އެމެރިކާގެ ހައުސް ސްޕީކަރ ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ “އަޒުމް ވަރުގަދަ” ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެއިޖިން އިން ވޮޝިންޓަނަށް އިންޒާރު ދީފިއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބެލެވޭ ޕެލޯސީގެ ދަތުރާ ގުޅޭ ރިޕޯޓްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއަން ވިދާޅުވީ އެކަމުގެ ސަބަބުން ޗައިނާއާއި އެމެރިކާގެ ގުޅުމަށް “ބޮޑަށް އަސަރުކުރާނެ” ކަމަށެވެ. އަދި ޕެލޯސީ ޓައިޕޭއަށް ވަޑައިގެންފިނަމަ ‘ވަން ޗައިނާ’ ސިޔާސަތާއި ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު މިހާރު ވެފައިވާ އެއްބަސްވުންތަކާ ހިލާފުވާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
“ޗައިނާ އިން މިކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދަނީ، ދެ ގައުމުގެ ގުޅުމުގެ ސިޔާސީ ބިންގަލަށް ވަރަށް ބޮޑު އަސަރެއް ކުރާނެތީ،” ޒާއޯ ފާހަގަކުރެއްވި އެވެ. “އެމެރިކާއިން ގޯސް މަގެއްގައި ދިއުމަށް ބާރުއަޅާނަމަ، ޗައިނާއިން އެގައުމުގެ އިސްތިގުލާލާއި ސަރަހައްދީ ނަޒާހަތްތެރިކަން ރައްކާތެރިކުރުމަށް އަޒުމް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ. އޭގެ ފަހުން ކުރިމަތިވާ ހުރިހާ ނަތީޖާއެއް އުފުލަންވާނީ އެމެރިކާގެ ފަރާތުން.”
މީގެ ކުރިން އަންގާރަ ދުވަހު ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ މަޖިލީހުގެ ރައީސް ޓައިވާނަށް ޒިޔާރަތް ކުރައްވަނީ ބެއިޖިން އިން ޓައިވާނަށް ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މި ދަތުރު ކުރިއަށްދާނަމަ ޕެލޯސީ ވެގެންދާނީ ފާއިތުވި 20 އަހަރުތެރޭގައި ޓައިވާނުގެ ބިމުގައި ފައި ޖައްސާލި އެމެރިކާގެ އެންމެ އިސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަށެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖްލީހުގެ ރައީސަކު އެންމެ ފަހުން ޓައިވާނަށް ވަޑައިގެންނެވީ 1997 ވަނަ އަހަރުއެވެ. އެބޭފުޅަކީ ރިޕަބްލިކަން ޕާޓީގެ ނިއުޓް ގިންގްރިޗް އެވެ.
އަދި އެމެރިކާއާއި ޓައިވާނާ ދެމެދު ރަސްމީ އެއްވެސް ގުޅުމެއް އޮތުމާމެދު ޗައިނާއިން ދެކޮޅު ހަދާކަންވެސް ޒާއޯ ލިޖިއަން ފާހަގަކުރެއްވިއެވެ. “ކޮންގްރެސް އަކީ އެމެރިކާގެ ދައުލަތުގެ ނިޒާމުގެ ބައެއް. މީގެ މާނައަކީ ޗައިނާއިން ގެންގުޅޭ ‘ވަން ޗައިނާ’ ސިޔާސަތުގައި އެމެރިކާއިން ވަރުގަދައަށް އެއްބާރުލުން ދޭން ޖެހޭނެކަން،” އޭނާ ވިދާޅުވި އެވެ.
ޗައިނާގެ މި އިންޒާރު ދީފައިވަނީ ޓައިވާނަށް ޗައިނާގެ ފިއްތުން ތަކެއް ކުރިމަތިވެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ޓައިވާނަކީ 1949 ވަނަ އަހަރު ޗައިނާގެ ދާޚިލީ ހަނގުރާމަ ނިމުނު ފަހުން، ހަނގުރާމައިގައި ބަލިވި ޗައިނާގެ ބައެއް ވެރިން އެ ޖަޒީރާއަށް ފިލައިގެން ދިޔަ ފަހުން އުފެދުނު އަމިއްލަ ވެރިކަމެއް އޮތް ގައުމެކެވެ. ބެއިޖިން އިން ދެކޭގޮތުގައި ޓައިވާނަކީ ވަން ޗައިނާ ސިޔާސަތުގެ ދަށުން ޗައިނާގެ އަމިއްލަ ސަރަހައްދުގެ ބައެކެވެ.
ހަމައެއާއެކު، އެމެރިކާއިން ވަން ޗައިނާގެ ސިޔާސަތާ އެއްބަސްވާއިރު، ވޮޝިންޓަނުން ޓައިޕޭއާ އެކު ވަރުގަދަ ނުރަސްމީ ގުޅުންތަކެއް އޮންނަކަމަށް ޗައިނާއިން ތުހުމަތު ކުރެއެވެ. އެގޮތުން އެ މެރިކާއިން ޓައިވާނަށް ސިއްރިއްޔާތުގައި ހަތިޔާރުވިއްކާ ކަމަށް ތުހުމަތު ކުރެއެވެ. ޗައިނާއިން ދެކޭގޮތުގައި މިފަދަ ކޮންޓެކްޓްތަކަކީ ޕްރޮވޮކޭޝަންތަކެއްގެ ގޮތުގައި ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުމެވެ. ބެއިޖިން އިން ތަކުރާރުކޮށް މިކަންކަން ދަނީ ކުށްވެރިކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...