މަންދު ކޮލެޖުގެ ފަރާތުން ހުށަހަޅުއްވާފައިވާ ދައުވާ އަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސިވިލް ކޯޓަށް ހާޒިރު ވުމަށް އަންގައިފިއެވެ.
މަންދު ކޮލެޖް ހިންގާ ކުންފުނި، މާލޭހައި ޕްރައިވެޓް ލިމިޓެޑުން ކުރި ދައުވާއާއި ގުޅިގެން މިނިސްޓަރ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 9:50އަށެވެ.
ކޯޓަށް ހާޒިރުވާން އަންގާފައިވާ ޗިޓު ހަރުކޮށްފައި ހުރީ މިނިސްޓަރު ދިރިއުޅުއްވަމުން އަންނަ ގޭގެ ދޮރުގައެވެ.
މިނިސްޓަރ ޑރ.އައިޝަތު އަލީ ކޯޓަށް ހާޒިރު ކުރެވެނީ މާލޭހައި ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ އިހުމާލު ވުމުގެ ދައުވާ އާ ގުޅިގެންނެވެ.
މާލޭހައި ޕްރައިވެޓް ލިމިޓެޑުން މިނިސްޓަރު އައިޝަތު އަލީއަށް ދައުވާ ކުރީ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭ 15 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އެންގި މުއްދަތު ފަހަނައަޅާ ދިއުމަށްފަހު އެ ފައިސާ ދިން މައްސަލައިގައެވެ.
އެއް މަސް ދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ މަންދު ކޮލެޖަށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ އޭޕްރިލް މަހުގެ 19ވަނަ ދުވަހުއެވެ.
މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) އޮންލައިން ނޫސް “ސަން”އަށް ވިދާޅުވިކަމަށް އެނޫހުން ރިޕޯޓް ކޮށްފައިވަނީ ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާފައިނުވާ ކަމަށާއި އެކަމުގައި މިނިސްޓަރު އައިޝަތު އަލީ ޒިންމާވާންޖެހޭނެ ކަމަށެވެ.
“މިނިސްޓަރުގެ އަތްޕުޅުން ނުކުރެއްވިއަސް މިނިސްޓަރުގެ ޒިންމާއެއްތާ އެއީ އެކަމާ ހަވާލުވެ ހުންނަ މުވައްޒަފަކު ނުވަތަ މިނިސްޓްރީއިން އަމުރާ އެއް ގޮތަށް އަމަލު ކުރޭތޯ ބެއްލެވުމަކީ. ނުކުރެވިއްޖެނަމަ އެކަމުގެ ޒިންމާ އުފަލަން ޖެހޭނެ ނޫންތޯ،” އިބްރާ ވިދާޅުވިއެވެ. ސަންއިން ރިޕޯޓް ކޮށްފައިވެއެވެ.
އިބްރާ އިތުރަށް ވިދާޅުވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ ދެކޮޅަށް ވެސް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ. ޑރ. އައިޝަތު ޝިހާމްއާ ދެކޮޅަށް ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަންދު ކޮލެޖް ކުރިން ހިންގި އިމާރާތް އަތުލި މައްސަލައިގައެވެ. ސަން ގައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...