ޔޫކްރޭންގެ ހަނގުރާމަ އަހަރުތަކެއް ވަންދެން ދެމިގެންދާނެ ކަމަށް ނޭޓޯގެ ވެރިޔާ އިންޒާރު ދެއްވައިފި އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މިއިންޒާރު ދެއްވީ 16 ޖޫންގައި އަސްކަރީ އިއްތިހާދުގެ ޑިފެންސް މިނިސްޓަރުންނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
އަހަރުތަކެއް ވަންދެން މި ހަނގުރާމަ ދެމިގެންދާއިރު، ޔޫކްރޭނަށް ތާއީދު ކުރަމުން ގެންދިއުމަށް ހުޅަނގުން ތައްޔާރުވާން ޖެހޭ ކަމަށް ނޭޓޯގެ ވެރިޔާ ވަނީ ވިދާޅުވެފަ އެވެ.
ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ ހަނގުރާމައަށް ކުރާ ހަރަދުތައް ބޮޑު ނަމަވެސް މޮސްކޯގެ އަސްކަރީ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ދޫކޮށްލުމުގެ އަގު އެއަށްވުރެ ބޮޑު ކަމަށެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ދިގު މުއްދަތަކަށް ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
މި އިންޒާރާއެކު، އިނގިރޭސި ސިފައިންގެ ވެރިޔާގެ މަޤާމަށް އަލަށް އައްޔަން ކުރެއްވި ބޭފުޅާ ވިދާޅުވީ އިނގިރޭސިވިލާތާއި އެކުވެރި ގައުމުތަކަށް ރަޝިޔާއާ އެކު ގްރައުންޑް ވާރ ކާމިޔާބު ކުރުމުގެ ގާބިލްކަން ހުންނަން ޖެހޭ ކަމަށެވެ.
މިސްޓަރ ސްޓޮލްޓެންބަރގް އާއި މިސްޓަރ ޖޯންސަން ވިދާޅުވީ އިތުރު ހަތިޔާރު ފޮނުވުމުން ޔޫކްރޭނަށް ކާމިޔާބީ ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
ހުޅަނގުގެ އަސްކަރީ އިއްތިހާދުގެ ވެރިޔާ ވިދާޅުވީ ޔޫކްރޭނަށް އިތުރު ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމުން އެގައުމުގެ އިރުމަތީ ޑޮންބާސް ސަރަހައްދު މިނިވަން ކުރެވޭނެ ފުރުސަތު އިތުރުވާނެ ކަމަށާއި މިހާރު ރަޝިޔާގެ ކޮންޓްރޯލްގެ ބޮޑު ބައެއް އޮތް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...