ޚަބަރު ހުއްޓާނުލައި 5 ގަޑިއިރު މާލެއަށް ބޯކޮށް ވާރެވެހުނު: މެޓް

ހުއްޓާނުލައި 5 ގަޑިއިރު މާލެއަށް ބޯކޮށް ވާރެވެހުނު: މެޓް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މެދުކެނޑުމެއްނެތި ހުއްޓާނުލާ ބޯކޮށް މާލެއަށް ވާރޭ ވެހުނު ކަމަށާއި، ވޭތުވެދިޔަ 24 ގަޑިއުރު އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އިއްޔެ މެންދުރުފަހުން ފެށިގެން ވެހެންފެށި ވާރޭ ހުއްޓާ ނުލައި 5 ގަޑިއިރަށްވުރެ ގިނައިރު ވެހިފައިވެއެވެ. މީގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ވަރަށްބޮޑަށް ފެންބޮޑުވެ ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުންވަނީ ފެން ހިއްކުމުގެ މަސައްކަތް މިރޭ ކޮށްފައެވެ. އެގޮތުން މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު (އެފްއާރުއެސް)އިން ފެން ހިއްކުމުގެ މަސައްކަތްކޮށްފައިވެއެވެ.

އިއްޔެ ހަވީރު 17:30އިން ފެށިގެން ބޮޑުތަކުރުފާނު މަގު، ދުވާ ޓްރެޖް ސަރަޙައްދުގައި ބޮޑުވެފައިވާ ފެންގަނޑު ޕަންޕު ބަހައްޓައިގެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އައިޖީއެމްއެޗް ސަރަހައްދުގައި ވެސް ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓު ނަސޫޙު އިސްމާޢީލް ވިދާޅުވީ، މިރެއާއި މާދަމާގެ ވަގުތުތަކުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޮޑަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމުގައި ނަސޫޙު ވިދާޅުވިއެވެ.

މިވިއްސާރާގައި ވިލާގަނޑުގައި 45 މޭލާއި 55 މެލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާ، އެހެންކަމުން މިވަގުތުތަކުގައި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭތީ، ވިއްސާރަ ވިލާގަނޑު އަންނަވަގުތުތަކަށް ސަމާލުވެ ދަތުރުފަތުރުކުރުމުގައި ރައްކާތެރިވުމަށް ނަސޫޙް އިލްތިމާސްކުރެއްވިއެވެ.

މެޓް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ލަފާކުރެވިފައިވަނީ މާލެއަށެވެ. އެއީ ހުޅުލެއަށް ވެހުނުކަމަށް ރެކޯޑުކުރެވުނު 122 މިލިމީޓަރުގެ ވާރެއެވެ.

އަންނަ ހުކުރު ދުވަހާހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވަރަށްބޮޑަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ. ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާތެވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރާގައި ގެއްލުންވެގެން އެއްވެސް ފަރާތަކުން ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ރިޕޯޓެއް ލިބިފައި ނުވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ. އެހެންނަމަވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެގެން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެއޮތޯރިޓީން އިލްތިމާސްކުރައްވައެވެ. ޚާއްސަކޮށް އުދައެރުމާއި، ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އަސަރު ބޮޑަށް ކުރާނެކަމަށް ބެލެވޭ ނާޒުކު ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ދުރާލައި ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް އެއޮތޯރިޓީން އިލްތިމާސްކުރައްވައެވެ.

ޓެގް

މާލެސިޓީ މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.