ޚަބަރު އަމީން ދޫކޮށްލުމަށް ހައިކޯޓުން ނިންމުމުން، އިސްތިއުނާފްކުރަން ނިންމައިފި

އަމީން ދޫކޮށްލުމަށް ހައިކޯޓުން ނިންމުމުން، އިސްތިއުނާފްކުރަން ނިންމައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއުފުލާފައިވާ މުހައްމަދު އަމީނަށް ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައިނުވާތީ، އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާޠިލްކޮށް އޭނަ މިނިވަންކުރުމަށް ހައިކޯޓުން ކުރި ޙުކުމް އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ން ނިންމައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ، މުޙައްމަދު އަމީން ވ. ޕްރޮސިކިއުޓަރ ޖެނެރަލް (16 ސެޕްޓެންބަރު 2021) ޤަޟިއްޔާ ނިންމަވާފައިވާގޮތާމެދު އެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ނިންމާފައިވާކަމަށެވެ.

ޕީޖީން ބުނީ އެގޮތަށް ނިންމެވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭތީކަމަށެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 1-28 ގައި ބަޔާންކޮށްފައިވާ ތަޙުޤީޤު ކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާތީކަމަށްވެސް ޕީޖީން ބުންޏެވެ.

މީގެ އިތުރުން އެ މައްސަލަ އިސްތިއުނާފްކުރުމަށް ނިންމެވީ، އެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކެއް ޤާނުނުގައި ކަނޑައެޅުމުގެ މަޤްޞަދު ގެއްލިދާތީކަމަށްވެސް ޕީޖީން ބުންޏެވެ.

މި މައްސަލަަ އިސްތިއުނާފްކުރުމަށް ޕީޖީން ނިންމާފައިވާއިރު، ހައިކޯޓުން މިއަދު އަމީން މިނިވަން ކުރުމަށް ޙުކުމްކޮށްފައިވަނީ، ދަށު ކޯޓުގައި އުފުލާފައިވާ ދައުވާތައް ޝަރީޢަތުގެ ކުރިން އަމީންގެ ފަރާތުން ހުށައެޅި ހުށައެޅުންތަކެއް ބަލައިނުގަތުމަށް ނިންމުން ހައިކޯޓަށް ހުށައެޅުމުންވެސް ބަލައިނުގަނެ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށައަޅައި އެކޯޓުން ކުރި ޢަމުރަށް މައްސަލަ ބެލުމަސްފަހުއެވެ.

އަމީން ބަންދުގައި ހުންނަތާ ދޮޅުއަހަރު ފަހުން އޭނާ މިނިވަންވެފައިވާއިރު، މިނިވަންވި ހުކުމާއި ގުޅޭ އިތުރު ތަފްސީލް އަދި ހާމަކޮށްފައެއްނުވެއެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރު އެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށް ފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019 ވަނަ އަހަރު އެވެ.

އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

ޓެގް

އަމީން ޕީޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.