ޚަބަރު 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު އަށް ބޮޑު ތަރުހީބެއް ލިބިއްޖެ

100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު އަށް ބޮޑު ތަރުހީބެއް ލިބިއްޖެ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢުއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އިސްކޮށް ހުންނަވައިގެން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު، މިމަހުގެ 6 ވަނަ ދުވަހު ހުޅުވާލިއިރު، މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 350 އަށް ވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މި ޕްރޮގުރާމުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިމަހުގެ 20 ވަނަ ދުވަހު ކްލާސްތައް ފަށާއިރު ފިޒިކަލްކޮށް ކްލާސްތައް ކުރިއަށް ގެންދާނީ މާލޭގައެވެ. އަދި ބައެއް ކްލާސްތައް އޮންލައިންކޮށްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ފިޒިކަލް ކްލާސްތަކުގައި ބައިވެރިވެވޭނީ 6 އަހަރާއި 25 އަހަރާއި ދެމެދު މީހުންނަށެވެ. އޮންލައިން ކުލާސްތައް ކުރިއަށް ގެންދަނީ 12 އާއި 45 އަހަރާ ދެމެދު މީހުންނަށެވެ. މި ޕްރޮގުރާމުގައި ކިޔަވައިދެއްވާނީ ތަޖުރިބާކާރު ޤުރުއާން ހިތުދަސް އުސްތާޒުންނާއި އުސްތާޒުންނެވެ.

100 ޙާފިޒުން އުފެއްދުމުގެ މަޝްރޫޢަކީ ދިވެހި މުޖުތަމަޢުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ރާއްޖޭގައި ޙާފިޒުން އިތުރުކުރުމުގެ މަތިވެރި މަޤުޞަދުގައި ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސްގެ ފަރާތުން ކުރިއަށް ގެންދާ ޚާއްޞަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ފިޒިކަލް ކުލާސްތައް މިވަގުތު ކުރިއަށް ދާނީ މާލޭގައި އެކަންޏެވެ. އޮންލައިން ކުލާސްތައް މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދެވޭނެއެވެ. ޢިލްމުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޢިލްމުގެ ފިޒިކަލް ޙިފްޒު ކެމްޕަސްއެއް ޤާއިމު ކުރުމެވެ.

އިޖާޒާ ދިނުން:

އިޖާޒާއަކީ، ޙިފުޒު ކޮށް ނިމުމުން ޙިފުޒުގެ ސަނަދުން ސިލްސިލާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ގުޅުވައިދިނުމެވެ. މިކަން ކުރާ ގޮތައް ހަމަޖެހިފައިވަނީ އެފަދަ އިޖާޒާ ސަނަދު ލިބިވަޑައިގެންފައިވާ ދަންނަބޭކަލުން ނުވަތަ ޙާފިޒުން ރާއްޖެއިން ބޭރުން ގެނެސްގެން އެކުއްޖަކު ލައްވައި އެބޭފުޅަކަށް ޤުރުއާން އެއްކޮށް ހިތުން ކިޔައިދީގެންނެވެ. ނުވަތަ ޢިލްމު އިންސްޓިޓިއުޓްގެ ޚަރަދުގައި އެދަރިވަރަކު އެފަދަ ތަނަކަށް ފޮނުވައިގެންނެވެ. ޙިފްޒުގެ ސަނަދުގެ ސިލްސިލާއިން ކީރިތި ރަސޫލާއާ ހަމަ އަށް ގުޅުވައިލުމަކީ ޙާފިޒަކަށް ލިބޭނެ ޙިފްޒުގެ އެންމެ މަތިވެރި ޝަރަފެވެ.

  • ޙިފުޒު ކުރުމާއެކު ރީތި ރާގަށް ޤުރުއާން ކިޔަވަން ދަސްކުރުން.
  • ބޭރުގެ އުސްތާޛެއް މެދުވެރިކޮށް ކޮންމެ މަހަކު އެއް ފަހަރު ޢަރަބި ބަހުގެ ކުލާހެއް.
  • ތަޖްވީދުގެ ހަމަތަކުން ކިޔަވަން ދަސްކުރުން.
  • އަންހެން ދަރިވަރުންނަށް ތިއްބަވާނީ އަންހެން އުސްތާޛުން.
  • ތަރުބަވީ ފިލާވަޅުތަކާއި ޤުރުއާނުގެ އަޚުލާޤު ދަސްކޮށްދިނުން
  • ބޭރުގެ ތަޖުރިބާކާރު އުސްތާޛުން ދަރިވަރުންނާ ބައްދަލުކުރުން.

  • ޕްރޮގްރާމްގެ ފީތައް:

– ހަފްތާ ބަންދުގެ ހުކުރު، ހޮނިހިރު : ކޮންމެ ދުވަހަކު ދޮޅުގަޑިއިރު ކިޔައިދޭނެ (ކުލާހަށް ހާޒިރުވެ) : މަހަކު 500 ރުފިޔާ

– ހަފްތާ ބަންދުގެ ހުކުރު، ހޮނިހިރު : ދޮޅުގަޑިއިރު ކިޔައިދޭނެ (އޮންލައިން) : މަހަކު 700 ރުފިޔާ

ހަފްތާއަކު 5 ދުވަހު ހުކުރު ހޮނިހިރު ފިޔަވާ (ކުލާހަށް ހާޒިރުވެ) : މަހަކު 1000 ރުފިޔާ

– ހަފްތާއަކު ކޮންމެ ދުވަހަކު، ހުކުރު ހޮނިހިރު ފިޔަވާ (އޮންލައިން) : މަހަކު 1100 ރުފިޔާ

މި މަޝްރޫޢަކީ ހަމައެކަނި ދަސްކޮށްދޭ މަޝްރޫޢެއްނޫނެވެ. ހިތު ދަސްކުރުމުގެ އިތުރުން، މި މަޝްރޫއުގައި ތަޖުވީދުގެ ހަމަތަކުން ރީތި ރާގުތަކަށް ހުނަރުވެރިކަމާއެކު ކިޔަވަން ދަސްކޮށްދެވޭނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ޙާފިޒުންނާއި މޮޅު ޤާރީންގެ ހުނަރުވެރިކަން ޙިއްސާކުރެވޭނެއެވެ.

މިޞްރު، ޖޯޑަން، ކުވައިތު، ސަޢުދީ ޢަރަބިއްޔާ، މެލޭޝިޔާ، އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިޔާ، މޮރޮކޯ ފަދަ ޤައުމުތަކުގެ ތަޖުރިބާކާރު އުސްތާޛުން އެކި މަރުޙަލާތަކުގައި މި މަޝްރޫޢުގެ ދަރިވަރުންނާ ބައްދަލުކުރާނެއެވެ. މި މަޝްރޫޢުގައި ދެ ޖިންސުގެ ޒުވާނުންނަށް ބައިވެރިވެވޭނެއެވެ. ކުލާސްތައް ކުރިއަށްދާނީ ވަކިންނެވެ. މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާ ކުރިއަށް ދާނީ ހަފްތާ ބަންދުތަކުގައެވެ.

ޓެގް

ޙާފިޒުން ޑރ.ޝަހީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.