ޚަބަރު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ އާރަށު މުއާމަލާތާ ގުޅުންހުރި ފައިސާއެއް ނޫން: ޑރ.ޖަމީލް

ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ އާރަށު މުއާމަލާތާ ގުޅުންހުރި ފައިސާއެއް ނޫން: ޑރ.ޖަމީލް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ އާރަށު މުއާމަލާތާ ގުޅުންހުރި ފައިސާއެއް ނޫން ކަމަށް ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

އާރަށް މައްސަލާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ރައީސް ޔާމީން ގެ ގާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތުގެ ހެކިބަސް ފިޔަވައި އެ ބޭފުޅުންގެ ހެކިބަހަށް ބާރުދޭނެ ހެއްކެއް ނެތުމުން އެމައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށްނުގެންދެވޭނެ މައްސަލައެއްކަމުގައެވެ.

ޖަމީލު ފާހަގަކުރެއްވިގޮތުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ އެމަނިކުފާނު ހިންގެވި ޑޮލަރު ބައްލަވައިގަތުމުގެ މުއާމަލާތެއްގެ ތެރެއިން ލިބިވަޑައިގެންނެވި ފައިސާ ކަމަށެވެ. އަދި އެރަށް ވިއްކާލުމުގައި އެމަނިކުފާނު މަޤާމުގެ ނުފޫޒު ބޭނުންކުރެވިކަމަށް ތުހުމަތުކުރި ނަމަވެސް އެ ރަށް ކުއްޔަށް ދީފައިވަނީ ރަށްތައް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ކަމަށްވާއިރު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ އެ މުއާމަލާތާ ގުޅުންހުރި ފައިސާ ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މައްސަލައާއި ގުޅިގެން ދައުލަތުން ބުނީ ރައީސް ޔާމީން އެއިރު ހުންނެވީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ކަމަށްވުމުން ޑޮލަރު ބައްލަވައިގަތުމުގެ މުއާމަލާތެއް އެމަނިކުފާނަށް ނުހިންގެވޭނެކަމަށެވެ. މިވާހަކަ އާއި ގުޅިގެން މައްސަލައާ ގުޅުން ނެތް ވާހަކަ ދައުލަތުން ދައްކާކަން ފާހަގަކުރައްވައި ޔާމީންގެ ވަކީލުން އިއުތިރާޒުކުރެއްވިއެވެ. އެ އިއުތިރާޒު ޤަބޫލުކުރައްވައި މައްސަލައާ ގުޅުމެއް ނެތް ވާހަކަ ނުދެއްކުމަށް ދައުލަތަށް މައްސަލަ ބައްލަވާ ޤާޟީ ވަނީ އެންގެވިއެވެ.

ޑރ.ޖަމީލު އިތުރަށް ވިދާޅުވީ މި މައްސަލާގައި ދައުލަތުން މައިގަނޑު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ދޭނެ އިތުރު ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެ ބޭފުޅުންގެ ހެކިބަހަކީ އެއަށް ބުރަދަންދޭނެ އިތުރު ހެއްކެއް ނެތި އެ ހެކިބަހަށް ބުރަދަންދެވޭނެ ހެކިތަކެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

ޖަމީލްގެ މިވާހަކައާއި ގުޅިގެން އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަންދޭނެ އެތައް ހެއްކެއް ހުށަހަޅާފައިވާނެ ކަމަށް ދައުލަތުން ބުނުމުން ޑރ.ޖަމީލު ވިދާޅުވީ ދައުލަތުން ބައެއް ހެކި ސިއްރުކޮށްފައިވާ ކަމަށާއި އެއީ ރައީސް ޔާމީން ފުރޭމްކުރުމަށް ހިންގާ ސިލްސިލާ މަސައްކަތެއް ކަމަށެވެ.

މި މައްސަލަ މަދަނީ މިންގަނޑު ތަކުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ޖަމީލް ވިދާޅުވިކަމުގައި ވިޔަސް، ޤާޟީ އަޙްމަދު ޝަކީލު ނިންމަވާފައިވަނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށެވެ. އަދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަށް ފަނަރަ ދުވަހުގެ މުހުލަތެއްވަނީ ދެއްވާފައެވެ.

އާރަށުގެ މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ހޯއްދަވައި މަނީ ލޯންޑާ ކުރެއްވިކަމަށް ތުހުމަތުކޮށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

ޓެގް

ޑރ.ޖަމީލް ރައީސްޔާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.