ރާއްޖޭގެ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް އަންނަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
”ދިޑެއިލީ“ އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ އޮފިޝަލަކު ވިދާޅުވީ، އަންނަ ހުކުރު ދުވަހުގެރޭ ޖަލްސާ ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވާން ފަށާފައި ވާކަމަށެވެ. އަދި މި ޖަލްސާފގައި ރައީސް ޔާމީން މިނިވަންވުމާއި ގުޅިގެން އެމަނިކުފާނު ދިވެހި ގައުމާއި އެމަނިކުފާނުގެ ލޮބުވެތި ސަޕޯޓަރުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަން ހަމަޖެހިފައި ވާކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރީ، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ކޮށްފައިވަނީ، ގާނޫނާއި ހިލާފަށްކަމަށް ސާބިތުވާތީ ކަމަށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި 03 ފަނޑިޔާރުންވެސް ވަނީ މި ހުކުމަށް ތާއީދު ކުރައްވާ ރައީސް ޔާމީން މިނިވަން ކުރުމަށް އަމުރު ކުރައްވާފައެވެ.
މިއަދު ކުރިއަށް ދިޔަ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...