އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ 15 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގަށް ލިބުނު ޕެނަލްޓީ އެޓީމުގެ ތަރި މުޙައްމަދު ސަލާޙް އަތުން ނާކާމިޔާބުވުމުގެ ފައިދާ ނަގާ މެޗުގެ 59 ވަނަ މިނިޓްގައި ލެސްޓާރއިން ލަނޑެއް ކާމިޔާބުކޮށް 1-0 ލަނޑުން ލިވަޕޫލް ބަލިކޮށްފިއެވެ.
ރޭގެ މި ނަތީޖާއާއި އެކު ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ގާތަށް ޖެހިލަން ލިބުނު ފުރުސަތު ލިވަޕޫލަށް މިވަނީ ގެއްލިފައެވެ. ރޭގެ މެޗުތައް ނިމުނިއިރު ޕޮއިންޓް ޓޭބަލަށް ބަލާއިރު ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ 19 މެޗުން 47 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 19 މެޗުން 41 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 19 މެޗުން ވަނީ 41 ޕޮއިންޓް ލިބިފަ އެވެ. މިރޭ ޗެލްސީން ބްރައިޓަނާ ދެކޮޅަށް ކުޅޭ މެޗާއި ސިޓީން ބްރެންޓްފޯޑާ ބައްދަލުކުރާ މެޗަށް ފަހު ލިވަޕޫލްގެ މަގާމަށް ބަދަލު އަންނާނެ އެވެ.
ރޭގެ މެޗުގައި ލިވަޕޫލަށް ޕެނަލްޓީ ލިބުނީ މެޗުގެ 15 ވަނަ މިނިޓްގައި ވިލްފްރިއެޑް އެންޑީޑީ ސަލާހަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ސަލާހު ޖެހި ޕެނަލްޓީ ލެސްޓާގެ ކީޕަރު ކެޝްޕާ ޝްމައިކަލް އަތުގައި ޖެހިފައި ނުކުތްއިރު، ދެ ވަނަ ފަހަރު ސަލާހު ބޮލުން ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ނުކުތުމުން ދެން ފޮނުވާލި ބޯޅަ ރަނގަޅަށް ފައިގައި ލައްވައި ނުލި އެވެ. ރޭގެ މި ޕެނަލްޓިއަކީ ލީގުގައި އެންމެފަހުން ސަލާހު ޖެހި 16 ޕެނަލްޓީގެ ތެރެއިން އޭނާ އަތުން ޕްރިމިއާ ލީގުގައި ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީ އެވެ.
ރޭގެ މި މެޗުގައި ލެސްޓާރގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި އެޑަމޯލާ ލުކްމަން އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...