ޚަބަރު ކޮޕް 26 ގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދު ފުރައިވަޑައިގެންފި

ކޮޕް 26 ގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދު ފުރައިވަޑައިގެންފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮޕް 26 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދު ފުރައިވަޑައިގެންފިއެވެ.

ކޮޕް 26 ސަމިޓަކީ މުޅި ދުނިޔޭގެ ކުރިމަގާ ގުޅޭ ތިމާވެށީގެ މުހިންމު ނިންމުންތަކެއް ނިންމުމަށް ބާއްވާ ދުނިޔޭގެ އެންމެބޮޑު ބައްދަލުވުމެވެ.

ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ސަމިޓް ކޮޕް26 ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ. އިނގިރޭސި ވިލާތުގެ ގްލެސްގޯގައި ބާއްވާ މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުން، ކޮޕް 26 ގައި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރަން ބޭނުންވާ މާލީ އެހީތައް ހޯދަން މަސައްކަތްކޮށް އަޑު އުފުލާނެ ކަމަށް މިދިޔަ ހަފްތާގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ކޮޕް ސަމިޓުގައި ރާއްޖެއިން އުންމީދާއެކުގައި ބައިވެރިވާއިރު ރާއްޖެއިން، ދެކަމެއްގައި ވަރަށްބޮޑަށް ވަކާލާތު ކުރުމަށް ހަމަޖެހިފައިވެއެވެ.

އެއީ ތިމާވެށީގެ މައްސައްލަ ޙައްލުކުރުމަށް ބޮޑެތި ޤައުމުތަކުން ކުރާ ހޭދަ އިތުރުކުރުމަށާއި، ޓެކްނޮލޮޖީއާއި މާލީގޮތުން ފުދުންތެރި ޤައުމުތަކުން ދުނިޔޭގެ ފިހިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިތުރުކުރުމަށް އެއްބަސްކުރުވުމެވެ.

ރައީސް ނަޝީދުވަނީ މި ކޮންފަރެންސުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއިއެކު ބައިވެރި ވެޑައިގަންނަވަން ފުރުސަތު ލިބުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެން ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ލިބިގެންދާ އިތުރު ފުރުސަތެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.

މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ 2015 ވަނަ އަހަރުގެ ޕެރިސް އެގްރިމަންޓަށްފަހު ބޭއްވޭ މިފަދަ އެންމެ ވަރުގަދަ ބައްދަލުވުމަށް ވާނެކަމަށް ބައެއް ޤައުމުތަކުން ދެކެއެވެ.

އދ.ގެ މޫސުމާބެހޭ ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ތިމަވެށީގެ ބައްދަލުވުމަކީ ކޮޕްގައި ހިމެނޭ ޤައުމުތަކުން އެއްބަސްވާ ގޮތެއްގެ މަތިން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މި ސަމިޓުގެ އެންމެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 1995 ވަނަ އަހަރު ޖަރުމަނުގެ ވެރިރަށް ބަރލިންގައެވެ.

ޓެގް

ކޮޕް26ސަމިޓް ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.