ދިވެހިރާއްޖޭގައި ޢާއްމު މުޖުތަމަޢުގައި ، ގޭތެރެއިން ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް އިތުރުވަމުން ދިއުން އެއީ ބިރުހުރި ކަމެއް ކަމަށާއި، އެކަމަށް ރައްކާތެރިވެ ތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަކުރައްވާފައިވަނީ އިސްލާމީ ގިއުގަނޑުގެ ތެރެއިން ފެންނަން ނުޖެހޭ އަނިޔާގެ އެކި ޢަމަލުތައް މުޖުތަމަޢުތެރޭގައި ޢާއްމުވެފައިވާތީ އެކަންކަން ހުއްޓުވުމުގެ މައްޗަށެވެ. އެފަދަ ކަންތައްތަކުން ދުރުހެލިވުމަށް ޚުޠުބާގައިވަނީ ނަސޭޙަތްތެރިވެފައެވެ.
ކޮންމެ މީހަކަށްވެސް އަމާންކަން ލިބިގެންވާތަނަކަށް އެމީހެއްގެ ގެދޮރު ވާންޖެހޭއިރު ގޭތެރެއިން ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް އިތުރުވަމުން ދާކަމަށާއި އެއީ ބިރުހުރި ކަމެއްކަމަށް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ. ގެވެށި އަނިޔާ އަންހެނުންނަށާއި ފިރިހެނުންނާއި ކުޑަކުދިންނާއި މުސްކުޅި މައިންބަފައިންނަށް ކުރިމަތިވަމުން އަންނަނީ ކަންބޮޑުވާ ދަރަޖައަކަށްކަމަށް ޚުޠުބާގައިވަނީ ވިދާޅުވެފައެވެ. އަދި ނިސްބަތުން އަނިޔާގެ ޝިކާރައަކަށްވާ އަންހެނުން އިތުރުކަމަށް ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.
އިސްލާމްދީނުގައި އަންހެނުންނަށް ރައްކާތެރިކަމާއި އެތަކެއް ޙައްގުތަކެއް ކަށަވަރުކޮށްދީފައިވާއިރު އެކަންކަމަށް އަނިޔާވެރިވާ މީހާ, މާތްﷲގެ ކޯފާއަށް ބިރުވެތިވުމަށް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ. އަދި އަނިޔާ ލިބޭ އެތައް ބަޔަކު މިކުޑަ މުޖުތަމަޢުގެ ތެރޭގައި ވާކަމަށާ، އަނިޔާލިބޭ މީހާގެ ދުޢާއާއި އޭނާގެ ވެރި ރައްބާ ދެމެދު އެއްވެސް ހުރަހެއް ނުވާކަން، އަނިޔާވެރިވަމުންދާ މީހުން ހަނދާނުގަ ބެހެއްޓުމަށް ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.
ރައްޓެހި ރަޙުމަތްތެރިންނާއި ދޭދޭ ފަރުދުންނާއި އޮފީސް މާޙައުލުގައިވެސް އެކިބާވަތުގެ އަނިޔާ ތަޙައްމަލުކުރަމުންދާ މީހުން ތިބިކަން ފާހަގަކުރައްވައި ޚުޠުބާގައިވަނީ މިކަމަށް ޙައްލެއް ގެނައުމަށް ކަމާބެހޭ މުއައްސަސާތަކުން ކަމެއް ނުކޮށް އަނިޔާއާ ދެކޮޅަށް ނުތެދުވާނަމަ މުޅި މުޖުތަމަޢު ފަސާދަވެގެން ހިނގައިދާނެކަމަށާ، ނަތީޖާއެއްގެ ގޮތުން އިތުރު މައްސަލަތަކެއް އުފެދޭނެކަން ބަޔާންކުރައްވާފައެވެ.
އިސްލާމް ދީނަކީ އަނިޔާއާ ދެކޮޅަށް އައި ދީނެއްކަމަށާއި މިދީނުގެ ޙިމާޔަތުގައިވާ ޤައުމަކުން މިފަދަ ޢަމަލުތައް އިތުރުވަމުން ދިޔުމަކީ އެތަނެއްގައި ތިބި މުއައްސަސާތަކަކުން ދޫކޮށްލައިގެން ތިބެންޖެހޭވަރަށްވުރެ ނުރައްކާތެރި ކަމެއްކަމަށް ޚުޠުބާގައިވަނީ ވިދާޅުވެފައެވެ. އަދި މިކަންކަމަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...