ޚަބަރު މަޖިލިސް މިއަހަރަށް ނިންމާލައި ޗުއްޓީއަށް ހިނގައްޖެ

މަޖިލިސް މިއަހަރަށް ނިންމާލައި ޗުއްޓީއަށް ހިނގައްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމާލުމަށްފަހު ޗުއްޓީއަށް ހިނގައްޖެއެވެ.

މަޖިލީހުގެ މިއަހަރުގެ ފަހުދައުރު ނިންމާލައި، މެމްބަރުން ޗުއްޓީއަށް ގޮސްފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރު ފެށި ޖަލްސާ މިރޭ 8:10 އާއި ހަމައަށް ގެންދިއުމަށްފަހުއެވެ. މިއަދު ވަނީ މިދައުތުގައި ނިންމަން އަމާޒުހިފި މުހިންމު ހުރިހާ މަސައްކަތެއް ނިންމާފައެވެ. މިދައުރުގައި ވަނީ 44 ޖަލްސާއާއި، 320 ކޮމިޓީ ބައްދަލުވުން ބާއްވާފައެވެ.

މިއަހަރުގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ނިންމާލުމުގެ ކުރިން މިއަހަރުގެ ފުރަތަމަ ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތަފްސީލެއް މަޖިލިސް ރައީސް ވަނީ ދެއްވާފައެވެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދައުރުގެ ތެރޭގައި ބޭއްވުނު 44 ޖަލްސާގައި މަޖިލިސް މެމްބަރުން ތަޅުމުގައި 112 ގަޑިއިރު ހޭދަ ކުރައްވާފައިވާކަމަށެވެ. އަދި ބޭއްވުނު 320 ކޮމިޓީ ބައްދަލުވުމުގައި 331 ގަޑިއިރު މެމްބަރުން ހޭދަ ކުރައްވާފައިވާކަމަށެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ކުރެވުނު މަސައްކަތްތައް:
– 20 ބިލުގެ މަސައްކަތް ވަނީ ނިންމާފަ
– 4 ގަރާރުގެ މަސައްކަތް ވަނީ ނިމްމާފަ
– މަޖިލީހަށް ހުށެހެޅުނު 7 މައްސަލަ ވަނީ ނިންމާފަ
– މެމްބަރުން ހުށަހެޅި 9 މައްސަލަ ވަނީ ނިންމާފަ
– 32 ފަހަރު ވަޒީރުންނާއި ވަނީ ސުވާކު ކުރައްވާފަ

މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިމަސައްކަތް ތަކާއިއެކު މަޖިލީހުގެ ޖުމްލަ 95 މައްސަލައިގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިއީ 65.5 އިންސައްތަ މަސައްކަތް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. މިދައުރުގައި ފާސްކުރި މުހިންމު ބިލްތަކާއިއެކު މެމްބަރުން ކުރެއްވި މަސައްކަތްތަކަށް މަޖިލިސް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އަންނަ އަހަރުގައެވެ. މަޖިލިސްގެ ޖަލްސާތައް ފަށާނީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ފެބުރުއަރީ މަހުގައި ބާއްވާ ރިޔާސީ ބަޔާން އިސްވާ ޖަލްސާއިންނެވެ. ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

މި ޖަލްސާގައި އޮންނާނީ ހަމައެކަނި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.

ޓެގް

މަޖްލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.