އެމެރިކާއިން ޔޫކްރޭނަށް ދުރުރާސްތާގެ މިސައިލްތައް ފޯރުކޮށްދޭން ފަށައިފި ނަމަ ރަޝިޔާ އިން އާ އަމާޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ރައީސް ވްލަޑިމިއާ ޕޫޓިން ހުޅަނގަށް ދެއްވައިފި އެވެ.
މިފަދަ މިސައިލްތައް ފޯރުކޮށްދީފިނަމަ “އަހަރެމެން އަދި ހަމަލާ ނުދޭ އަމާޒުތަކަށް ހަމަލާދޭނަން” ކަމަށް ރޮސިޔާ-1 ދައުލަތުގެ ޓީވީ ޗެނަލަށް ދިން އިންޓަވިއުއެއްގައި ޕޫޓިންއާ ހަވާލާދީ ބުނެފައިވެ އެވެ.
ޓާސް ނިއުސް އެޖެންސީން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ދުރު ރާސްތާގެ މިސައިލްތައް ފޯރުކޮށްދޭން ފަށައިފިނަމަ ރަޝިޔާއިން ކުރިއަށް ގެންދަން ރާވާފައިވާ އަމާޒުތަކުގެ ނަން ޕޫޓިން ވިދާޅެއް ނުވެ އެވެ.
ޔޫކްރޭނުން އަންނަނީ ރަޝިޔާ ސިފައިންގެ ފަހަތުގައި ތިބި ސިފައިންނާއި ހަތިޔާރު ރައްކާކޮށްފައިވާ ތަންތަނަށް ހަމަލާ ދިނުމަށް އެމް270 އަދި އެމް142 ހިމާސް ފަދަ މަލްޓިޕަލް ރޮކެޓް ލޯންޗް ސިސްޓަމްސް (އެމްއެލްއާރުއެސް) ހޯދަމުންނެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން މި ހަފްތާގައި ޔޫކްރޭނަށް ޕްރެސިޝަން ހިމާސް ރޮކެޓް ސިސްޓަމްތައް ދިނުމަށް ރާވާފައިވާކަން އިއުލާން ކުރެއްވީ ރަޝިޔާގެ އެތެރޭގައި ހުންނަ އަމާޒުތަކަށް ހަމަލާ ދިނުމަށް އެ ސިސްޓަމްތައް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ކިއެވް އިން ލިބުމުންނެވެ.
ޔޫކްރޭނަށް ޒަމާނީ ރޮކެޓް ސިސްޓަމްތައް ފޯރުކޮށްދިނުމަށް އެމެރިކާ ނިންމުމުން ހަމަނުޖެހުން އިތުރަށް ގޯސްވެދާނެ ކަމަށް ރަޝިޔާގެ އޮފިޝަލުން އިންޒާރު ދިން ނަމަވެސް، ހަނގުރާމައިގެ މައިދާނަށް އަސާސީ ބަދަލެއް ނުގެންނާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...