ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަވެ ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު އަދި ހޮނިހިރު ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. ވައިގެ ބާރުމިން މެދުރާއްޖެތެރޭގައި ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައި ހުންނާނެ ކަމަށް ބެލެވޭއިރު، ދެކުނުގެ ރަށްތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމުގެ ފުރުސަތު ބޮޑެވެ.
ކަނޑުގެ ހާލަތަށް ބަލާއިރު، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެއެވެ. ރާޅުގެ އުސްމިން އުތުރުގެ ސަރަހައްދުތަކުގައި 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އެހެން ސަރަހައްދުތަކުގައި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓަށް އުފުލޭނެ ކަމަށް ލަފާކުރެވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އެދިފައެވެ. އެގޮތުން، ދަތުރަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކަށް އެންގުމަށާއި، އުޅަނދުފަހަރުގެ ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތައް އަދި ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ އާލާތްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ޗެކްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރައިގެ އަސަރު ބޮޑުވެފައިވާ ދުވަސްވަރެކެވެ. މީގެކުރިން ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރި ނަމަވެސް، މޫސުން އަދިވެސް އެއްކޮށް ރަނގަޅުވެފައެއް ނުވެއެވެ. ޚާއްސަކޮށް ހުޅަނގު މޫސުމުގެ ބާރު ގަދަވާ ދުވަސްވަރު ކުއްލިއަކަށް ވިލާގަނޑުގައި ވައިގަދަވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އަންނަނީ އިރުޝާދު ދެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...