ކޮލަމްބިއާގެ އަރައުކާ ޕްރޮވިންސްގައި ގަވައިދާ ހިލާފަށް ހަތިޔާރު އެޅި ޖަމާއަތްތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 23 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވެނެޒުއޭލާއާއި ވެނެޒުއޭލާ ގުޅޭ ބޯޑަރުގައި އޮންނަ އަރައުކާގައި ހަފްތާ ބަންދުގައި ހަނގުރާމަ ފެށުނީ، 2016 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމާ ދެކޮޅު ނޭޝަނަލް ލިބަރޭޝަން އާމީ (އީއެލްއެން)ގެ މެމްބަރުން، ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިއާ (ފާކް)ގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ ވަގުތެއްގައެވެ.
ކޮލަމްބިއާގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތްތަކުން ހަނގުރާމަ ކުރަމުން ދަނީ މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ޣައިރު ގާނޫނީ އިގުތިސޯދުތައް ކޮންޓްރޯލް ކުރުމުގެ މައްޗަށް ކަމަށެވެ. ކޮލަމްބިއާގެ ހިއުމަން ރައިޓްސް އޮމްބަޑްސްމަން ވިދާޅުވި ގޮތުގައި މި ހަމަނުޖެހުންތަކުގެ ސަބަބުން 12 އާއިލާއެއް ވެސް ވަނީ މަގުމަތިވެފަ އެވެ.
2000 ގެ އަހަރުތަކުގެ މެދުތެރޭގައި ފާކް އާއި އީއެލްއެން ގުޅިގެން އަރައުކާ އާއި އަވަށްޓެރި ވެނެޒުއޭލާގެ ސްޓޭޓެއް ކަމަށްވާ އަޕޫރްގައި އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކުރި އިރު، ހަމަނުޖެހުންތައް ވަނީ ފަހަތަށް މަދުވެފަ އެވެ.
2010 ވަނަ އަހަރު ހަނގުރާމަ ހުއްޓާލިއިރު، އެ ޕްރޮވިންސްގައި 58،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ހިޖުރަކޮށްފައިވާ ކަމަށާއި، މަދުވެގެން 868 އާންމުން މަރުވެފައިވާ ކަމަށް، ސަރުކާރުން ހިންގާ ކޮލަމްބިއާގެ ވިކްޓިމްސް ޔުނިޓް ގެ އެޑްވޮކަސީ ގްރޫޕް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ.
ކޮލަމްބިއާގެ ހަތިޔާރުއެޅި ޖަމާއަތްތަކާއި ވެނެޒުއޭލާގެ އަސްކަރިއްޔާއާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު 5،000 އެއްހާ މީހުން ވަނީ އަޕޫރީ އިން ފިލާފައެވެ.
އެޗްއާރްޑަބްލިއުއަށް މި ހަމަނުޖެހުންތަކުގެ ސަބަބުން 24 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް އެ ޖަމާއަތުގެ ސީނިއާ އިންވެސްޓިގޭޓަރ ފޮރ ދި އެމެރިކަންސް ހުއާން ޕެޕިއަރ ޓްވިޓަރ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވާއިރު، މަޖުބޫރުން ގެދޮރު ދޫކޮށް ދިއުމާއި، މީހުން ވަގަށް ނެގުމުގެ އަމަލުތައްވެސް ހިންގާފައިވާ ކަމަށް އެޗްއާރްޑަބްލިއުއިން ވަނީ ބުނެފަ އެވެ.
“އޭއެލްއެން އާއި ފާކްގެ 10 ވަނަ ފްރޮންޓް ކަމަށްވާ އަރައުކާ އާއި ދެމެދު ހިނގަމުންދާ ހަނގުރާމައާ މެދު އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ،” ޕަޕިއަރ ވިދާޅުވި އެވެ.
ކޮލަމްބިއާގެ ރައީސް އިވާން ޑުކޭ ވަނީ އާރަކާގައި ހިނގަމުންދާ ކަންކަން ދެނެގަތުމަށާއި އެކަން ހައްލުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އަސްކަރިއްޔާއާއި ފުލުހުންގެ ވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ.
“ސަރަހައްދީ ރޮނގު ބެލެހެއްޓުމުގެ މަސައްކަތަށް އެހީތެރިވުމަށް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ދެ ބެޓޭލިއަން ފޮނުވަން އަޅުގަނޑު ވާނީ އަންގާފައި،” ވެނެޒުއޭލާއިން ފާކް ގެ ދެކޮޅުވެރިންނާއި އީއެލްއެން އަށް ހިޔާވަހިކަން ދޭ ކަމަށް ތުހުމަތުކޮށް ވީޑިއޯ ބްރޯޑްކާސްޓް ކުރި އިރު ޑުކޭ ވިދާޅުވި އެވެ.
ވެނެޒުއޭލާގެ ދިފާއީ ވަޒީރު ޖެނެރަލް ވްލަޑިމިއާ ޕަދްރިނޯ ވަނީ ޓްވިޓާގައި އެ ތުހުމަތުތަކަށް ރައްދު ދެއވާފަ އެވެ. އޭނާ އިތުރަށް ވިދާޅުވީ ކޮލަމްބިއާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ބޯޑަރު މުނިސިޕަލްޓީތަކުގައި ތިބޭ ވެނެޒުއޭލާގެ އަސްކަރީ ފައުޖުތަކުން އެލާޓް ލެވެލް މަތިކޮށްފައިވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...