރަނީ ދިރިއުޅުމުގެ ހާލަތު ނިކަމެތިކޮށް ހުންނަ ދަރިވަރުން އެ ފިކުރުގެ ތެރެއަށް ހައްލާލައިގެން ވެއްދުމަށްް ކަމަށެވެ.

ބައެއް ސްކޫލުތަކުގައި ކިޔަވައިދޭ އިސްލާމް ޓީޗަރުން ހަރުކަށި ފިކުރުގެ މައުލޫމާތު ދަރިވަރުންނާއި ހިއްސާ ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެމްޑީޕީގެ މެއި ހައެއް ކޮމިޓީއިން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި ކަންބޮޑުވުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއެކު ބޭއްވެވި ބައްދަލްވުމުގައި ވެސް ފާޅު ކޮށްފައި ވާނެ ކަމަށް އަފީފް ވިދާޅުވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުކޫލު ދަރިވަރުން އެ ފިކުރަށް ދިއުން ހުއްޓުވުމަށްޓަކައި މިނިސްޓްރީގެ ވިސްނުން ހުރީ އިސްލާމް މާއްދާގެ މަންހަޖަށް ބަދަލުގެނައުމެވެ. އެގޮތުން އިސްލާމް ފޮތުގައި ހުރިކަމަށް ބުނާ ނަފްރަތު އުފައްދާ ފަދަ ލިޔުންތައް ބަދަލު ކުުރުމުގެ މަސައްކަތް މިނިސްޓްރީއިން ކުރަމުން ދާކަމަށް އަފީފް ވިދާޅުވެއެވެ.

އެ ލިޔުންތަކުގެ ތަފްސީލު އަފީފް ހާމައެއް ނުކުރެއެވެ. އަފީފް ވިދާޅުވީ މިނިސްޓްރީގެ ވިސްނުމުގައި ހުރީ ވަކި އަދަދަކަށް އިސްލާމް ކިޔަވައިދޭން ބޭރުން ޓީޗަރުން ގެނައުން ކަމަަށެވެ. “މިނިސްޓްރީން އެބަ ވިސްނާ ވަޑައިގަަންނަވާ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ގެނެސްގެން ކުދިންނަށް އުނގަންނައިދިނުމަށް،” އަފީފް ވިދާޅުވިއެވެ.

ޓެގް

އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.