ބޭރުދުނިޔެ ހައްގުތަކަށް ގޮވާލައި މުޒާހަރާކުރި އަންހެން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ތާލިބާން ހަނގުރާމަވެރިން ޕެޕަރ ސްޕްރޭ ޖަހައިފި

ހައްގުތަކަށް ގޮވާލައި މުޒާހަރާކުރި އަންހެން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ތާލިބާން ހަނގުރާމަވެރިން ޕެޕަރ ސްޕްރޭ ޖަހައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މުޒާހަރާކުރަމުންދިޔަ އަންހެން މުޒާހަރާގެ ބައިވެރިންގެ ގްރޫޕަކަށް ތާލިބާން ސިފައިން އާދީއްތަ ދުވަހު ޕެޕަރ ސްޕްރޭ ޖަހާފައިވާ ކަމަށް މުޒާހަރާގެ ތިން މީހަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

މިދިޔަ އޮގަސްޓް މަހު ބާރުގެ ބޭނުންކޮށްގެން އެ ގައުމުގެ ކޮންޓްރޯލް އަތުލި ފަހުން، ތާލިބާނުން ގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަފްޣާނިސްތާނުގައި، ހާއްސަކޮށް އަންހެނުންނަށް ދަތިކުރުމުގެ ފިޔަވަޅު ތަކެއް އަޅާފައެވެ.

އޭއެފްޕީގެ ކޮރެސްޕޮންޑެންޓަކު ބުނީ ކާބުލް ޔުނިވާސިޓީ ކުރިމައްޗަށް 20 ވަރަކަށް އަންހެނުން އެއްވެ “ހަމަހަމަކަމާއި އިންސާފު” ގޮވައި، “އަންހެނުންގެ ހައްގުތަކާއި އިންސާނީ ހައްގުތައް” ކިޔާ ބެނަރތައް ހިފައިގެން ތިބި ކަމަށެވެ.

ނަމަވެސް ފަހުން އެ މުޒާހަރާ ރޫޅާލީ އެތައް ވެހިކަލެއްގައި ތާލިބާން ހަނގުރާމަވެރިން އެ ސަރަހައްދަށް އައިސް ކަމަށް ، މުޒާހަރާގެ ބައިވެރިންގެ ތެރެއިން ތިން އަންހެނަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

“އަހަރެމެން ކާބުލް ޔުނިވާސިޓީ ކައިރީގައި ތިބި އިރު ތާލިބާނުންގެ ތިން ވެހިކަލެއް އައިސް، އޭގެ ތެރެއިން އެއް ވެހިކަލެއްގެ ހަނގުރާމަވެރިން ވަނީ އަހަރެމެންގެ ގަޔަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައި،” ސަލާމަތީ ސަބަބުތަކަށްޓަކައި ނަން ހާމަ ނުކުރުމަށް އެދި މުޒާހަރާކުރި މީހަކު ބުންޏެވެ.

މުޒާހަރާގެ އިތުރު ދެ މީހަކު ބުނީ ސްޕްރޭގެ ސަބަބުން އޭނާގެ ލޮލާއި މޫނުގެ އެލާރޖިކް ރިއެކްޝަނެއް ފެނުމުން އޭގެ ތެރެއިން އެއް އަންހެނަކު ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ.

އޭއެފްޕީގެ ކޮރެސްޕޮންޑެންޓަކަށް ފެނުނީ ހަނގުރާމަވެރިޔަކު މުޒާހަރާގެ މަންޒަރުތައް ވީޑިއޯ ކުރަމުން ދިޔަ މީހެއްގެ މޯބައިލް ފޯނެއް އަތުލި ތަނެވެ.

ހަރުކަށި ފިކުރަށް ނިސްބަތްވާ އެ ޖަމާއަތުން ވަނީ ހުއްދަ ނެތް މުޒާހަރާތައް މަނާކޮށް، އަންހެނުންނަށް ހައްގުތައް ހޯދައިދިނުމަށް ގޮވާލާ އެއްވުންތައް ގަދަބާރުން ރޫޅާލުމަށް ގިނަ ފަހަރަށް ނުފޫޒު ފޯރުވާފަ އެވެ.

ތާލިބާން ޖަމާއަތުން ވަނީ ޕަބްލިކް ސެކްޓާގެ އަންހެން މުވައްޒަފުން ވަޒީފާއަށް އެނބުރި އައުމަށް ހުރަސް އަޅާފައެވެ.

މަހުރަމަކާ އެކު ނޫނީ އަންހެނުންނަށް ދިގު ދަތުރުތައް ކުރުން މަނާކޮށްފައިވެ އެވެ.

އަދި އަންހެން އެކްޓަރުން ހިމެނޭ ސިލްސިލާތައް ޓީވީ ޗެނަލްތަކުން ބްރޯޑްކާސްޓް ނުކުރެވޭ ގޮތަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ގައިޑްލައިންތަކެއް ނެރެފަ އެވެ.

ޓެގް

ޠާލިބާން އަފްޣާނިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.