ސޫދާނުގެ ބޮޑުވަޒީރު އަބްދަލާ ހަމްޑޮކް އަލުން ވެރިކަމަށް އައުމުގެ އެއްބަސްވުމާ ދެކޮޅަށް ރުޅިވެރިކަން ފާޅުކުރުމުގެ ގޮތުން ވެރިރަށް ޚަރްތޫމްގައި ހުންނަ ރިޔާސީ ގަނޑުވަރު ކައިރިއަށް އެއްވެ މުޒާހަރާކުރަމުންދިޔަ މީހުންނާ ދެކޮޅަށް ސޫދާންގެ ފުލުހުން ކަރުނަ ގޭސް ޖަހައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސޫދާނުގެ ވެރިރަށް ޚަރްތޫމްއާއި ސޫދާނުގެ އެހެން ސިޓީތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ، އަސްކަރީ ބަޣާވާތާ ދެކޮޅަށް ކެނޑިނޭޅި ކުރި މުޒާހަރާތަކާއި، އޭގެ ފަހުން 2019 ވަނަ އަހަރު އެކުލަވާލި އިންތިގާލީ ކައުންސިލްގެ ބައެއްގެ ގޮތުގައި އަސްކަރިއްޔާއަށް ތިބުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ވެރިރަށް ޚަރްތޫމްއާއި، ސޫދާންގެ އެހެން ސިޓީތަކުގެ މަގުތަކަށް ހޯމަ ދުވަހު އެތައްހާސް ބަޔަކު ނުކުމެފައި ވެއެވެ.
ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އަސްކަރިއްޔާ-ސިވިލިއަން ސޮވެރިން ކައުންސިލް އުވާލައި، ޑިމޮކްރަސީއަށް މަގު ދައްކައިދިނުމަށް މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްފައެވެ.
މިދިޔަ މަހު ހަމްޑޮކް އަލުން ވެރިކަމަށް ގެނައުމަށް، އެ ކައުންސިލްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އަލް ބުރްހާންއަށް މަޖުބޫރުކޮށް، އޭނާ އެޅުއްވި ފިޔަވަޅާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކާއި ބައިނަލްއަގުވާމީ ފެންވަރުގައި ކުށްވެރިކުރުންތައް ވަނީ މަޖުބޫރުވެފައެވެ. އަދި 2023 ވަނަ އަހަރުގެ ޖުލައި މަހު އިންތިޚާބު ބާއްވައި، އިންތިޚާބީ މަދަނީ ސަރުކާރަކާ ވެރިކަން ހަވާލުކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ނަމަވެސް އަލްބަޝީރުގެ ވެރިކަން ވައްޓާލި އިންގިލާބުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑިމޮކްރަސީއަށް ތާއީދުކުރާ ޖަމާއަތްތަކުން ވަނީ ހަމްޑޮކް އަލުން ރުޖޫއަކުރުމަށް އެކުލަވާލި އެއްބަސްވުމަށް ފާޑުކިޔާފައެވެ. ޑިމޮކްރަސީއަށް ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް އަސްކަރިއްޔާއަށް އިތުބާރު ނުކުރެވޭތީ އަސްކަރިއްޔާ އަކީ ސަރުކާރުގެ ބައެއް ކަމުގައި ވެގެން ނުވާނެ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޚަރްތޫމްގައި މުޒާހަރާކުރި މީހުން ވަނީ ސޫދާނުގެ ދިދަތައް އުފުލައި “މަދަނީންނަކީ ރައްޔިތުން އިޚްތިޔާރުކުރާ ބައެއް” ގެ އިތުރުން “ރައްޔިތުން މާ ވަރުގަދަ” ކަމަށް ބުނެ އަޑުއުފުލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...