ޚަބަރު އިންޑިއާ އާއި ރާއްޖެއާއި ދެމެދު ގުޅުން އޮންނަން ނުޖެހޭނެކަމަށް ދިވެހިން ޤަބޫލެއް ނުކުރޭ: ރައީސް ނަޝީދު

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ގުޅުން އޮންނަން ނުޖެހޭނެކަމަށް ދިވެހިން ޤަބޫލެއް ނުކުރޭ: ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


އަވަށްޓެރި އިންޑިއާ އާއި ދިވެހި ރާއްޖެއާއި ދެމެދު ގުޅުން ޤާއިމް ވެފައި އޮންނަން ނުޖެހޭނެކަމަކަށް ދިވެހިން އެއްވެސް އިރެއްގައި ޤަބޫލެއް ނުކުރާކަމަށާއި އެގުޅުން އަބަދުވެސް އޮންނަންޖެހޭނެކަމަށް ރައްޔިތުންގެ މަޖްލިސްގެ ރައީސް ރައީސް މުޙްއްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ޓީވީ ޗެނަލްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ދިވެހި ޓީވީ ޗެނަލް މިހާރު ޓްރެއިލަރ ދައްކަން ފަށާފައިވާ ނަޝީދުގެ މި އިންޓަވިއު ގެނެސް ދިނުމަށް ހަމަޖެހިފައިވަނީ މިއަދު 14:30 ގައިކަމަށް އެ ޓީވީ ޗެނަލްއިން ކޮށްފައިވާ ޓުވީޓުގައި ލިޔެފައި ވެއެވެ.

މިހާރު އާންމުކޮށް އިސްތިހާރު ކުރަން ފަށާފައިވާ މި ޓެރެއިލަރއިން އެގޭ ގޮތުގައި، މި އިންޓަވިއުގައި ނަޝީދުވަނީ 6 މޭގެ ޓެރަރިސްޓު ހަމަލާގެ އިތުރުން، ރައީސް ސާލިހުގެ ސަރުކާރުގައި، ރައީސް ސާލިހުގެ ތިމާގެ ބޭފުޅުން ގިނަ ކަމަށް ވިދާޅުވެ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން މިހާރު އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ “އިންޑިއާ އައުޓު” ކެމްޕޭނާ ގުޅޭގޮތުންވެސް މި އިންޓަވިއުގައި ނަޝީދުވަނީ ވާހަކަ ދައްކަވާފައެވެ.

މިއަދު ނަޝީދު އިންޓަވިއު ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، ނަޝީދުގެ ތާއީދާއެކީ މިއިންތިޚާބުގައި ވާދަކުރަމުންދަނީ، ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު، އަދި ނަޝީދުއާއި ގާތް ގުޅުމެއް އޮންނަ، އިމްތިޔާޒު ފަހުމީއެވެ. ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ މި އިންތިޚާބުގައި ތާއީދު ކުރައްވަނީ ނަޒާހަތްތެރި ކެނޑިޑޭޓަކަށް ކަމަށް ވިދާޅުވެ، އިމްތިޔާޒު ފަހުމީހަށް އެމަނިކްފާނުގެ ތާއީދު އޮތްކަންވެސް ހާމަ ކުރައްވާފައެވެ. ރައީސް ސާލިހުގެ ތާއީދާއެކީ އިންތިޚާބުގައި ވާދަކުރަމުންދަނީ، ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ކެމްޕޭން ވާދަވެރިކަން ބޮޑުވެ، މި ކެމްޕޭންގައި ދެފަރާތުންވެސް ވަނީ އެއްބަޔަކު އަނެއްބަޔަކަށް ވަގަށްގޮވާ، ރާބިއުމާއި ޒިނޭގެ ތުހުމަތުވެސް އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އަޅުވާފައެވެ.

އެމްޑީޕީގެ ޗެއަރ ޕާރސަންއަކު އިންތިޚާބު ކުރުމަށް އެޕާޓީގެ މެމްބަރުން މިއަދު ވޯޓު ލާން ނިކުންނައިރު، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ފުރުސަތު ދިނުމަށް ޕާޓީގެ ސެކެޓްރިއޭޓުންވަނީ ޕާޓީގެ އެންމެހާ މެމްބަރުންނަށް ގޮވާލާފައެވެ. އަދި ދެ ކެނޑިޑޭޓުންވެސް ވަނީ، މިއީ އެމްޑީޕީގެ މުސްތަގުބަލާއި އެތައް ގޮތަކުން ގުޅި ލާމެހިގެންދާ އިންތިޚާބަކަށް ވެގެން ދާއިރު، މިއިންތިޚާބުގައި ގިނަ ބަޔަކު ވޯޓު ލުމަށާއި އަދި ވިސްނުންތެރިކަމާއެކު ވޯޓު ދިނުމަށް ގޮވާލައްވާފައެވެ.

ޓެގް

ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.