ޚަބަރު ޢަރަބިއްޔާ ދަރިވަރުންނާމެދު ޢަމަލުކުރާ ގޮތުން ދޭހަވަނީ އިސްލާމީ ތަޢުލީމަށް ލޯބި ނެތްކަން – ޢަލީ ޒާހިރު

ޢަރަބިއްޔާ ދަރިވަރުންނާމެދު ޢަމަލުކުރާ ގޮތުން ދޭހަވަނީ އިސްލާމީ ތަޢުލީމަށް ލޯބި ނެތްކަން – ޢަލީ ޒާހިރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޢަރަބިއްޔާ ދަރިވަރުންނާމެދު ޢަމަލުކުރާ ގޮތުން ދޭހަވަނީ އިސްލާމީ ތަޢުލީމަށް ލޯބި ނެތްކަން ކަމުގައި ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ވިދާޅުވެއްޖެއެވެ.

ޝައޚް ޢަލީ ޒާހިރު މިހެން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގައި ރެނދުލައި ކުދިންނަށް އެންމެ ރައްކާތެރި ތަނަކަށް ނުވާތީ، އެތަނުގެ ދަރިވަރުން ޢިއްޒުއްދީނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެންނެވެ. ޢަރަބިއްޔާގެ ބެލެނިވެރިންވެސް އެކަމާ ދެކޮޅު ހަދައެވެ.

ޢަލީ ޒާހިރު ބިން ސަޢީދު ވިދާޅުވީ، ތަފާތު ދެ ސްކޫލެއްގެ ދަރިވަރުން އެއްތަނެއްގައި މެނޭޖު ނުކުރެވޭ ވަރުގެ ކުޑަ ތަނަކަށް ޢަރަބިއްޔާގެ ދަރިވަރުން ބަދަލުކުރަން ނިންމި ނިންމުމުން ދޭހަވަނީ އެކަންކުރި ބައެއްގެ ހިތުގައި ޢަރަބި އިސްލާމީ ތަޢުލީމަށް އެއްވެސް ލޯތްބެއް ނެތުން ނުވަތަ ކަންކަން ރަގަޅަށް ކުރުމުގެ ޤާބިލުކަން ނެތުންކަމަށެވެ.

ޢަރަބިއްޔާ ޢިމާރާތުގައި ރެނދުލައިގެން ބެލެނިވެރިން އަންނަނީ ކުދިންގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ޢަރަބިއްޔާގެ ބެލެނިވެރިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ޢަރަބިއްޔާގެ ބެލެނިވެރިން ބޭއްވި ބައްދަލުވުމުގައި ހުރިހާ ބެލެނިވެރިން އިއްތިފާޤުވެފައިވަނީ، ޝެއަރ ކުރާ ގޮތަށް ޢިއްޒުއްދީނުގެ އިމާރާތަށް ދަރިވަރުން ބަދަލުނުކުރުމަށެވެ. އެގޮތަށް ޝެއަރ ކުރުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އުޅުމާއި އަޚްލާޤު އެއްކޮށް ހަލާކުވާނެ ކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ.

ނަމަވެސް ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ނިންމާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޢަރަބިއްޔާ ސްކޫލް ޢިމާރާތަކީ ކުދިންނަށް ކިޔަވައިދިނުމަށް އެންމެ ރައްކާތެރިތަނަކަށްނުވާތީ ވަގުތީގޮތުން އެކަމަށް ޙައްލެއް ގެނައުމަށް އެމިނިސްޓްރީއިން ނިންމަވާފައިވާކަމަށެވެ.

އެޑިއުކޭޝަންގެ އެ ނިންމުން ކުށްވެރިކޮށް ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ނެރުނު ބަޔާނުގައި ވަނީ، ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ޙައްޤައް ހުރަސް އެޅި، އެކުދިންގެ ޢަރަބި އިސްލާމީ މަންޙަޖުގެ ތަޢުލީމު އެކީއެކަށް ފުނޑުފުނޑު ވެގެން ދާނެހެން އެޑިއުކޭޝަނުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި އެއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ނިންމެވުމެއް ނޫންކަމަށާއި، އެފަދަ އަނިޔާވެރި، ބޭއިންސާފު ނިންމެވުމަކަށް ކިޔަމަންވެ ޅަދަރިންގެ ޢަރަބި އިސްލާމީ ތަޢުލީމު ފަނާވެ ދިއުމަށް ޖާގަ ދެވެން ނެތް ކަމަށާއި، އެނިންމެވުމާ އެއްގޮތަށް ޢަމަލު ކުރެވެން ނެތް ކަމުގައިވެސް ބަޔާނުގައިވެއެވެ.

ޓެގް

ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.