ޚަބަރު ރާއްޖެ ތަރައްޤީ ކުރުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތަކީ މުޅިން އެހެން ރާއްޖެއެއް ބިނާކުރުން: ނަޝީދު

ރާއްޖެ ތަރައްޤީ ކުރުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތަކީ މުޅިން އެހެން ރާއްޖެއެއް ބިނާކުރުން: ނަޝީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖެ ތަރައްޤީ ކުރުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތަކީ މުޅިން އެހެން ރާއްޖެއެއް ބިނާކުރުން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި މިރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތަކީ މުޅިން އެހެން ރާއްޖެއެއް ބިނާކުރުންކަމަށެވެ. އެމަސައްކަތުގައި މިހާރުވެސް ވަރަށް ބާރަށް މަސައްކަތް ކުރެވެމުންދާކަމަށެވެ. ނަމަވެސް އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަންޖެހިފައިވާކަމާށާއި، މިމަސައްކަތް ކުރެވޭނީ އެމްޑީޕީއަށް އަދި އިތުރު 10 އަހަރު ލިބިގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދިވެސް އުންމީދުކުރާ ޖަމްޕު އަދި ނުޖެހޭ. މިއަދުލާ އެންމެ ވޯޓަކުންވެސް އަދި މިކަން ނުވާނެ. އާންމު ހާލަތު ރަނގަޅުވުމަށް އެމްޑީޕީއަށް އަދި 10 އަހަރުގެ ވެރިކަމެއް ބޭނުންވޭ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ގެންނަން ބޭނުންވާ ތަރައްޤީއަކީ ކޮންކްރީޓް ތަރައްޤީ ގެނައުން ނޫންކަމަށެވެ. އެމްޑީޕީން ބޭނުންވާ ތަރައްޤީއަކީ އަބަދުވެސް މީހާގެ ޖީބަށް ވަންނަ ފައިސާ ކަމަށާއި އެކަން ނުކުރެވޭނަމަ ތަރައްޤީއެކޭ ކިޔުމުގެ ފުރުސަތެއް ނެތްކަމަށެވެ. އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ޖީބަށް ވަންނަމުންދާ ފައިސާ އިތުރު ކުރުމަށް ކަމަށާއި އެކަން އެމްޑީޕީން ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއިއެކު މިސަރުކާރުން ކުރާ އެންމެ މުހިންމު މަސައްކަތަކީ މަތީ ތައުލީމަށް ޚާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތް ކަމަށާއި، ހިލޭ ޑިގްރީގެ ޕްރޮގުރާމަކީ މިސަރުކާރުން ހިންގާ އެންމެ ކާމިޔާބު އެންމެ ބޭނުންތެރި މަޝްރޫޢުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރު މިނިމަމްވޭޖް ކަނޑައެޅި ކުޑައުޖޫރަ ލިބެމުންދިޔަ މީހުންނަށް ހަމަ އުޖޫރައެއް ލިބޭނެ ގޮތް ފަހިކޮށްދީފައިވާކަމަށެވެ.

އުމްރާނީ ބިނާތަކަކުން، އެއްވެސް ތަނެއްގެ ރައްޔިތެއް ތަރައްޤީ ވެދާނެކަމަށް، އާންމު ހާލަތު ބަދަލުވެދާނެކަމަށް ހީކުރުމަކީ ކުށްހީއެއް، ބޮޑިހިލައާއި، އެއްގަމު ތޮއްޓަކީ އަޅުގަނޑުމެން ދަންނަވާ ތަރައްޤީއެއްނޫން. ތަރައްޤީއަކީ މީހާއަށް އަންނަ ބަދަލު. އަންނަ ތަރައްޤީ. ބަލިވީމާ، ބޭސްކުރެވުން، ތައުލީމު ހޯދުން. އަޅުގަނޑުމެންގެ ތަރައްޤީއަކީ ޖީބަށްވަންނަ ފައިސާ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސް ނަޝީދުވަނީ “އިންޑިއާ އައުޓް” ހަރަކާތަށްވެސް ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އިސްކޮށް ހުންވައިގެން އެކުރައްވަނީ ވަރަށް ނުރައްކާތެރި މަސައްކަތެއް ކަމަށެވެ. އެކަމުން ނިކުންނާނެ ނަތީޖާއަކީ ދިވެހި ރައްޔިތުންނަށް އެކަމުން ގެއްލުންތަކެއް ވުންކަމަށާއި، އެކަން އެނގިހުރި ކުރައްވާ މަސައްކަތަކަތުގައި ދިވެހި ރައްޔިތުން ބައިވެރި ނުވުމަށް ރައީސް ނަޝީދު ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީން އެކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް. ދުނިޔޭގެ އެންމެ ބޮޑު ބާރެއްގެ ގޮތުގައި އޮތް، އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި ޤައުމާއި މޫނުކެނޑޭގޮތް ހެދުން. އޭގެ ނުރައްކާތެރިކަން އިންސާނީ ތަޖުރިބާ ޤައުމުތަކުގެ ހަޔާތުން ފެންނަން އެބަހުރި.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވިސްނަންވީ ދާއިރާ ތަރައްޤީކޮށް، ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދާއިރާއަކަށް ހެދުންކަމަށެވެ. އަދި މިދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް ހުސެއިން ވަހީދުގެ މަސައްކަތްޕުޅު ނިންމާލުމަށް ޖާގަލިބޭ ގޮތަކަށް ފުރުސަތު ދިނުންކަމަށެވެ. އެއީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓެގް

ކޮމަންޑޫދާއިރާ ފޯކައިދޫ ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.