ހަނގުރާމަވެރި ޖަމާއަތުގެ އެންމެ އިސް ފަސް ލީޑަރުންގެ ތެރޭގައި ހިމެނޭ، ސީރިއާގައި ހަރަކާތްތެރިވާ އައިއެސްޖަމާއަތުގެ ލީޑަރު އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި މަރާލައިފި އެވެ.
ޕެންޓަގަންސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ޑޭވް އީސްޓްބަރން އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މެހެރް އަލް-އަގަލް މަރާލާފައިވަނީ ސޫރިޔާގެ އުތުރުގައި އޮންނަ ޖިންޑިއަރސް ކައިރިން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ކަމަށާއި، އޭނާގެ އިސް އެހީތެރިޔަކު “ވަރަށް ބޮޑަށް ޒަޚަމްވެފައިވާ” ކަމަށެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ އަގަލް މަރާލާފައިވަނީ ޑްރޯން ހަމަލާއެއްގައި ކަން ކަށަވަރުކޮށްދީފައެވެ.
“ވައިޓް ހެލްމެޓްސް” ގެ ނަމުން މަޝްހޫރުވެފައިވާ ވޮލަންޓިއަރ ސީރިއަން ސިވިލް ޑިފެންސް ފޯސްއިން ބުނެފައިވަނީ، ހަލަބްގެ ބޭރުގައި ހުރި ސައިކަލަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، އިތުރު މީހަކު ޒަޚަމްވެފައިވާ ކަމަށާއި، ނަމަވެސް ޒަޚަމްވި މީހުން ދެނެގަނެވިފައި ނުވާ ކަމަށެވެ.
އޮބްޒަވޭޓަރީން އައިއެސްގެ ގަވަރުނަރު ފޯ ދަ ލެވަންޓް ގެ ނަމުން ނަންދީފައިވާ އާގަލްއާ ބެހޭ މާ ބޮޑު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އޭނާއަކީ މުޅި އައިއެސްގެ “އެންމެ އިސް ފަސް” ލީޑަރުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ސިފަކޮށްފަ އެވެ.
“އެ ޖަމާއަތުގެ އިސް ލީޑަރަކަށް ވުމުގެ އިތުރުން، އިރާގާއި ސީރިއާއިން ބޭރުގައި އައިއެސްގެ ނެޓްވޯކްތައް ތަރައްގީ ކުރުމުގެ މަސައްކަތް ހަރުކަށި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ޒިންމާ އޮތީ އަލް އަގަލްގެ ބޮލުގައި،” އެ ޓީމުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެމެރިކާއާއި ގުޅިފައިވާ ކުރުދީ ސީރިއަން ޑިމޮކްރެޓިކް ފޯސަސްގެ ތަރުޖަމާނަކު ވިދާޅުވީ، ހަމަލާދިން ދެމީހުންނަކީވެސް ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ އަހްރާރް އަލް ޝަރްޤިއްޔާއާ ގުޅުން އޮންނަ ދެ މީހުން ކަމަށެވެ.
އެ ޖަމާއަތުން ވަނީ އައިއެސްގެ ކުރީގެ ލީޑަރުންނާއި އެ ޖަމާއަތުގެ އެހެން ވެސް ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުގެ މެމްބަރުން އެއްތަންކޮށް، ސީރިއާގެ އުތުރުގެ ސަރަހައްދުތަކުގެ ތެރޭގައި ތުރުކީގެ ބާރުގެ ދަށުގައިވާ ކުރުދީ އަމާޒުތަކަށް ހަމަލާތައް ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...