ޚަބަރު ކޮންމެ ކުއްޖަކީވެސް ރައްކާތެރިކަން ލިބިފައިވާ ކުއްޖެއްކަން ކަށަވަރު ކުރަން ޖެހޭ: ރައީސް

ކޮންމެ ކުއްޖަކީވެސް ރައްކާތެރިކަން ލިބިފައިވާ ކުއްޖެއްކަން ކަށަވަރު ކުރަން ޖެހޭ: ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ކޮންމެ ކުއްޖަކީވެސް ރައްކާތެރިކަން ލިބިފައިވާ ކުއްޖެއްކަން ކަށަވަރު ކުރަން ޖެހޭކަމަށާއި، ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ވަނީ ކުޑަކުދިންގެ ދުވަހުގެ ހެޔޮއެދުމާ ތަޙްނިޔާ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ފޮނުވާފައެވެ. ރައީސްގެ ޓްވީޓްގައި ކޮންމެ ކުއްޖަކީވެސް ރައްކާތެރިކަން ލިބިފައިވާ ކުއްޖެއްކަން ކަށަވަރު ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެކުދިން ހެދިބޮޑުވަމުން އަންނަ މާހައުލަކީ ވެސް އެކުދިންނަށް ރައްކާތެރިކަން ލިބިފައިވާ މާހައުލެއްތޯ ޔަގީން ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އިޖްތިމާޢީ ނަޒަރުން ބަލާއިރު ރާއްޖޭގައި ކުޑަކުދިންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމާއި އިޙްތިރާމް ލިބިދެއެވެ. އެހެންނަމަވެސް، ކުޑަކުދިންގެ ޙައްޤުތަކާ ފުށުއަރާފަދަ ޙާދިސާތައް މަދުންނަމަވެސް ހިނގައެވެ. ކުޑަކުދިންނާ ގުޅޭ މިބާވަތުގެ މައްސަލަތަކަކީ ދައުލަތުގެ މުއައްސަސާތަކުން ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާ މައްސަލަތަކެކެވެ. އަދި މުޖުތަމަޢުގެ އަފުރާދުން މިފަދަ މައްސަލަތަކަށްދޭ ޚާއްޞަ ސަމާލުކަމަކީ ކުޑަކުދިންނާމެދު މުޖުތަމަޢުން ބަހައްޓާ ސަމާލުކަން ހާމަވެގެންދާކަމެކެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް މުޖުތަމައުގައި ޚާއްޞަ އުސޫލަކުން ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ލާޒިމުކުރެއެވެ. 1991 ވަނަ އަހަރުން ފެށިގެން ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއް ފާސްކޮށް، އެއަށް ރާއްޖޭގައި އަންނަނީ ޢަމަލުކުރަމުންނެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، ސިއްޙަތު ރަނގަޅު ބައެއްގެ ގޮތުގައި ބެލެހެއްޓުމަކީ މައިންބަފައިންނާއި، ދިވެހި ސަރުކާރުގެ މައްޗަށް މިޤާނޫނު ލާޒިމުކުރާކަމެކެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާމެދު ޚާއްޞަ އުޞޫލަކުން ޢަމަލުކުރުމާއިބެހޭ ޤާނޫނާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުންވެސް ކުޑަކުދިންނަށް ޚާއްޞަ ރައްކާތެރިކަމެއް ލިބިދެއެވެ. ކުޑަކުދިންކުރާ ކުށްތަކުގެ މައްސަލަތައް ބެލުމަށް ޖުވެނައިލް ކޯޓްގެ ނަމުގައި ޚާއްޞަ ކޯޓެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

ޓެގް

ކުޑަކުދިން ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.