ބާޒާރުގައި ކެރެޓުގެ އަގު އާދަޔާ ޚިލާފަށް އުފުލުމާ ގުޅިގެން، ސަޕްލައި އިތުރުކޮށް އަގުތައް ހަމައަކަށް އެޅުވުމަށްޓަކައި އަމިއްލަ ވިޔަފާރިވެރިންގެ ޝިޕްމަންޓްތައް ކްލިއާކޮށްދީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް އިތުރު ކޮންޓެއިނަރުތައް ބާޒާރަށް ނެރުމުގެ މަސައްކަތް ފަށައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި، ބާޒާރުގައި ކެރެޓުގެ އަގު ބޮޑުވާން މެދުވެރިވީ މުދާ ސަޕްލައިކުރުމުގައި ކުރިމަތިވި ދަތިތަކަކާ ގުޅިގެންނެވެ. ނަމަވެސް، ސަޕްލައިގެ ދަތިކަން ކުރިމަތިވި ކުންފުނިތަކުގެ ޝިޕްމަންޓްތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެން މިހާރު ކްލިއާކޮށްދީފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަޕްލައި ހަމަޖެހިފައިވާތީ، ވިޔަފާރިވެރިން ދެން އަގު ބޮޑުކޮށް ކެރެޓު ނުވިއްކާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި ބާޒާރުގައި ސަޕްލައި މަދުވި ދަނޑިވަޅުގައި ވެސް، އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެސްޓީއޯއިން ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކަމުން ގެންދިޔަކަން އޭނާ ހާމަކުރެއްވިއެވެ.
ފާއިތުވި ދުވަސްތަކުގައި ބާޒާރުގައި ކެރެޓުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އެގޮތުން، ކުރިން 180 ރުފިޔާއާއި 200 ރުފިޔާއާ ދެމެދުގެ އަގަކަށް ލިބުނު ކެރެޓު ކޭހެއްގެ އަގު 1,500 ރުފިޔާއަށް އަރާފައިވާއިރު، އާންމުކޮށް 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދު ވިއްކި ކެރެޓު ކިލޯއެއްގެ އަގު ވަނީ 160 ރުފިޔާއާއި 170 ރުފިޔާއާ ދެމެދަށް އުފުލިފައެވެ.
ކެރެޓުގެ އިތުރުން ބާޒާރުގައި ކާބޯތަކެތީގެ އެހެނިހެން ބައެއް އަސާސީ ބާވަތްތަކުގެ އަގަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރިން 400 ރުފިޔާއަށް ވުރެ ހެޔޮކޮށް ލިބުނު ބިސް ކޭހެއް މިހާރު 530 ރުފިޔާއަށް ވިއްކަމުންދާއިރު، ކުރިން 230 ރުފިޔާއާއި 250 ރުފިޔާއާ ދެމެދު ހުރި ފިޔާ ބަސްތާއެއްގެ އަގު ވަނީ 480 ރުފިޔާއާއި 500 ރުފިޔާއާ ދެމެދަށް ބޮޑުވެފައެވެ.
އާންމު ބާޒާރުގައި އަގުތައް އުފުލުނު ނަމަވެސް، އަގުތައް ކޮންޓްރޯލް ކުރުމަށްޓަކައި އެސްޓީއޯގެ ފިހާރަތަކުން އަންނަނީ ހެޔޮ އަގުގައި މުދާ ފޯރުކޮށްދެމުންނެވެ. އެގޮތުން އެސްޓީއޯއިން ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކާއިރު، ފިޔާ ކިލޯއެއް 15 ރުފިޔާއަށް، އަލުވި ކިލޯއެއް 12 ރުފިޔާއަށް އަދި ލޮނުމެދު ކިލޯއެއް ވިއްކަމުންދަނީ 50 ރުފިޔާއަށެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު ނިމިދިޔަ އޮކްޓޫބަރު މަހު މާލޭގައި އަސާސީ ތަކެތީގެ އަގު ވަނީ 9 އިންސައްތަ އުފުލިފައެވެ. އަދި މަހުން މަހަށް ބަލާއިރު ތަކެތީގެ އަގުތަކަށް ވަނީ 1.01 އިންސައްތައިގެ އިތުރުވުމެއް އައިސްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...