ދީން ދުޢާތައް ކިޔުމަކީ ކުޑަކުދިން އެކަނި ކުރަންޖެހޭ ކަމެއް ނޫނެވެ.

ދުޢާތައް ކިޔުމަކީ ކުޑަކުދިން އެކަނި ކުރަންޖެހޭ ކަމެއް ނޫނެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގެއަށް ވަންނައިރު ކިޔާ ދުޢާތައްފަދަ ދުޢާތައް ކިޔުމަކީ ކުޑަކުދިން އެކަނި ކުރަން ޖެހޭ ކަމެއް ނޫނެވެ.

ގެއަށް ވަންނަމުން، ގެއިން ނުކުންނަމުން ނުވަތަ އެނޫންވެސް އެފަދަ ދުޢާތައްފަދަ ދުޢާތައް ދަސްކޮށް ކިޔުމަކީ ކުޑަކުދިން އެކަނި ކުރަންޖެހޭ ކަމެއް ނޫނެވެ. ކުޑަކުއްޖަކަށް ވީތީވެ ދަސްކޮށް ކިޔަންޖެހޭ ދުޢާތަކެއް ނޫނެވެ. އެހެނީ، ޖިންނި ޝައިޠާނުންގެ ނުވަތަ އިންސާނުންގެ ތެރެއިންވާ ޝައިޠާނުންގެ އުނދަގޫތަކާއި ވަސްވާސްތައް ޖެހެނީކީ ހަމައެކަނި ކުޑަކުދިންނަކަށް ނޫނެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ވިސްނިފައި ނުވަތަ ހީވެފައި އޮންނަ ގޮތުގައި އެފަދަ ދުޢާތަކަކީ ކުޑަކުދިން އެކަނި ކިޔަން ޖެހޭ ދުޢާތަކެއް ކަމެވެ. އަދި އެއީ އެ ކުދިންގެ ޅަ ޢުމުރުގައި ދަސްކޮށް ނިންމާލައިފައި ކޮންމެވެސް މުދައްރިސަކަށް ކިޔައިދިނުމުން ފުދޭނެ އެއްޗެހިތަކެއް ކަމެވެ. ދިރިއުޅުމުގެ މައިދާނުގައިވެސް އެކުދިން އެ ދުޢާތަކުގެ ބޭނުން ކުރަން ޖެހޭނީ ހަމައެކަނި ތުއްތު އިރުގައި ނުވަތަ އެކުދިންގެ ޅަ ޢުމުރުގައި ކަމުގައެވެ.

ނަމަވެސް މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ވިސްނިފައިވާ ނުބައި ވިސްނުމެކެވެ. އަދި ޢަމަލު ކުރެވެމުންދާ ގޯސް ގޮތެކެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިބާގެ ތުއްތު ދަރިފުޅަށް ގެއަށް ވަންނަމުން ކިޔާ ދުޢާ އާއި ގެއިން ނުކުންނަމުން ކިޔާ ދުޢާ ކިޔަން ހަނދާންކޮށްދޭ ފަދައިން ތިބާވެސް ތިބާގެ ނަފްސަށް އެކަންކަން ހަނދާންކޮށްދީ، ދިރިއުޅުމުގެ މައިދާނުގައި ބޭނުން ކުރާށެވެ. އަދި ދަރިފުޅުގެ ޅަ ޢުމުރުގައި ދަރިފުޅަށް އެފަދަ ދުޢާތަކުގެ މަތިން ހަނދާންކޮށްދޭ ފަދައިން، ދަރިފުޅު ކިތަންމެ ބޮޑުވިޔަސް އެ ދުޢާތަކުގެ މަތިން ދޭތެރެ ދޭތެރެއިން ހަނދާންކޮށްދޭން ވާނެއެވެ. ދަރިފުޅު ކިޔާތޯ ނުކިޔާތޯވެސް އަހާ އޮޅުން ފިލުވަންވާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދަރިފުޅު ނިދާއިރު ދަރިފުޅަށް ކިޔައިދޭ ޛިކުރު ތަކަކީ ތިބާވެސް އެދަނޑިވަޅުގައި ކިޔަންޖެހޭ ޛިކުރުތަކެއްކަން ހަނދާންކޮށް އެކަން ކުރަންވާނެއެވެ. ފާޚާނާއަށް ދަރިފުޅު ވަންނައިރު ދުޢާ ކިޔަން ދަސްކޮށްދީ އަދި ހަނދާންކޮށްދޭ ފަދައިން، ތިބާވެސް އެ ދުޢާ ކިޔަންވާނެއެވެ. ބައެއް ފަހަރު ޅަ ޢުމުރުގައިވާ ތިބާގެ ދަރިންނަށާއި އަދި ބޮޑަތިވެފައިވާ ތިބާގެ ދަރިންނަށް އަޑު އިވޭ ވަރަށްވެސް ތިބާ އެ ފަދަ ދުޢާތައް ހަރުއަޑުން ކިޔަން އެބަޖެހެއެވެ. އެއީ އެކުދިންނަށް އެކަންކަން މަތިން ހަނދުމަކޮށްދީ، އެއީ ހަމައެކަނި އެކުދިން ކުޑައިރު ކުރަންޖެހޭ ކަމެއް ނޫންކަން އެކުދިންނަށް ވިސްނައި ދިނުމުގެ ގޮތުންނެވެ.

މާތް ނަބިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ދުޢާތައް އުއްމަތަށް ބަޔާންކޮށްދެއްވާފައިވަނީ ހަމައެކަނި ޅަ ޢުމުރުގައި ބޭނުންކުރަންޖެހޭ ދުޢާތަކެއް ގޮތުގައެއް ނޫންކަން ދަންނަން އެބަޖެހެއެވެ. ތިބާގެ ދިރިއުޅުމުގެ ޙަޔާތުގައި ރައްކާތެރިކަން ގުޅިފައިވަނީ އެފަދަ ދުޢާތަކާއި ޛިކުރުތައްކަމުގައި ދަނެގެން މަރުދުވަހާއި ޖެހެންދެންވެސް ދެގޮތެއްނުވެ އެފަދަ ދުޢާތަކާއި ޛިކުރުތައް ކިޔުމުގައި ދެމި ހުންނަން އެބަޖެހެއެވެ.

ތިބާގެ ޅަ ޢުމުރުގައި ދަސްނުވެ ދުޢާތަކާއި ޛިކުރުތަކެއްވާނަމަ، އަދިވެސް ތިބާއަށް އެކަންކަން ކުރެވޭނެކަންދަނެ، އެކަމުގައި ފަރުވާ ކުޑަނުކޮށް އެކަމައިގެން އުޅެން އެބަޖެހެއެވެ. އެކަންކަން އުއްމަތަށް ބަޔާންކޮށްދެއްވާފައިވަނީ އެކަންކަމުގައި ބޮޑަތިވެގެންވާ ހެޔޮކަން އެކުލެވޭތީކަން ދަންނަން އެބަޖެހެއެވެ.

އެފަދަ ދުޢާތަކާއި ޛިކުރުތަކަކީ ތިބާ އަބަދުވެސް ﷲ ތަޢާލާއާއި ގުޅުވާލަދީފައި ހުންނަ ކަންކަމެވެ. އަބަދުވެސް ﷲ ތަޢާލާމަތިން ހަނދުމަކުރުންމަތީ ހުރެވޭކަމުގެ ވަރުގަދަ ނިޝާނެކެވެ. ﷲ ތަޢާލާގެ މަތިވެރި ރައްކާތެރިކަމާއި އެ އިލާހުގެ މަދަދަށް އަބަދުވެސް ގޮވާލެވިލެވި ހުންނަ ކަންކަމެވެ. އެހެންކަމުން ދިރިއުޅުމުގެ މައިދާނުގައި އެފަދަ ދުޢާތަކާއި ޛިކުރުތަކަކީ އަބަދުވެސް ތިބާއަށް ބޭނުންޖެހިފައިވާ އެއްޗެހިކަން ދަނެ އެކަންކަމުގައި ފަރުވާކުޑަކުރާކަށް ނުވާނެއެވެ.

ޓެގް

ދުޢާކުރުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.