އދ.ދަނގެތީގެ ފަޅުގެެއެއްގެ ތެރެއިން ވަރަށް އަނިޔާވެރިކޮށް މިދިޔަ އޮކްޓޯބަރ މަހުގެ 15ވަނަ ދުވަހުގައި،މަރާލާފައި އޮއްވާ ފެނުނު އެރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިހުރި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ، ކޯޓުން މިފަދައިން އަމުރު ނެރެފައިވަނީ އިއްޔެ ކަމަށާއި މައްސަލައިގެ ތަހުޤީގު ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ތަހުޤީގުގައި މިހާރު ކުރަމުންދަނީ ތަހުޤީގު ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެކަންކަން ނިންމުމަށްފަހު، އަންނަ ހަފްތާގެ ތެރޭގައި މައްސަލައިގައި ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ފުލުހުންގެ ފަރާތުން މީޑިއާއަށް މިހާތަނަށް ގިނަ މަޢުލޫމާތުތަކެއް އާއްމުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ވަނީ މަހުމޫދުގެ މަރުގެ މައްސަލައިގައި ޝާ އަލޮމް މިއާގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށްފަހު، މައްސަލައިގެ މަޢުލޫމާތުތައް ޕްރެސް ބްރީފިންގއެއްގައި މީޑިއާއާއި ހިއްސާކުރާނެކަމަށް ބުނެފައެވެ.
މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ އޭނާއާއި އާއިލީ ގުޅުންހުރި ފަޅުގެއެއްގެ ވަޅުގެ ތެރެއިންނެވެ. ފެނުނު އިރު ގޯނިން އޭނާގެ ހަށިގަނޑު އައްސާފައި ހުރިއިރު، އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރިއެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ތުހުމަތުކުރެވުނީ އެރަށުގައި ދިރިއުޅޭ އއ.ތޮއްޑޫއަށް ނިސްބަތްވާ ދެ ޒުވާނުންނަށެވެ. ނަމަވެސް ފަހުން ވަނީ މަހުމޫދުގެ މަރުގެ ފަހަތުގައި ވަނީ ޝާ އަލޮމް މިއާކަން ފަޅާއަރާފައެވެ.
ޝާ އަލޮމް މިއާއަކީ ދަނގެތީގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމަށް ގެނެސްފައި ހުރި ބިދޭސީއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...