ސްރީލަންކާގެ ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ރައީސްގެ ދަތުރުފުޅު ތައިލެންޑުން ކަށަވަރުކޮށްދީފިއެވެ.
ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވަގުތީ ގޮތުން ތައިލެންޑަށް ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެ ގައުމުގައި ސިޔާސީ ހިމާޔަތް ހޯއްދެވުމަށް ގަސްދު ނުކުރައްވާ ކަމަށް ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ތާނީ ސަންގްރަތު ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
ތައިލެންޑަށް ރާޖަޕަކްސާ އެތެރެވުމަށް އެދި މިހާރު އެޤައުމުގެ ސަރުކާރުގެ ފަރާތުން އެދިފައިވާ ކަމަށް ތާނީ ވިދާޅުވި އެވެ. ކުރީގެ ރައީސް ގޮޓަބަޔާ އަތުގައި ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮންނައިރު، އެ ޕާސްޕޯޓުގެ ސަބަބުން 90 ދުވަހުގެ މުއްދަތަށް ވިސާ ނެތި ތައިލެންޑަށް ވަދެވޭނެ އެވެ.
ތާނީ ވިދާޅުވީ ރާޖަޕަކްސަ ވަޑައިގަންނަވާ ތާރީހާ ގުޅޭ އެއްވެސް މައުލޫމާތެއް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށެވެ.
“މުހިންމީ މިކަމުގެ ސަބަބުން ތައިލެންޑަށް އެއްވެސް މައްސަލައެއް ކުރިމަތި ނުވުން،” ރާޖަޕަކްސާ ހުރުމުން ތައިލެންޑް ސަރުކާރާ މެދު ޓެންޝަން އުފެދިދާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ޑޮން ޕްރަމުދުވިނާއީ ލޯކަލް މީޑިއާއަށް ވިދާޅުވި އެވެ.
“މައްސަލައެއް އުފެދިދާނެކަމަކަށް ފޮރިން މިނިސްޓްރީއަކަށް ނުފެނޭ އަދި ސަރުކާރުގެ އިއުތިރާޒެއްވެސް ނެތް.”
ލަންކާގެ ސަރުކާރުން އެ ދަތުރުފުޅަށް ތާއީދުކުރާ ކަމަށް ތާނީ އިތުރަށް ވިދާޅުވި އެވެ. “ ގޮޓަބަޔާގެ ގާތް މީހުންނާއި އޭނާގެ ގިނަ އެކުވެރިން ސަރުކާރުގައި އެބަތިބި.” ތާނީ ވިދާޅުވިއެވެ.
ޖުލައި 9 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އޭނާގެ ރަސްމީ ގެކޮޅަށް ރުޅިއައިސްގެން މުޒާހަރާގެ ބައިވެރިން ވަދެގަތުމާ އެކު މާގިނަ ދުވަހެއް ނުވެ ރާޖަޕަކްސަ ދިވެހިރާއްޖެ މެދުވެރިކޮށް ސިންގަޕޫރަށް ފިލައިގެން ވަޑައިގެންނެވި އެވެ.
“ތައިލެންޑްގައި ތިބި ލަންކާ މީހުން އަޅުގަނޑުމެންނަށް މައްސަލައެއް ކުރިމަތި ކުރުވަފާނެ ކަމަށް ގަބޫލުކުރެވޭނެ އެއްވެސް ސަބަބެއް ނެތް،” ޑޮން ވިދާޅުވި އެވެ.
މަގާމުން ދުރުކުރި ލީޑަރު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް ސްރީލަންކާގެ އޮފިޝަލުން ވިދާޅުވެފައިވީ ނަމަވެސް އެކަން ވާނީ ކޮން އިރަކު ކަމެއް ނޭންގެއެވެ.
އެގައުމުގެ ރައްޔިތުންގެ މަޖިލީހުން އާ ރައީސް ކަމަށް އިންތިހާބުވި ވެޓެރަން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރަނިލް ވިކްރަމަސިންހަ ދެކެނީ ރާޖަޕަކްސާގެ އެކުވެރިއެއްގެ ގޮތުގަ އެވެ. ރާޖަޕަކްސާގެ ސިޔާސީ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތާއީދާއެކު އެންމެ މަތީ މަގާމަށް އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...